ރަޝިޔާގެ ޖަލެއްގައި ރަހީނުކޮށްފައި ތިބި ދެ ޖަލު އޮފިސަރުން ސަލާމަތް ކޮށްފިއެވެ. މި ހާދިސާ ހިނގާފައި ވަނީ އެ ޤައުމުގެ ދެކުނުގައި އޮންނަ ރަސްތޮފް-ނަދާނޯގައި ހުންނަ ވަގުތީ ޑިޓެންޝަން ސެންޓަރެއްގައެވެ. އެ ތަނުގައި ރަހީނުކޮށްފައި ތިބި ދެ ޖަލު އޮފިސަރުން ސަލާމަތް ކޮށްފައި ވަނީ ރަޝިޔާގެ އަސްކަރިއްޔާގެ ޚާއްޞަ ފައުޖުން ހިންގި އޮޕަރޭޝަނެއްގައެވެ.
ރަޝިޔާގެ ޖަލުތަކާ ބެހޭ އިދާރާއިން ބުނީ, ރަސްތޮފް-ނަދާނޯ ޑިޓެންޝަން ސެންޓަރުގައި މަސައްކަތް ކުރާ ދެ އޮފިސަރުން ރަހީނު ކުރުމުގެ ފަހަތުގައި ތިބީ އެ ޖަލުގައި ތިބި ކުށްވެރިންތަކެއް ކަމުގައެވެ. އެއީ, ހައްދުފަހަނަ އެޅި ޓެރެރިސްޓު ޖަމާޢަތް, އައިއެސަށް ނިސްބަތްވާ ގައިދީންތަކެއް ކަމުގައި ރަޝިޔާގެ ފުލުހުން ބުންޏެވެ. އޮފިސަރުން ރަހީނު ކުރުމުގައި ހަ ގައިދީން ބައިވެރިވިއެވެ.
ޖަލުތަކާ ބެހޭ އިދާރާއިން ފުރަތަމަ ބުނެފައި ވަނީ, އަސީރުން މިނިވަން ކުރުމާ ގުޅޭ ގޮތުން ގައިދީންނާ މަޝްވަރާ ކުރަމުންދާ ކަމުގައެވެ. ނަމަވެސް, އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން, އެ އިދާރާއިން ވަނީ އެ ހާދިސާ ނިމުމަކަށް ގެނެވިފައިވާ ކަން ހާމަކޮށްފައެވެ. އެ އިދާރާއިން ބުނީ, ރަޝިޔާގެ އަސްކަރިއްޔާގެ ޚާއްޞަ ސިފައިންގެ ފައުޖުން ހިންގި އޮޕަރޭޝަނެއްގައި "ހުރިހާ ކުށްވެރިން މަރައިލާފައިވާ" ކަމުގައެވެ. މި ހާދިސާގައި ރަހީނު ކޮށްފައި ތިބި އަސީރުންގެ ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ.
ޖަލު އޮފިސަރުންތަކެއް ރަހީނު ކުރުމުގައި ބައިވެރިވި ހަ ގައިދީންގެ ތެރެއިން ތިން މީހަކީ, ޓެރެރިޒަމްގެ ކުށް ސާބިތުވެ, ޖަލަށްލާފައިވާ ބައެކެވެ. އެ މީހުންގެ މައްޗަށް ދަޢުވާ އުފުލާފައި ވަނީ, ރަޝިޔާގެ ފަނޑިޔާރުގެއަށް ބޮމުގެ ޙަމަލާއެއް ދިނުމަށް ރޭވުމުގެ ކުށުގައެވެ. އެ މީހުންގެ މައްޗަށް, ހައްދުފަހަނަ އެޅި އެހެން އަމަލުތައް ހިންގުމުގެ ކުށުގެ ދަޢުވާ ވެސް އުފުލާފައިވެއެވެ.
އެ މީހުން މި އަމަލު ހިންގާފައި ވަނީ ޖަލު ފަޅާލައި, ފިލުމުގެ ބޭނުމުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ގޮތުން, އަސީރުންގެ ބަދަލުގައި ޖަލުން ފިލައިގެން ދިޔުމަށް ބޭނުން ކުރާނެ ކާރެއް ފޯރުކޮށްދިނުމަށް އެ މީހުން ޑިމާންޑު ކޮށްފައިވާ ކަމުގައި ރަޝިޔާގެ ފުލުހުންނާ ހަވާލާދީ އެ ޤައުމުގެ ނޫސްތަކުން ރިޕޯޓު ކުރިއެވެ.
މި ހާދިސާ ހިނގާފައި މި ވަނީ, ރަޝިޔާގައި ނުރައްކާތެރި ޓެރެރިސްޓު ޙަމަލާއެއް ދީފައިވާތާ ތިން ވަރަކަށް މަސް ފަހުންނެވެ. އެ ހާދިސާގައި, ވެރިރަށް މޮސްކޯގެ ރަށްބޭރުގައި ހުންނަ ކޮންސެޓު ހޯލަކަށް ޖަމާވެފައި ތިބި ޢާންމުންގެ ބަޔަކަށް އަމާޒުކޮށް ބަޑީގެ ޙަމަލާތަކެއްދީ, 144 މީހުން މަރައިލިއެވެ. އެ ޙަމަލާއާ ގުޅިގެން ރަޝިޔާގެ ސަލާމަތީ ބާރުތަކުން ވަނީ 20 މީހަކު ހައްޔަރަށް ގެންގޮސްފައެވެ. ހައްދުފަހަނަ އެޅި އައިއެސް ޖަމާޢަތުން ވަނީ އެ ޙަމަލާގެ ޒިންމާ އުފުލާފައެވެ.