ޚަބަރު

ފުވައްމުލަކުގެ ޓޫރިޒަމް ޒޯން ތަރައްޤީކުރުމަށް 2 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވޭ: މުބީން


  • ފުވައްމުލަކުގައި ޓޫރިޒަމް ޒޯނެއް ތަރައްޤީކުރުމަށްދަނީ މަސައްކަތްކުރަމުން

  • އެސިޓީގައި ތަރައްޤީކުރަނީ 400 ކޮޓަރިއާއި ރެކްރިއޭޝަނަލް އެކި ޚިދުމަތްތައް

ފުވައްމުލަކު ޓޫރިޒަމް ޒޯންގައި ކޮޓަރި ތަރައްޤީކޮށްދިނުމަށް މިހާތަނަށް 2 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުގައި ޓޫރިޒަމް ޒޯނެއް ތަރައްޤީކުރުމަށް ނިންމާ އެއްބަސްވުމެއް ޤާއިމުކޮށްފައިވަނީ އެޕްރީލް މަހުގެ ތެރޭގައެވެ.

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީއަކީ ސަރުކާރުގެ މާލީ އެހީތެރިކަމާ ނުލާ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ކުންފުނީގެ އައު މެނޭޖްމަންޓުންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުންފުނި ހިންގާނެގޮތުގެ މާސްޓަރ ޕްލޭނެއް އެކުލަވާލާފައިވާއިރު، ކުންފުނީގެ މަސްއޫލިއްޔަތު ނުވަތަ މެންޑޭޓް އިސްލާޙުކޮށް އިތުރު ވިޔަފާރިތަކަށް ވަދެވޭނެ ގޮތަށް މިހާރުވަނީ ބަދަލުކޮށްފައެވެ.

މީގެ ދަށުން ރީޖަނަލް އެއަރޕޯޓްސްއިންވަނީ ފުވައްމުލަކުގެ އެއަރޕޯޓާއި އިންވެގެން އޮތް ބީޗް ސަރަޙައްދު ހިމެނޭގޮތަށް ޓޫރިޒަމް ޒޯނެއް ތަރައްޤީކުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލާއެކު އެއްބަސްވުމެއް ޤާއިމުކޮށްފައެވެ. މިމަޝްރޫޢުގެ ދަށުން އެސަރަޙައްދުގައި 400 ކޮޓަރި އާއި ފަތުރުވެރިންނަށް ބޭނުންވާ ރެކްރިއޭޝަނަލް އެކި ޙަރަކާތްތައް ބޭއްވޭ ގޮތަށް އެތަން ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވީ މިމަސައްކަތް ކޮށްދިނުމަށް މިހާރު 2 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ.

"2 ޕާޓީއަކުން މިހާރު ޝައުގުވެރިކަން ފާޅުކޮށްފައިވަނީ. އަޅުގަނޑުމެން މިދަނީ ސަރުކާރުން ނަގަންޖެހޭ ހުއްދަތައް ނެގުމާއި އެނޫންވެސް އެމަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައްވަމުން." މުބީން ވިދާޅުވިއެވެ.

ރީޖަނަލް އެއަރޕޯޓްސްއިން ފުވައްމުލަކުގައި ޓޫރިޒަމް ޒޯނެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާއިރު މީގެ ސަބަބުން އެސިޓީއަށް ރަނގަޅު ފައިދާތަކެއް ކުރާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އެގޮތުން ގުދުރަތީ ތަފާތުކަމެއް ލިބިފައިވާ ފުވައްމުލަކުގެ ރީތިކަމާއި އެސިޓީގައި އޮތް ޝާކް ޕޮއިންޓަކީ މިމަޝްރޫޢުގެ ތެރެއިން ބޭނުންކުރެވޭނެ މުހިއްމު ތަންތަނެވެ. މިއާއެކު އާބާދީ ބޮޑު ފުވައްމުލަކުގައި އިތުރު ވަޒީފާތަކެއް އުފެދި އަމިއްލަ ވިޔަފާރިތަކަށްވެސް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެކަމެއްކަން ކައުންސިލުން ފާހަގަކުރައްވައެވެ.

ރީޖަނަލް އެއަރޕޯޓްސްގެ ދަށުގައި 8 އެއަރޕޯޓު އޮތްއިރު އެރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން އެކުންފުނިންދަނީ އިތުރު ވިޔަފާރިތަކަށް ވަނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި މީގެއިތުރުން އެއަރޕޯޓު ހިމެނޭ ސަރަޙައްދުގައި އާމްދަނީ ލިބޭނެހެން އިޝްތިހާރު ކުރެވޭނެ ފުރުސަތު ހުޅުވާލުމަށްވެސް މަސައްކަތް ކުރަމުންދާކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުނެއެވެ. މީގެއިތުރުން އެއަރޕޯޓުތަކުން، ޖެޓްފިއުލް ވިއްކުމަށް ހުރި ފުރުސަތުތައް ބަލާ ސަރުކާރާއި އަމިއްލަ ވިޔަފާރިތަކާއި ގުޅިގެން އެމަސައްކަތްވެސް ކުރަމުންދާކަމަށް އެކުންފުނިން ބުނެއެވެ.