ޚަބަރު

މައްސަލަތައް ދިގުލައިގެން ދިއުމުގައި ލިޔެކިއުންތައް ނުލިބުމުގެ ގޮންޖެހުން ބޮޑު: އޭސީސީ


  • މުޢައްސަސާތަކާއި ލިއެކިއުން ބަދަލު ކުރުމުގެ ވަގުތުތަކެއް ހޭދަވާކަން ފާހަގަކުރޭ

  • މުޢައްސަސާތަކުގެ އިދާރީ ހިންގުމަށްއަންނަ ބަދަލެއްގެ ސަބަބުން ހެކި ނުލިބި ދިގުލައިގެންދޭ

ތަޙުޤީގުކުރާ ބައެއް މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގައި އެ މައްސަލައަކާއި ގުޅޭ ލިޔެކިއުންތައް ނުލިބުމަކީ ކުރިމަތިވާ ބޮޑު ގޮންޖެހުމެއްކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީން ވިދާޅުވެއްޖެއެވެ.

އޭސީސީން މިކަން ފާހަގަކޮށްފައިވަނީ އެކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ.

އޭސީސީއަށް ހުށަހަޅާ ބައެއް މައްސަލަތައް ގިނަ ދުވަސްތަކެއް ވަންދެން ނުނިމި، ދިގުލައިގެންދާ ދިއުމަކީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވާކަމެއްކަން ކޮމިޝަނުން ފާހަގަކުރެއެވެ. އޭސީސީން ވިދާޅުވި އެކޮމިޝަނުން ބަލާ ނުވަތަ ތަޙުޤީގުކުރާ ބައެއް މައްސަލަތައް ދިގުލައިގެންދާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ އެމައްސަލަތަކަށް ބޭނުންވާ ހެތްކާއި ޤަރީނާ ލިބުމުގެ މައްސަލަ ކަމަށެވެ.
އެގޮތުން ހުށަހެޅޭ މައްސަލައަކީ ހަޤީޤަތެއްތޯ ނުވަތަ ނޫންތޯ ނިންމުމަށް ޖިނާޢީ މިންގަނޑުން ތަހުޤީގެއް ހިންގުމަށް އޭސީސީގެ މައްޗަށް ލާޒިމްކުރާ ކަމަށް ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވިއެވެ.

އަދި ކޮރަޕްޝަނުގެ މައްސަލަތަކުގައި ވަރަށް ގިނަފަހަރު ހެކި ޤަރީނާ މި ބިނާވަނީ މައްސަލައިގައި ހިމެނޭ ތުހުމަތާ ގުޅުންހުންނަ ލިޔެކިއުމަށް ކަމަށް ފާހަގަކުރައްވައި ޝާމިލް ވިދާޅުވީ ރާއްޖޭގެ ނިޒާމު އޮންނަ ގޮތުން މުޢައްސަސާތަކުގައި ގިނަދުވާސްވެފައި ހުންނަ ކުރީގެ ލިޔެކިއުން ބެލެހެއްޓިފައި އޮތީ ދޯހަޅިކޮށްކަމަށެވެ.

"އަޅުގަނޑުމެންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ލިޔެކިއުން ހޯދުމުގައި މި ދިމާވާ ގޮންޖެހުން. މައްސަލަތައް ނިންމުމަށް އެންމެ މުހިންމީ އޭގެ ވަށައިގެން މިހުންނަ ފެކްޓްސް ނޫނީ ވާޤިއާތްތަކަށް ބާރުދޭ ނުވަތަ ބުރަދަން ގުޅުން ހުންނަ ހެކި ހޯދުން ނުވަތަ ލިޔެކިއުން ހޯދުން. އެ ލިޔެކިއުންތައް ހޯދައި ގެނައުމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި" ޝާމިލް ވިދާޅުވިއެވެ.

އޭސީސީގެ ރައީސް ވިދާޅުވީ މައްސަލަތަކުގެ ލިޔެކިއުން ހޯދުމަށް ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް ކޮމިޝަނުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން އޭސީސީން އެކުލަވާލާ ނިޒާމެއްގެ ތެރެއިން ސިޓީ ބިޓީ ބަދަލު ކުރުމުގެ ބަދަލުގައި، ލިއެކިޔުން ބަދަލު ކުރެވޭ ޒަމާނީ ޓެކްނޮލޮޖީއާ ރައްޓެހި ނިޒާމެއް ތަޢާރަފް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ

މީގެ އިތުރުންވެސް ސަރުކާރު މުޢައްސަސާތަކާއި ކުންފުނިތަކަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން ލިޔެކިޔުންތައް ލިއެކިޔުންތައް ބަދަލުވަމުންދާ މަރުހަލާތަކުގައި ވަރަށް ބޮޑެތި ގޮންޖެހުންތައް ދިމާވާ ކަމަށް ޝާމިލް ވިދާޅުވިއެވެ.

މީގެ އިތުރުން ރަށްރަށުގައިވެސް ކޮރަޕްޝަން މައްސަލަތައް ބެލުމުގައިވެސް އޭސީސީއަށް ގޮންޖެހުންތައް ހުރިކަން ޝާމިލް ފާހަގަކުރެއްވިއެވެ.

"ރަށްރަށުގައިވެސް ވަރަށް ގިނަ މައްސަލަތައް އެބަހުރި އެރަށަކަށް ނިސްބަތްވާ. އެ ރައްރަށަށް ދަތުރުކުރުމާއި، ގޮސް ލިއެކިޔުން ހޯދުން. އެވެސް ބައެއް ފަހަރު އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް. އޭގައިވެސް އެބަހުރި ފައިނޭންޝަލީވެސް އަޅުގަނޑުމެންނަށް ދަތިތައް" ޝާމިލް ވިދާޅުވިއެވެ.

އޭސީސީން ވިދާޅުވީ އެ ކޮމިޝަނުން ބަލާ މައްސަލަތައް އަވަސް ކުރުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާމުންދާކަމަށެވެ. އެގޮތުން ތަހުޤީޤުކަންކަމުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރު ކުރުމަށް ގިނަ ތަމްރީނުތަކެއް މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ މެދުވެރިކޮށް ހިންގުމަށް ކޯސްތައް ފަރުމާކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އޭސީސީގެ މައްސަލަތައް އިސްފަސް ކުރުމުގެ ނިޒާމެއް ޤާއިމް ކުރުމާއި، ދައުވާ ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ޕީޖީ އޮފީހާއި ގުޅިގެން މަސައްކަތްތައް ކުރެވިފައިވާކަން ކޮމިޝަނުން ފާހަގަކުރެއެވެ.

އޭސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި 2023 ވަނަ އަހަރު ނިމުނުއިރު 999 މައްސަލައެއް ނުނިމިވާކަން ވަނީ ފާހަގަކޮށްފައެވެ. އޭސީސީން ވިދާޅުވީ، މިމައްސަލަތަކުގެ ތެރޭގައި އެކި ސަބަބުތަކާއި ހުރެ ނުނިމި އަހަރުތަކަކަށް ދިގުލައިގެން ގޮސްފައިވާ މައްސަލަތައްވެސް ހިމެނޭނެކަމަށެވެ.