ހުޅަނގުގެ ބާރުތަކަށް ގޮންޖަހައި, ރަޝިޔާއާއި އުތުރު ކޮރެޔާއިން ވަރުގަދަ ދިފާޢީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 24 އަހަރަށް ފަހު ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން އުތުރު ކޮރެޔާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގެ ތެރެއިންނެވެ.
ބޭރުގެ އަސްކަރީ ބާރަކުން ރަޝިޔާ ނުވަތަ އުތުރު ކޮރެޔާއަށް ޙަމަލާއެއް ދީފި ނަމަ, މި އެއްބަސްވުމުގެ ދަށުން, މިނިވަން ކަމާއި ސިޔާސަތު ހިމާޔަތް ކުރަން ހަނގުރާމަ ކުރަން ޖެހިފައިވާ ޤައުމަށް އަނެއް ޤައުމުން އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެއެވެ. އަދި, ބޭރުގެ ޤައުމެއްގެ ޙަމަލާތަކުގެ ޝިކާރައަކަށްވެފައިވާ ޤައުމު ދިފާޢު ކުރަން ބޭނުންވާ ހަތިޔާރު ފޯރުކޮށްދިނުމުގެ އިތުރުން, އެ ޤައުމެއްގެ މިނިވަން ކަމާއި ސިޔާދަތު ހިމާޔަތް ކުރަން ކުރަންޖެހޭ ހަނގުރާމައެއްގައި އަސްކަރީ ގޮތުން ބައިވެރިވާން ޖެހޭނެއެވެ.
ފިނި ހަނގުރާމައިގެ ދުވަސްވަރު ވެސް ރަޝިޔާއާއި އުތުރު ކޮރެޔާއާ ދެމެދު މި ފަދަ އެއްބަސްވުމެއް އެކުލަވައިލިއެވެ. އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 1961ވަނަ އަހަރުއެވެ. ނަމަވެސް, 1990ވަނަ އަހަރު ރަޝިޔާއިން ދެކުނު ކޮރެޔާއާ އެކު ސިޔާސީ ގުޅުން ގާއިމު ކުރުމާ ގުޅިގެން އެ އެއްބަސްވުމަށް ވަނީ ނިމުމެއް އައިސްފައެވެ.
ޕުޓިންއާއި އުތުރު ކޮރެޔާގެ ޒައީމް ކިމް ޖޮންގ އުން ސޮއިކުރެއްވި އައު އެއްބަސްވުމުގެ 4ވަނަ މާއްދާގައި އޮތީ, ދެ ޤައުމުން ކުރެ ޤައުމަކަށް ބޭރު ޤައުމަކުން ޙަމަލާދީފި ނަމަ, އދގެ ޗާޓަރުގެ 51ގެ މާއްދާގެ އިމުގެ ތެރެއިން, އެއް ޤައުމުން އަނެއް ޤައުމަށް ހުރިހާ ގޮތަކުން އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމުގައެވެ.
މީގެ އިތުރުން, މި އެއްބަސްވުމަށް ހިޔަނިއެޅޭ ފަދަ, ނުވަތަ ހުރަސް އެޅޭ ފަދަ އެއްވެސް އެއްބަސްވުމެއް ނުވަތަ ގުޅުމެއް ތިންވަނަ ޤައުމަކާ އެކު ގާއިމު ނުކުރުމަށް ވެސް ރަޝިޔާއާއި އުތުރު ކޮރެޔާއިން ވަނީ އަހުދުވެފައެވެ. އަދި, ދެ ޤައުމުން ކުރެ ޤައުމަކަށް ޙަމަލާ ދިނުމަށް ބޭރުގެ ބާރަކަށް މިއިން ޤައުމެއްގެ ސަރަޙައްދު ބޭނުން ކުރުމުގެ ފުރުޞަތު ނުދޭން ވެސް ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ.
މި ފަދަ އެއްބަސްވުމެއްގައި ރަޝިޔާއާއި އުތުރު ކޮރެޔާއިން ސޮއިކޮށްފައި މި ވަނީ, ބައިނަލްއަޤުވާމީ މައިދާނުގައި އެ ދެ ޤައުމު އެކަހެރިކޮށް ބާކީކުރަން އެމެރިކާއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި, ފާއިތުވި ޤަރުނެއްހާ ދުވަހުގެ ތެރޭގައި ނިއުކްލިޔަރ ހަތިޔާރެއްގެ އަޖުމަ ބަލާފައިވާ ހަމައެކަނި ޤައުމު ކަމުގައިވާ އުތުރު ކޮރެޔާއަށް ރަޝިޔާއިން ފޯރުކޮށްދޭނީ ކޮން ކަހަލަ އެހީތެރިކަމެއް ކަމާ މެދު އެމެރިކާއާއި, އެމެރިކާއިން ވާގިވެރިވާ އޭޝިޔާގެ ޤައުމުތަކުން ސުވާލު އުފައްދަމުން ދިޔަ ވަގުތެއްގައެވެ.
ކިމްއާއި ޕުޓިންގެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ހުޅަނގުން, ވަކިން ޚާއްޞަކޮށް އެމެރިކާއިން, ބާރާއި ނުފޫޒު ފަތުރަން ހިންގަމުންދާ ކެމްޕޭނަށް ފާޑު ވިދާޅުވެފައެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް އަސްކަރީ އަދި ދިފާޢީ ގުޅުންތައް ވަރުގަދަވެފައި ވަނީ އެމެރިކާއާއި ހުޅަނގުގެ ހަންފެތުރުމާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން ކަމަށް ދެ ބޭފުޅުން ސިފަ ކުރެއްވިއެވެ. އަދި, ޔޫކްރެއިނަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭން އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް ވެސް ދެ ބޭފުޅުން ވަނީ ފާޑު ވިދާޅުވެފައެވެ.
ރަޝިޔާއާއި އުތުރު ކޮރެޔާއާ ދެމެދު ވެފައިވާ އައު އެއްބަސްވުމާ ގުޅޭ ގޮތުން އެމެރިކާއާއި ދެކުނު ކޮރެޔާއިން ރަސްމީ ހައިސިއްޔަތެއްގައި ވަކި އެއްޗެއް ހާމަކޮށްފައެއް ނެތެވެ. ނަމަވެސް, އުތުރު ކޮރެޔާގެ އަސްކަރީ ޓެކްނޮލޮޖީ ތަރައްޤީ ކުރަން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި ޕުޓިން ވިދާޅުވުމުން ޖަޕާނުން ވަނީ އެ ކަމާ މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ. ރަޝިޔާ-އުތުރު ކޮރެޔާ އެއްބަސްވުމާ ގުޅޭ ގޮތުން ޗައިނާއިން ވެސް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ރަޝިޔާއާއި އުތުރު ކޮރެޔާއާ ދެމެދު އަސްކަރީ ދާއިރާއިން ގުޅުން ބަދަހި ކުރުމަކީ ވޮޝިންގޓަނާއި ސޯލުން ކަންބޮޑުވާ މައްސަލައެކެވެ. އުތުރު ކޮރެޔާއިން ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދެމުންދާ ކަމުގައި ވޮޝިންގޓަނާއި ސޯލުން ތުހުމަތު ކުރެއެވެ. އަދި, ރަޝިޔާއިން ޔޫކްރެއިންގެ ފައުޖުތަކާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާއިން އުތުރު ކޮރެޔާގެ ހަތިޔާރު ބޭނުން ކުރަމުންދާ ކަމަށް ވެސް އެމެރިކާއިން ތުހުމަތު ކުރެއެވެ.