ޚަބަރު

އައްޑޫ ސިޓީގައި އުފައްދާ ހުރިހާ ކަރަންޓެއް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރަނީ


  • އައްޑޫގައި މިހާރުވެސް 11 މެގަވޮޓާއި ގާތަށް ހަކަތަ އުފައްދާ

  • އައްޑޫގައި މިވަގުތުވެސް 1.2 މެގަވޮޓްގެ ހަކަތަ އުފެއްދާ ސޯލާވަނީ ޤާއިމުކޮށްފައި

މިހާރު ކުރިއަށްދާ ހަކަތައިގެ މަޝްރޫޢުތައް ނިމުމުން، އައްޑޫއަށް ބޭނުންވާ ހުރިހާ ކަރަންޓެއް، އިޔާދަކުރަނިވި ހަކަތައިން އުފެއްދޭނެކަމަށް އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ. އައްޑޫގައި މިހާރުވެސް ގާތްގަނޑަކަށް 11 މެގަވޮޓްގެ ކަރަންޓު އުފައްދަނީ ތެޔޮ އަންދައިގެންނެވެ.

އާބާދީ ބޮޑުވުމާއެކު އައްޑޫ ސިޓީގައި ހަކަތައަށް ކުރާ ހޭދަ އަހަރުން އަހަރަށް ދަނީ ބޮޑުވަމުންނެވެ. އެކަމަށް އޮތް ޙައްލެއްކަމަށް ސިޓީ ކައުންސިލުން ޤަބޫލުކުރަނީ އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމެވެ. މިކަމަށްޓަކައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވީ، އިޔާދަކުރަނިވި ހަކަތައިގެ ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ކުރިއަށްދާކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދާ މަޝްރޫޢުތައް ނިމުމުން އައްޑޫއަށް ބޭނުންވާ ހުރިހާ ހަކަތައެއް އިއާދަކުރަނިވި ހަކަތައިން އުފެއްދޭނެކަމަށް ޤަބޫލުކުރައްވާކަމަށް މޭޔަރު ވިދާޅުވިއެވެ.

"އައްޑޫގައި މިހާރު ބޭނުންކުރަނީ ގާތްގަނޑަކަށް 11 އާއި 12 މެގަވޮޓާއި ދެމެދުގެ ހަކަތަ. މިހާރު ކުރިއަށްދާ މަޝްރޫޢުތައް ނިމިގެންދިޔައީމަ އައްޑޫގައި ބޭނުންކުރާ ވަރަށް މިއާއެކު ހަކަތަ އުފެއްދޭނެ. ބެޓަރި ނިޒާމެއް ނެތުމުން މިހާރު ހަމައެކަނި ދުވާލު ސޯލާ ޙަކަތަ ބޭނުންކުރެވެނީ." އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވިއެވެ.

އައްޑޫގައި ސޯލާއިން އުފައްދާ ހަކަތަ ރައްކާކުރާނެ ބެޓަރި ސްޓޯރޭޖް ސިސްޓަމެއް ނެތުމުން މިނިޒާމުން އުފައްދާ ހަކަތަ ބޭނުންކުރެވޭނީ ދުވާލުގެ ގަޑިތަކުގައި އެކަންޏެވެ. އެހެންނަމަވެސް ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު ހަކަތައިގެ މަޝްރޫޢު އެސްޕަޔަރ މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައި 4 މެގަވޮޓްގެ ހަކަތަ ރައްކާކުރެވޭނެ ބެޓަރީ ނިޒާމެއް ޤާއިމުކުރުމަށްވަނީ ނިންމާފައެވެ.

މޭޔަރު ނިޒާރު ވަނީ އައްޑޫ ސިޓީގައި ހުރި ގާތްގަނޑަކަށް 70 މިސްކިތަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ސިޓީ ކައުންސިލުން ބޮޑު ހޭދައެއް ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން މިސްކިތްތަކަށް ބޭނުންވާ ކަރަންޓު އިޔާދަކުރަނިވި ހަކަތައިން ފޯރުކޮށްދިނުމަށްޓަކައި ސޯލާ ހަރުކުރުމުގެ މަސައްކަތް ކައުންސިލްގެ ކުންފުނި، ލޯކަލް އޮތޯރިޓީ ކޮމްޕެނީއާއި ޙަވާލުކޮށްގެން ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިވަގުތު އައްޑޫ ސިޓީގައި 1.2 މެގަވޮޓްގެ ހަކަތަ އުފެއްދޭނެ ސޯލާވަނީ ހަރުކޮށްފައެވެ. މީގެއިތުރުން ކައުންސިލްގެ ހޯމް ސޯލާ މަޝްރޫޢުގެ ދަށުން އެކި ސަރަޙައްދުތަކުގައި 1 މެގަވޮޓާއި ގާތަށް ސޯލާވަނީ ހަރުކޮށްފައެވެ. ސިޓީ ކައުންސިލުން ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ އޮފީސް ޢިމާރާތެއްގައި މިހާރުވެސް ބޭނުންކުރަމުންދަނީ އިޔާދަކުރަނިވި ހަކަތަކަމަށެވެ.

އައްޑޫގައި މިވަގުތު ކުރިއަށްދަ މަޝްރޫޢުތަކުގެ ތެރެއިން އެސްޕަޔަރގެ ދަށުން 4.5 މެގަވޮޓްގެ ހަކަތަ އުފެއްދޭނެ ސޯލާ ނިޒާމެއް ޤާއިމުކުރުމުގެ ކުރަމުންދާއިރު، އެ މަޝްރޫޢުގެ ދަށުން ހިތަދޫއާއި މަރަދޫގައި މިހާރު މަސައްކަތްވަނީ ފަށާފައެވެ.

މީގެއިތުރުން ރާއްޖޭގައި ހިންގާ އިޔާދަކުރަނިވި ހަކަތައިގެ އެންމެ ބިޔަ މަޝްރޫޢުކަމަށްވާ، ފްލޯޓިންގ ސޯލާގެ މަޝްރޫޢުގެވެސް މުހިންމު ބައިތަކެއް އައްޑޫއަށްވަނީ އަމާޒުކޮށްފައެވެ. އެމަޝްރޫޢުގެ މުހިންމު މަސައްކަތްތަކެއް މިހާރު ނިމިފައިވާކަމަށް ސިޓީ ކައުންސިލުން ފާހަގަކުރައްވައެވެ. އައްޑޫގައި މިހާރު ފެށިގެން ކުރިއަށްދާ މަޝްރޫޢުތައް ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ނިމި ބޭނުންކުރަން ފެށުމުން އައްޑޫއަކީ ޑީސަލްއަށް ބަރޯސާނުވާ ސިޓީއަކަށްވާނެކަމަށް ޤަބޫލުކުރާކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ. އަދި އަމާޒަކީ އައްޑޫއަކީ ގްރީން ސިޓީއަކަށް ހެދުންކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.