ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން އެ ސަހަރުގެ ދެކުނުގެ ސަރަޙައްދުތަކަށް ދެމުންދާ ޙަމަލާތައް ވަގުތީ ގޮތުން މެދުކަނޑައިލަން ޔަހޫދީ ފައުޖުން ރޭވުމުން ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެ ކަމާ ރުޅިގަދަވެއްޖެއެވެ. ވަކި ވަގުތެއްގައި ޢުދުވާން ހިންގުން މެދުކަނޑައިލަން ޔަހުދީ ފައުޖުން ނިންމާފައި ވަނީ ޣައްޒާގައި ހާލުގައި ޖައްސައި, ނިކަމެތި ކޮށްލާފައިވާ 2.3 މިލިޔަން މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ގޮވައިލަމުންދާ ގޮވައިލުމަށް ތާޢީދު ކުރުމުގެ ގޮތުންނެވެ.
ޢުދުވާން ހިންގުން ވަގުތީ ގޮތުން މެދުކަނޑައިލަން ނިންމާފައި ވަނީ ކާރިމް އަބޫ ސާލިމް ސަރަޙައްދީ ހުރަހާއި ޞަލާޙިއްދީން މަގުގެ އުތުރުން އޮތް ސަރަޙައްދުގައެވެ. ޔަހޫދީ ފައުޖުން ރާވާފައި ވަނީ, ކޮންމެ ދުވަހެއްގެ ހެނދުނު 8ން އިރުއޮއްސި 7އާ ދެމެދު އެ ސަރަޙައްދުތަކަށް ޙަމަލާ ދިނުން ވަގުތީ ގޮތުން މެދުކަނޑައިލުމަށެވެ.
ޔަހޫދީ ފައުޖުގެ މި ނިންމުމާ މެދު ނަތަންޔާހޫ ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އަދި, އެ ކަމާ މެދު ރުޅިގަދަވެފައެވެ. މިއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ނިންމުމެއް ނޫން ކަން އޭނާ ވަނީ ޔަހޫދީ އަސްކަރިއްޔާއަށް އަންގާފައެވެ. މި ނިންމުން ވެގެން ގޮސްފައި މި ވަނީ, އޭނާގެ ރޭގަނޑުގެ އަރާމު ނިދިކޮޅު ގެއްލުވައިލި ނިންމުމަކަށެވެ.
ޣައްޒާގެ ދެކުނުގައި ހިންގަމުންދާ ޢުދުވާންތައް ވަގުތީ ގޮތުން މެދުކަނޑައިލަން ރޭވުމުގައި އިސްކޮށް ބައިވެރިވި ޔަހޫދީ އަސްކަރިއްޔާގެ އޮފިސަރުންނަށް ސަރުކާރުން ވަނީ އިންޒާރު ދީފައެވެ. މި ގޮތުން, ޔަހޫދީންގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގްވީރް ބުނީ, ޢުދުވާންތައް ވަގުތީ ގޮތުން މެދުކަނޑައިލަން ނިންމުމުގެ ފަހަތުގައި ތިބީ "ސިކުނޑި ހަމަނުޖެހޭ މޮޔައިންތަކެއް" ކަމަށާއި, އެ މީހުން ވަޒީފާއިން ވަކި ކުރަން ޖެހޭ ކަމުގައެވެ. ބެން-ގްވީރަކީ ހައްދުފަހަނަ ޔަހޫދީންގެ ޕާޓީއަކަށް ނިސްބަތްވާ ޖައްބާރެކެވެ.
ޣައްޒާގެ ދެކުނުގެ ބައެއް ސަރަޙައްދުތަކުގައި ކޮންމެ ދުވަހެއްގެ ވަކި ވަގުތެއްގައި ޢުދުވާން ހިންގުން މެދުކަނޑައިލަން ނިންމި ނަމަވެސް, ޣައްޒާގެ ދެކުނުގައި އޮތް ރަފަޙުގައި ތިބި ފަލަސްޠީނުގެ ރެފިއުޖީންނަށް އަމާޒުކޮށް ހިންގަމުންދާ ޢުދުވާންތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާނެ ކަމުގައި ޔަހޫދީ ފައުޖުން ބުނެފައިވެއެވެ.
މި ގޮތުން, މުސްލިމުންގެ ބަރަކާތްތެރި އަދި އުފާވެރި އަޟްޙާ ޢީދާ ރަފަޙުގެ ރައްޔިތުން ކުރިމަތިލާފައި ވަނީ ޔަހޫދީ ފައުޖުގެ ރަޙުމު ކުޑަ ޙަމަލާތަކާ އެކުގައެވެ. އަނިޔާވެރިކަމާއި ބިރުވެރިކަމާ އެކުގައެވެ. ރަފަޙުގައި ހިންގަމުންދާ ޢުދުވާނުގެ ދަށުން ޔަހޫދީ ފައުޖުން ދަނީ ރެފިއުޖީން ދިރިއުޅޭ ފޭލިގެ ކޭމްޕުތަކާއި, ވަގުތީ ހިޔާތަކުގެ އިތުރުން ރަފަޙުގެ ރައްޔިތުންގެ ގެދޮރަށް ބޮން އަޅަމުންނެވެ. އަދި, އަސްކަރީ ޓޭންކުފަހަރު ބޭނުން ކޮށް ޙަމަލާތައް އަމާޒު ކުރަމުންނެވެ. އަދި, ބައެއް ގެތަކުގައި ޔަހޫދީ ފައުޖުން ވަނީ ހުޅުޖަހާފައެވެ.
މީގެ ތެރެއިން ރަފަޙުގެ ތަލް އަލް-ސުލްޠާނަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާއެއްގައި ދެ މީހުން ޝަހީދު ކޮށްލިއެވެ. އަދި, ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލިއެވެ. ޒަޚަމުވެފައިވާ މީހުންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް އެ ސަރަހައްދަށް ދިޔަ އެމްބިޔުލާންސަށް ވެސް ޔަހޫދީ ފައުޖުން ވަނީ ޙަމަލާ ދީފައެވެ. މީގެ އިތުރުން, އަލް-ބުރަޔިޖް ރެފިއުޖީ ކޭމްޕަށް ދިން ޙަމަލާއެއްގައި ނުވަ މީހުން ޝަހީދު ކޮށްލިއެވެ. އޭގެ ތެރޭގައި ހަ ކުޑަކުދިން ހިމެނެއެވެ.
ރަފަޙަށް ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައި މި ވަނީ, ޣައްޒާގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން ދިން ވަރުގަދަ ޙަމަލާތަކެއްގައި ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިންގެ އަށް މީހުން މަރައިލުމާ ގުޅިގެންނެވެ. އެއަށްފަހު, ހިނގި ކުރިމަތިލުންތަކުގައި ޙަމާސުން ވަނީ ޔަހޫދީ ފައުޖުގެ އިތުރު ތިން ސިފައިން މަރައިލާފައެވެ.
މީގެ އަށް މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 37,337އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 85,299އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.