މޫސުމީ ވިއްސާރައިގައި އިންޑިއާއާއި ބަންގްލަދޭޝްގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެ, ބިންގަނޑު ކެނޑުމާ ގުޅިގެން މަރުވި މީހުންގެ ޢަދަދު 15އަށް އުފުލިއްޖެއެވެ. ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ދެ ޤައުމުގައި މިލިޔަނަކަށްވުރެ ގިނަ މީހުންނަށް ވަނީ އަމިއްލަ ވަޒަން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރުވެފައެވެ.
ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން އެ ދެ ޤައުމުގެ ބައެއް ސަރަޙައްދުތަކުގައި ބިންގަނޑު ކެނޑި, ކިސަޑު ފައިބާފައިވެއެވެ. ބަންގްލަދޭޝްގެ ރެފިއުޖީންނާ ބެހޭ އިދާރާގެ އިސް އޮފިޝަލެއް ކަމުގައިވާ މުޙައްމަދު ޝަމްސުއް-ދޫޖާ ވިދާޅުވީ, މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އެ ޤައުމުގައި ދިރިއުޅޭ މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންގެ ތެރެއިން އަށް މީހުން ހިމެނޭ ކަމުގައެވެ.
ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ސަރަޙައްދުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕުގައި މިލިޔަނަކަށްވުރެ ގިނަ ޢަދަދެއްގެ ރެފިއުޖީން ދިރިއުޅެއެވެ. އެ ތަނުގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅު ރެފިއުޖީންނަކީ, މިޔަންމާގެ ރައްޔިތުންނެވެ. އެ މީހުން އަމިއްލަ ވަޒަން ދޫކޮށް ބަންގްލަދޭޝަން ހިޖުރަ ކޮށްފައި ވަނީ މިޔަންމާގެ ސަރުކާރާއި އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމުން ސަލާމަތްވުމަށެވެ.
ބިންގަނޑު ކެނޑި, ކިސަޑު ފައިބާފައި ވަނީ, ބަންގްލަދޭޝްގެ ދެކުނުގެ ސަރަޙައްދެއްގައެވެ. ކޮކްސް ބާޒާރު ކައިރީގައި އޮންނަ ރެފިއުޖީ ކޭމްޕުގައި އަމަން ބަލަހައްޓާ ފުލުހުންގެ ވެރިޔާ އަމީރް ޖާފޫރް ވިދާޅުވީ, ފެންބޮޑުވުމާ ގުޅިގެން އެ ސަރަޙައްދުގައި ދިރިއުޅެމުން ދިޔަ އެތަކެއް ސަތޭކަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހުނު ކަމުގައެވެ.
ވިއްސާރައިގެ ސަބަބުން ބަންގްލަދޭޝްގެ އިރުއުތުރުގައިވާ ބައެއް ސަރަޙައްދުތަކުގައި ވެސް ފެންބޮޑުވިއެވެ. އެ ސަރަޙައްދުގައި އޮންނަ ސިލޭޓް ޑިސްޓްރިކްޓުގެ ކޮމިޝަނަރު އަބޫ އަޙްމަދު ޞިއްދީޤް ވިދާޅުވީ ފެންބޮޑުވުމާ ގުޅިގެން 700,000އަށްވުރެ ގިނަ މީހުން ގެދޮރުގައި ތާށިވެފައިވާ ކަމުގައެވެ. އަދި, ސިލޭޓާ އިންވެގެން އޮތް ޝުނަމްގޮންޖުގައި ވެސް 500,000އަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާ ކަމުގައެވެ.
ބަންގްލަދޭޝްގެ މޫސުމާ ބެހޭ އިދާރާއިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ ޤައުމުގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވެ, ވިއްސާރަ ކުރާނެ ކަމުގައެވެ. 170 މިލިޔަނެއްހާ ރައްޔިތުން ދިރިއުޅޭ ބަންގްލަދޭޝަކީ މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވަމުންދާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއް ކަމުގައި ގްލޯބަލް ކްލައިމެޓް ރިސްކް އިންޑެކްސްގައި ހިމަނާފައިވެއެވެ.
މި ވިއްސާރައިގެ އަސަރު އިންޑިއާގެ ސަރަޙައްދުތަކަށް ވެސް ދަނީ ކުރަމުންނެވެ. ބޯކޮށް ވާރޭވެހި, ފެންބޮޑުވެ, ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމާ ގުޅިގެން އަސަމް ސްޓޭޓުން ހަ މީހުން މަރުވި ކަމުގައި އެ ސްޓޭޓްގެ ކާރިސާތަކާ ބެހޭ އިދާރާގެ އޮފިޝަލެއް ކަމުގައިވާ ސިޖޫ ދާސް ވިދާޅުވިއެވެ.
"ބިންގަނޑު ކެނޑި, ކިސަޑު ފޭބުމާ ގުޅިގެން އެއް ގެ ވަނީ ވަޅުލެވިފައި. އަދި, އެ ގޭގައި ދިރިއުޅެމުންދިޔަ އަންހެނަކާއި އޭނާގެ ތިން އަންހެން ދަރިން ވަނީ އެ އޭގެ ދަށުގައި ތާށިވެފައި. މި ހާދިސާގައި އެ އެންމެން ވެސް މަރުވި،" ދާސް ވިދާޅުވިއެވެ. އެ ހަތަރު މީހުންގެ ހަށިގަނޑު މިހާރު ވަނީ ކޮނެގެން ނަގާފައެވެ.
އަސަމް ސްޓޭޓްގައި ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކެނޑުމުގެ ހާދިސާތަކުގެ އަސަރު ކޮށްފައިވާ މީހުންގެ ޢަދަދު 160,000އަށް އުފުލިފައިވާ ކަމުގައި އެ ސްޓޭޓްގެ އޮފިޝަލުން ބުންޏެވެ. އަދި, އެ ސްޓޭޓްގެ ތެރެއިން ދެމޭ ކޯޕްރިލީ ކޯރުގެ ފެންގަނޑު ފުރި, ބަންޑުންވުމާ ގާތްވެފައިވާ ކަމުގައި ވެސް އޮފިޝަލުން އިންޒާރު ކުރެއެވެ. ހުސްވި މޭ މަހު ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކެނޑުމުގެ ހާދިސާތަކުގައި އެ ސްޓޭޓުން 30 މީހުން މަރުވިއެވެ.
އިންޑިއާގެ އުތުރުގައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހެމުންދާ މި ދަނޑިވަޅުގައި އެ ޤައުމުގެ ދެކުނުގައިވާ ސަރަޙައްދުތަކުގައި ފިނިހޫނުމިން ވަނީ އާދަޔާ ޚިލާފަށް އުފުލިފައެވެ. ފާއިތުވި ހަ އަހަރުގެ ތެރޭގައި ނުއުފުލޭ މިންވަރަށް ވެރިރަށް ނިއު ދެއްލީގެ ފިނިހޫނުމިން އުފުލިފައިވާއިރު, ގިނަ ޢަދަދެއްގެ ބަޔަކަށް ވަނީ ހޫނުގަދަވުމާ ގުޅިގެން ކުރިމަތިވާ ހީޓްސްޓްރޯކް ފަދަ ޞިއްޙީ މައްސަލަތައް ކުރިމަތިވެފައެވެ. ހުސްވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހީޓްސްޓްރޯކްގެ ސަބަބުން ނިއު ދެއްލީން ފަސް މީހުން މަރުވިއެވެ.