ލުބްނާނާއި ޒަޔަނިސްޓު އިސްރާއީލާ ދެމެދު ހަނގުރާމަ ފަށައިފިނަމަ އިސްރާއީލުގެ ބިމުގައި ރައްކާތެރި އެންމެ އިންޗިއެއްވެސް ނުބާއްވާނެކަމަށް ވިދާޅުވެ, ލުބްނާންގައި ހަރަކާތްތެރިވާ ޙިޒްބުالله ޖަމާޢަތުގެ ވެރިޔާ ސައްޔިދް ޙަސަން ނަޞްރުالله ޔަހޫދީންނަށް އިންޒާރު ދެއްވައިފިއެވެ. ޓެލެވިޜަން މެދުވެރިކޮށް ލުބްނާންގެ ރައްޔިތުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނަޞްރުالله ވަނީ ވިލާތުގެ އިއްތިހާދު (އީޔޫ)ގެ މެންބަރު ޤައުމެއް ކަމުގައިވާ ސައިޕްރަސަށް ވެސް އިންޒާރު ދެއްވާފައެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނާ ދެކޮޅު ހެދުމުގެ ގޮތުން ޙިޒްބުاللهން ވަނީ އިސްރާއީލާ ދެކޮޅަށް ޙަމަލާ ދޭން ފަށާފައެވެ. ކޮންމެ ދުވަހަކު ވެސް ބަދަލު ކުރަމުންދާ މި ޙަމަލާތައް އަމާޒު ކުރަމުން ދަނީ އިސްރާއީލުގެ އުތުރުގައި އޮތް ރަށްތަކާއި, އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ޔަހޫދީ ފައުޖުގެ ސިފައިންނާއި އަސްކަރީ މަރުކަޒުތަކަށެވެ.
ޖޫން 18ވަނަ ދުވަހު ޙިޒްބުاللهން ވަނީ އިސްރާއީލުގެ ބައެއް ރަށްތަކުގައި ގާއިމު ކޮށްފައިވާ ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒުތަކެއްގެ ވީޑިޔޯތަކެއް ވެސް ޢާންމު ކޮށްފައެވެ. އެއީ, ޖާސޫސީ ޑްރޯންތަކެއް ބޭނުން ކޮށްގެން ޙިޒްބުاللهން ނަގާފައިވާ ވީޑިޔޯތަކެކެވެ. އެ ވީޑިޔޯތައް ޢާންމު ކުރުމާ އެކު, ޔަހޫދީ ފައުޖުގެ ދިފާޢީ ނާގާބިލު ކަން މުޅި ދުނިޔެއަށް ހާމަވެގެން ދިޔައެވެ.
ޔަހޫދީ ފައުޖަށް އިންޒާރު ދެއްވައި ވާހަކަފުޅު ދައްކަވަމުން ނަޞްރުالله ވިދާޅުވީ, ލުބްނާނާއި ދެކޮޅަށް ޔަހޫދީ ފައުޖުން ހަނގުރާމައެއް ފަަށައިފިނަމަ, އެ ޖަމާޢަތުގެ މިސައިލްތަކާއި ޑްރޯންތަކުން ރައްކާތެރިވެވޭނެ އެންމެ އިންޗިއެއް ވެސް އިސްރާއީލުގެ ބިމުގައި ނުބާއްވާނެ ކަމުގައެވެ. އަދި, ޔަހޫދީ ފައުޖުގެ އަސްކަރީ އަމާޒުތަކަށް "ޕްރިސިޝަން" ޙަމަލާތަކެއް ދިނުމަށް މިހާރު ވެސް ތައްޔާރަށް އޮތް ކަމުގައި އޭނާ ވިދާޅުވިއެވެ.
"މެޑިޓެރޭނިޔަން ކަނޑުގައި [އިސްރާއީލާ] ދެކޮޅަށް ތެދުވަން މަޑުކޮށްގެން އޮތީ ކޮން އެއްޗެއް ކަން އެ މީހުންނަށް [ޔަހޫދީންނަށް] މިހާރު އިނގޭނެ. މި ފަދަ ބޮޑު ހަނގުރާމައެއް ފެށިއްޖެ ނަމަ, އެ މީހުންނަށް [ޔަހޫދީންނަށް] އިނގޭ, ކަނޑާއި, އެއްގަމާއި ވައިގެ މަގުން އަޅުގަނޑުމެންނަށް މަޑު ކުރަން ޖެހޭނެ ކަން،" ޒަޔަނިސްޓު އިސްރާއީލަށް އިންޒާރު ދެއްވަމުން ނަޞްރުالله ވިދާޅުވިއެވެ.
