ޚަބަރު

ޔަމަންގެ ޙޫޘީން ޙަމަލާދީ ދެވަނަ އާގުބޯޓެއް ފައްތާލައިފި


ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރަމުން ދަނިކޮށް ޔަމަންގެ ޙޫޘީ ޖަމާޢަތުން ވަރުގަދަ ޙަމަލާތަކެއް ދީފައިވާ އާގުބޯޓެއް ފެތިއްޖެއެވެ. ބޯޓުދެލި ބަރުކޮށްގެން ދަތުރު ކުރަމުން ދިޔަ ޓިޔުޓަރގެ ނަން ދީފައިވާ އާގުބޯޓަށް ޙޫޘީން ޙަމަލާ ދީފައި ވަނީ ޖޫން 12ވަނަ ދުވަހުއެވެ. އެ އުޅަނދަށް ޙަމަލާ ދިނުމަށް މިސައިލްގެ އިތުރުން ގޮވާތަކެތި ބަރުކޮށްފައިވާ ކަނޑުގެ ޑްރޯނެއްވެސް ބޭނުން ކޮށްފައިވެއެވެ.

ކަނޑުދަތުރުފަތުރުގެ ވިޔަފާރިއާބެހޭ އިނގިރޭސިވިލާތުގެ އިދާރާ (ޔޫކޭއެމްޓީއޯ)ން ބުނީ, ޙޫޘީންގެ ޙަމަލާތަކުގައި އެ އުޅަނދަށް ބޮޑެތި ގެއްލުންތަކެއްވެ, ދިޔަވާން ފެށި ކަމުގައެވެ. އެ އުޅަނދު ފެތިފައި ވަނީ, އުޅަނދު ސަލާމަތް ކުރުމުގެ މަސައްކަތް ކުރުމަށް ޓީމެއް އެ އުޅަނދު އޮތް ސަރަޙައްދަށް ދަތުރު ކުރަމުން ދަނިކޮށެވެ. ޓިޔުޓަރއަކީ ލައިބީރިޔާގެ ދިދަ ޖަހައިގެން ދަތުރު ކުރަމުން ދިޔަ އުޅަނދެކެވެ.

މިއީ, 2023 އޮކްޓޫބަރު 7ގައި ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކުރުމަށް ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނާ ދެކޮޅު ހެދުމުގެ ގޮތުން ޙޫޘީން ފެށި އަސްކަރީ އޮޕަރޭޝަންގައި ފައްތާލައިފައިވާ ދެވަނަ އާގުބޯޓެވެ. ރަތް ކަނޑާއި, ޔަމަން ކައިރީގައި އޮތް އެހެން ސަރަޙައްދުތަކުން ދަތުރު ކުރާ އާގުބޯޓުފަހަރަށް ޙޫޘީން ޙަމަލާ ދޭން ފަށާފައި ވަނީ, ޣައްޒާ ޢުދުވާން ހުއްޓުވަން ޔަހޫދީންނަށް ބާރުއެޅުމުގެ ގޮތުންނެވެ.

މި ގޮތުން, ޙޫޘީންގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ އިސްރާއީލަށް މުދާ ގެންދާ އުޅަނދުފަހަރާއި, ޔަހޫދީންގެ ކުންފުނިތަކަށް ނިސްބަތްވާ, އަދި ޔަހޫދީންނާ ގުޅުން އޮތް ކުންފުނިތަކުން ހިންގާ އުޅަނދުފަހަރަށެވެ. ޙޫޘީންގެ ޙަމަލާތައް ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ޔަމަނަށް ބޮން އަޅަން ފެށުމާ ގުޅިގެން ޙޫޘީން ވަނީ އެ ދެ ޤައުމުގެ މަނަވަރުތަކަށް ވެސް ޙަމަލާތައް އަމާޒު ކުރަން ފަށާފައެވެ.

ޓިޔުޓަރއަށް ޙޫޘީން ދިން ޙަމަލާތަކާ ގުޅިގެން, ޖޫން 14ވަނަ ދުވަހު އެ އުޅަނދުގައި ތިބި ފަޅުވެރިންގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެން ސަލާމަތް ކުރިއެވެ. އޭގައި ތިބީ ފިލިޕީންސަށް ނިސްބަތްވާ 22 ފަޅުވެރިންނެވެ. އޭގެ ތެރެއިން އެއް ފަޅުވެރިއަކު އަދިވެސް ނުފެނެއެވެ. ޙޫޘީންގެ ޙަމަލާތައް ދިން ވަގުތު އެ މީހާ ހުރީ އުޅަނދުގެ އިންޖީން ރޫމްގައި ކަމަށް ފިލިޕީންސްގެ ޑިޕާޓްމަންޓް އޮފް މައިގްރެންޓް ވޯކަރސުން ބުންޏެވެ.

އޮކްޓޫބަރު 7ގައި ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް ޙަމަލާ ދިނުމަށް ޙޫޘީން އަސްކަރީ ކެމްޕޭނެއް ފެށި ފަހުން އެންމެ ފުރަތަމަ ފައްތައިލާފައި ވަނީ އިނގިރޭސިވިލާތުގެ ކުންފުންޏަކަށް ނިސްބަތްވާ ރޫބީމާރްގެ ނަން ދީފައިވާ އުޅަނދެކެވެ. ހުސްވި ހަފުތާގައި ވެސް ޙޫޘީން ވަނީ އެ ސަރަޙައްދުން ދަތުރު ކުރަމުންދިޔަ ވަރބީނާ ކިޔާ އުޅަނދަކަށް ޙަމަލާ ދީފައެވެ.

އެއީ, ލަކުޑި ބަރުކޮށްގެން ދަތުރު ކުރަމުން ދިޔަ އުޅަނދެކެވެ. ޙޫޘީންގެ ޙަމަލާތަކާ ގުޅިގެން އުޅަނދުގައި ހުރި މުދަލުގައި އަލިފާން ރޯވުމާ އެކު, އޭގައި ދަތުރު ކުރަމުންދިޔަ ފަޅުވެރިން ވަނީ އުޅަނދު ދޫކޮށްލާފައެވެ. އެ އުޅަނދު މިހާރު ވެސް ޢަދަން ކަނޑުގައި އޮޔާ ދަމުންދާ ކަމުގައި އެ އުޅަނދުގެ ވެރި ފަރާތުން ބުންޏެވެ.