ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެން އެ ސަހަރުގެ 50,000އަށްވުރެ ގިނަ ޢަދަދެއްގެ ކުޑަކުދިންނަށް މެލްނިއުޓްރިޝަން ފަދަ ޞިއްޙީ މައްސަލަތައް ތަޙައްމުލު ކުރަން ޖެހިފައިވާ ކަން އދއިން ހާމަކޮށްފިއެވެ. ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ (ޔޫއެންއާރްޑަބްލިޔުއޭ)ން ބުނީ މެލްނިއުޓްރިޝަން ފަދަ ޞިއްޙީ މައްސަލަތައް ތަޙައްމުލު ކުރަން ޖެހިފައިވާ 50,000އެއްހާ ކުޑަކުދިންނަށް ވަގުތުން އެކަށީގެންވާ ޞިއްޙީ ފަރުވާ ބޭނުންވާ ކަމުގައެވެ.
މެލްނިއުޓްރިޝަނަކީ ހަށިގަނޑުގެ ހެދިބޮޑުވުމަށް ބޭނުންވާ ފައިދާހުރި ކާނާ ނުލިބުމުގެ ސަބަބުން ކުރިމަތިވާ ޞިއްޙީ މައްސަލަތަކެވެ. މިއީ, ފުރާނައަށް ނުރައްވާ ފަދަ ސީރިޔަސް މައްސަލައެކެވެ. ފައިދާހުރި ކާނާ ނުލިބުމުގެ ސަބަބުން ޣައްޒާގެ ކުޑަކުދިންގެ އާބާދީގެ ބޮޑު އިންސައްތައެއްގެ ކުދިންގެ ހަށިތައް ވަނީ ހިކިވެ, އަނަރޫފަވާން ފަށާފައެވެ. އަދި, ސްޓަންޓުވުން ނުވަތަ އިސްކޮޅު ހެދިބޮޑުވުން ހުއްޓުން ފަދަ މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ.
ޔޫއެންއާރްޑަބްލިޔުއޭން ބުނީ, ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރަން ޔަހޫދީ ފައުޖުން ހުރަސް އަޅަމުންދާ ނަމަ, އެތަކެއް ސަތޭކަ ހާސް ބަޔަކު ހައިހޫނުގައި ޖެހޭނެ ކަމުގައެވެ. ބަނޑުފުރާނަ މުއްތިކުރެވޭ މިންވަރަށް ކާބޯތަކެތި ނުލިބި, ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީގެ ތެރެެއިން މިލިޔަނަކަށް ވުރެ ގިނަ މީހުން މިހާރު ވެސް ތިބީ ހައިހޫނުގައި ޖެހިފައި ކަމުގައި އދއިން ވަނީ އިންޒާރު ކޮށްފައެވެ.
ޔޫއެންއާރްޑަބްލިޔުއޭން ބުނީ, ޣައްޒާގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން އެ އިދާރާގެ މުވައްޒަފުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމުގައެވެ. އދގެ ކުޑަކުދިންގެ ފަންޑު, ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑަރ ވިދާޅުވީ ޔަހޫދީ ފައުޖުގެ މެދުކެނޑުމެއް ނެތް ޙަމަލާތަކާ ގުޅިގެން ޣައްޒާގެ އެކި ކަންކޮޅުތަކުގައި ހައިހޫނުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދޭން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައެވެ.
"އދ އުފެދުމުގެ ފަހުން ކޮށްފައިވާ ހުރިހާ ހަނގުރާމައަކާ އަޅައިބަލާއިރު [ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނުގައި] މަރުވެފައިވާ [ޝަހީދު ކޮށްލާފައިވާ] އިޖުތިމާޢީ ޚިދުމަތްތެރިންގެ ޢަދަދު އިތުރު،" އެލްޑަރ ވިދާޅުވިއެވެ. ޣައްޒާގައި ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް ކާބޯތަކެތި ފޯރުކޮށްދޭން ކުރަމުންދާ މަސައްކަތްތަކަށް ޔަހޫދީ ފައުޖުން ހުރަސް އަޅަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
މި ގޮތުން, ދަޔިރް އަލް-ބަލަޙާއި ޣައްޒާ ސިޓީއާ ދެމެދުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ 10,000އެއްހާ ކުޑަކުދިންނަށް ކާބޯތަކެތީގެ ޝިޕްމަންޓެއް ފޯރުކޮށްދޭން 13 ގަޑިއިރު މެދުނުކެނޑި ދަތުރު ކުރަން ޖެހުނު ކަމުގައި އޭނާ ވިދާޅުވިއެވެ. "އޭގެ ތެރެއިން ގިނަ ވަގުތު އަޅުގަނޑުމެންގެ މުވައްޒަފުން ހޭދަ ކުރަން ޖެހުނީ [ޔަހޫދީ ފައުޖުން] ގާއިމު ކޮށްފައިވާ ޗެކްޕޮއިންޓުތަކުގައި. އެއަށްފަހު, [ޔަހޫދީ ފައުޖުން ވަނީ] އެހީގެ ސާމާނު ބަރުކޮށްފައިވާ ލޮރީ ކުރިއަށް ދިޔުމަށް ހުރަސް އަޅާފައި. [ޔަހޫދީ ފައުޖުން ވަނީ] 10,000އެއްހާ ކުޑަކުދިން ކާބޯތަކެތިން މަހުރޫމު ކުރުވާފައި،" އެލްޑަރ ވިދާޅުވިއެވެ.
2023 އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ޣައްޒާގައި ލާއިންސާނީ ޢުދުވާން ފެށި ފަހުން ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރަމުން ގޮސްފައި ވަނީ ރަފަޙުގެ ސަރަޙައްދީ ރޮނގުން އެކަންޏެވެ. ނަމަވެސް, މޭ 6ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ބަރުހަތިޔާރާ އެކު އެ ރަށަށް އަރައިގަނެ, އެ ސަރަޙައްދީ ރޮނގު ވެސް ބަންދު ކޮށްފައެވެ. އަދި, ޣައްޒާއަށް ކާބޯތަކެތި ވެއްދެން އޮތް ހުރިހާ މަގަކަށް ހުރަސް އަޅާފައެވެ.
އދގެ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުގޮރުމާރުގެ ޑެޕިޔުޓީ އެގްޒެކެޓިވް ޑިރެކްޓަރ ކޯލް ސަކައޫ ވެސް ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. "ޣައްޒާގެ ދެކުނުގައި ދިރިއުޅޭ މީހުންގެ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ދަށްވަމުން. އެ ސަރަޙައްދުގައި ތިބި މިލިޔަނަކަށް ވުރެ ގިނަ މީހުންނަށް މިހާރު ސާފު ބޯފެނެއް ނުލިބޭ. ނަރުދަމާގެ ނިޒާމެއް ނެތް. އެ ސަރަޙައްދު ވަނީ ތޮއްޖެހިފައި. މަގުތަކުގައި ވަނީ ނަޖިސް ހެދިފައި،" ޣައްޒާގެ ދެކުނަށް ކުރެއްވި ދަތުރުފުޅަކަށް ފަހު ސްކައޫ ވިދާޅުވިއެވެ.
މީގެ އަށް މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 37,337އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 85,299އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.