އޭނާ ޔަހޫދީ ފައުޖަށް އިންޒާރު ދެއްވާފައި މި ވަނީ, ލުބްނާނާ ދެކޮޅަށް ހަނގުރާމައެއް ފެށުމަށް ތައްޔާރުވަމުންދާ ކަން ޒަޔަނިސްޓުންގެ ޚާރިޖީ ވުޒާރާއިން ހާމަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި, ލުބްނާނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ހިންގުމުގެ ހުއްދަ ލިބިފައިވާ ކަމުގައި ޔަހޫދީ ފައުޖުން ވެސް ހާމަ ކޮށްފައިވާ ވަގުތެއްގައެވެ.
އިސްރާއީލުގެ އިތުރުން ނަޞްރުالله ވަނީ, ލުބްނާން ކައިރީގައި އޮތް ސައިޕްރަސަށް ވެސް އިންޒާރު ދެއްވާފައެވެ. އެ ދެ ޤައުމުގެ ދެމެދުގައި ގާތް ގުޅުންތަކެއް އޮތް ނަމަވެސް, ސައިޕްރަސުން ޔަހޫދީ ފައުޖަށް ވާގިވެރިވަމުންދާ ކަމުގައި ނަޞްރުالله ތުހުމަތު ކުރެއްވިއެވެ. މި ގޮތުން, ލުބްނާނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާންތަކުގައި ޔަހޫދީ ފައުޖުގެ އަސްކަރީ މަތިންދާބޯޓުތަކުން ސައިޕްރަސްގެ އަސްކަރީ ވައިގެ ބަނދަރުތައް ބޭނުން ކުރަމުންދާ ކަމުގައި ނަޞްރުالله ވިދާޅުވިއެވެ.
"ސައިޕްރަސްގެ ސަރުކާރުން ހަނދާން ބަހައްޓަން ޖެހޭނެ ކަމެއް, އެއީ އެ ޤައުމުގެ ވައިގެ ބަނދަރުތައް އިސްރާއީލުގެ ދުޝްމަނުންނަށް ހުޅުވައިލުމަކީ, ޙިޒްބުاللهއާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނުގައި ސައިޕްރަސުން ބައިވެރިވުން ކަން. އަދި, ޙިޒްބުاللهން ދެކޭނީ ވެސް އެ ގޮތަށް،" ނަޞްރުالله ވިދާޅުވިއެވެ.
ނަމަވެސް, ސައިޕްރަސްގެ ރައީސް ނިކޮސް ކްރިސްތޮވުލީދީސް ވަނީ އެ ކަން ދޮގު ކުރައްވާފައެވެ. އޭނާ ވިދާޅުވީ, ސައިޕްރަސަކީ މައްސަލައާ ގުޅުން އޮތް ފަރާތެއް ނޫން ކަމަށާއި, ސައިޕްރަސްގެ ސަރުކާރުން ވަކި ފަރާތަކަށް ތާޢީދު ނުކުރާ ކަމުގައެވެ. އަދި, ޣައްޒާގައި ބިކަކޮށް ހާލުގައި ޖައްސާފައިވާ 2.3 މިލިޔަން މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ކުރަމުންދާ މަސައްކަތްތަކުގައި ސައިޕްރަސުން އިސްވެ ފުޅާ ދާއިރާއެއްގައި ބައިވެރިވަމުންދާ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
1960ވަނަ އަހަރާ ޖެހެންދެން ސައިޕްރަސް އޮތީ އިނގިރޭސިވިލާތުގެ އިސްތިޢުމާރީ ބާރުގެ ދަށުގައެވެ. މިހާރު ވެސް އިނގިރޭސިވިލާތުގެ އަސްކަރީ ދެ ވައިގެ ބަނދަރު ސައިޕްރަސްގައި އޮވެއެވެ. އެއީ, އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތް ދެ ތަން ކަމަށްވުމާ އެކު, އެ ދެ ތަނުގައި ހިންގާ އަސްކަރީ ހަރަކާތްތަކަށް ބާރުފޯރުވުމުގެ އެއްވެސް ފުރުޞަތެއް ސައިޕްރަސްގެ ސަރުކާރަށް ނޯވެއެވެ.