ޙައްޖު މޫސުމާ ދިމާކޮށް ސަޢޫދީ ޢަރަބިއްޔާގައި އާދަޔާ ޚިލާފަށް ފިނިހޫނުމިން އުފުލުމާ ގުޅިގެން މަރުވި ޙައްޖާޖީންގެ ޢަދަދު 562އަށް އުފުލިއްޖެއެވެ. އޭގެ ތެރޭގައި ގިނައީ މިޞްރުގެ ޙައްޖާޖީންނެވެ. ޞިއްޙީ ޚިދުމަތްތެރިންނާއި ސަލާމަތީ ބާރުތަކުން ހާމަ ކޮށްފައިވާ މަޢުލޫމާތުން ފެންނަ ގޮތުގައި, ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރި މިޞްރުގެ ޙައްޖާޖީންގެ ތެރެއިން 307 މީހުން މަރުވިއެވެ. އަދި, އިތުރު 118 ޙައްޖާޖީން ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި އިދާރާތަކުން ހާމަކޮށްފައިވެއެވެ.
މަންޒަރު ފެނުނު ބައެއް މީހުން ބުނީ, ފިނިހޫނުމިން އުފުލުމާ ގުޅިގެން ހީޓްސްޓްރޯކް ފަދަ ޞިއްޙީ މައްސަލަތައް ކުރިމަތިވެގެން މަރުވި ބައެއް ޙައްޖާޖީންގެ ހަށިތައް މިނާގެ މަގުމަތިން ފެނުނު ކަމުގައެވެ. އެމްބިޔުލާންސްތަކުގައި އެ ހަށިތައް ގެންދެވެން ދެން އިހުރާމް ފޮތިން ނިވައިކޮށްފައި އޮތް މަންޒަރު ފެނުނު ކަމުގައި ވެސް މަންޒަރު ފެނުނު ބައެއް މީހުން ބުންޏެވެ.
މޫސުމީ ދިރާސާ ކުރާ ޖަރުމަނުވިލާތުގެ ކުންފުނި, ކްލައިމެޓް އެނެލިޓިކްސްގެ އިސް ސައިންސްވެރިއެއް ކަމުގައިވާ ކާލް-ފްރީދްރިޗް ޝްލޮއެސްނަރ ވިދާޅުވީ, މި ދުވަސްވަރާ ދިމާކޮށް ސަޢޫދީ ޢަރަބިއްޔާގައި ފިނިހޫނުމިން އާދަޔާ ޚިލާފަށް އުފުލިފައި ވަނީ މޫސޫމީ ބަދަލުތަކާ ގުޅިގެން ކަމަށް ބެލެވޭ ކަމުގައެވެ. "މޫސުމީ ކާރިސާއާ ގުޅިގެން ފިނިހޫނުމިން ދަނީ އާދަޔާ ޚިލާފަށް އުފުލެމުން،" އޭނާ ވިދާޅުވިއެވެ.
2040ވަނަ އަހަރުގެ ޙައްޖު މޫސުން ދިމާވާނީ, ސަޢޫދީ ޢަރަބިއްޔާއަށް ހޫނު މޫސުން ކުރިމަތިވާ ދުވަސްވަރު ކަމަށާއި, އެ އަހަރުގެ ޙައްޖު މޫސުމުގައި ސަޢޫދީ ޢަރަބިއްޔާގެ ފިނިހޫނުމިން އިންތިހާއަށް އުފުލޭނެ ކަމަށް މޫސުން ދިރާސާ ކުރާ ސައިންސްވެރިން އަންދާޒާ ކުރެއެވެ. "އެ އަހަރު ޙައްޖު މޫސުން ވަރަށް ނުރައްކާތެރިވާނެ ކަމަށް ބެލެވޭ،" މޫސުމާ ބެހޭ ދިރާސާ ކުރާ ޕާކިސްތާނުގެ މާހިރެއް ކަމުގައިވާ ފަރްޙާދް ސަޢީދު ވިދާޅުވިއެވެ.
ސަޢޫދީ ޢަރަބިއްޔާއިން ހާމަ ކޮށްފައި ވަނީ, ހުސްވި އަހަރުގެ ޙައްޖު މޫސުމުގައި 2,000އެއްހާ ޙައްޖާޖީންނަށް ހީޓްސްޓްރޯކް ފަދަ ޞިއްޙީ މައްސަލަތައް ކުރިމަތިވިއެވެ. އަދި, ކުރިއަށް އޮތް އަހަރުތަކުގައި ހާލަތު އިތުރަށް ގޯސްވާނެ ކަމުގައި ސައިންސްވެރިން އިންޒާރު ކުރެއެވެ.
ސަޢީދާއި ޝްލޮއެސްނަރ ގުޅިގެން 2021ވަނަ އަހަރު ޝާއިޢު ކޮށްފައިވާ ދިރާސާއެއްގައި ބުނެފައި ވަނީ, ސިނާޢީ ޒަމާން ފެށުމު ކުރިން ދުނިޔޭގެ ފިނިހޫނުމިން ރެކޯޑު ކުރެވިފައިވާ މިންވަރަށް ވުރެ 1.5 ޑިގްރީ ސެލްސިއެސަށް މައްޗަށް މިހާރުގެ ފިނިހޫނުމިން އުފުލިއްޖެ ނަމަ, ޙައްޖު މޫސުމުގައި ހީޓްސްޓްރޯކް ފަދަ ޞިއްޙީ މައްސަލަތައް ކުރިމަތިވާ ޙައްޖާޖީންގެ ޢަދަދު ފަސް ގުނަ އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމުގައެވެ. ސައިސްވެރިން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު, 2030ވަނަ އަހަރުގެ ކުރިން ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީއަށްވުރެ މައްޗަށް އުފުލޭނެއެވެ.
އުފުލެމުންދާ ފިނިހޫނުމިނުން ޙައްޖާޖީންނަށް ރައްކާތެރިކަން ފޯރުކޮށްދޭން ސަޢޫދީ ޢަރަބިއްޔާއިން 2016ވަަނަ އަހަރު ޚާއްޞަ މަޝްރޫޢެއް ފެށިއެވެ. މި މަޝްރޫޢުގެ ދަށުން, ޙައްޖުގެ މަތިވެރި އަޅުކަމުގެ ތެރެއިން ޙައްޖާޖީން އެއްވާ ސަރަޙައްދުތައް ހިޔާ ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި, ކޮންމެ 500 މީޓަރަކުން ސާފު ބޯފެން ލިބޭނެ އިންތިޒާމާއި, ޞިއްޙީ ފަރުވާގެ އިންތިޒާމުތައް ވަނީ ގާއިމު ކޮށްފައެވެ.
މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރި ޙައްޖާޖީންނަށް ވެސް ސަޢޫދީ ސަރުކާރުން ވަނީ ރައްކާތެރި ކަމުގެ ގޮތުން އިރުޝާދު ދީފައެވެ. މި ގޮތުން, ގިނައިން ދިޔާތަކެތި ބޭނުންކޮށް, ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް އިރުޝާދު ދީފައިވެއެވެ. އަދި, މެންދުރު ފިނިހޫނުމިން އެންމެ މައްޗަށް އުފުލޭ ވަގުތު ކަމުގައިވާ ހެނދުނު 11އާއި މެންދުރު 3އާ ދެމެދު ގިނަ ވަގުތު ބޭރުގައި ނޫޅުމަށް ވެސް ސަޢޫދީ ސަރުކާރުން ވަނީ ޙައްޖާޖީންނަށް އިރުޝާދު ދީފައެވެ.