ކުޅިވަރު

ސްލޮވާކިއާއަށް ލިބުނީ ކުޑަކުޑަ ހިނދުކޮޅެއްގެ އުފަލެއް


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސްލޮވާކިޔާ އާއި ޔުކްރޭން ބައްދަލުކުރާ މެޗަކީ ވަރަށް ގިނަ ގޮތްގޮތުން ހާއްސަ މެޗެކެވެ. މި މެޗުން ބަލިވެއްޖެނަމަ ޔުކްރޭނަށް މުބާރާތް ނިމޭނެ އެވެ. ފުރަތަމަ މެޗުގައި ރޮމޭނިޔާ އަތުން 3-0އިން ބަލިވެފައިވުމުން، ސްލޮވާކިޔާ އަތުން އެންމެ މަދުވެގެން ޕޮއިންޓެއް ހޯދައިގެން މެނުވީ ޔުކްރޭނަށް ހަމަޖެހުމުގެ ނޭވާއެއް ނުލެވޭނެ އެވެ. ސްލޮވާކިޔާ މުބާރާތް ފެށީ އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާއާއެކުގަ އެވެ. ފީފާ ރޭންކިންގެ 45 ވަނާގައިވާ ގައުމުން ބަލިކުރީ ތިން ވަނާގައި އޮތް ވަރުގަދަ ބެލްޖިއަމެވެ.

ނަމަވެސް ސްލޮވާކިޔާގެ ކޯޗު ފްރެންޗެސްކޯ ކަލްޒޯނާ އޭނާގެ ކުޅުންތެރިންނަށް ވިސްނައިދެނީ މުބާރާތުގައި އަދި އެއްވެސް އެއްޗެއް ހާސިލްނުކުރެވޭ ކަމަށެވެ. ކުރިން ކޮފީ ވިއްކަން އުޅުނު އިޓަލީގެ ކޯޗު އޭނާގެ ކުޅުންތެރިން ގާތުގައި ބުނީ ބެލްޖިއަމް އަތުން މޮޅުވެގެން ލިބުނީ ކުޑަކުޑަ ހިނދުކޮޅެއްގެ އުފަލެއް ކަމަށާއި އެކަމާ ބޮޑާވެގެންފިނަމަ މުބާރާތުގައި އެކައްޗެއް ވެސް ހާސިލްނުކުރެވި ރަށަށް ދާން ޖެހިދާނެ ކަމަށް. އޭނާ ގަބޫލުކުރާ ގޮތުގައި އެ މެޗުން ލިބުނު ތިން ޕޮއިންޓަކީ މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމަށް ފުދޭ މިންވަރެއްނޫނެވެ.

ނަމަވެސް މިރޭގެ މެޗުން މޮޅުވެގެން މުބާރާތުގެ ދެ ވަނަ ބުރަށް ސްލޮވާކިޔާ އަށް ދަތުރުކުރެވޭނެ އެވެ. މިހެންވެ ރެފްރީގެ ފަހު ކަށިގަނޑާ ހަމައަށް ހަމަބިމުގައި ތިބުމަށް އޭނާ ވަނީ ކުޅުންތެރިނަށް ހަރުކަށި އިންޒާރެއްދީފަ އެވެ.

ރޮމޭނިޔާ އަތުން ބަލިވުމުން ޔުކްރޭން ކުޅުންތެރިން އެދުނީ ކޯޗު ސާހީ ރީބްރޯވް އާއި ސްޓާފުންނާއި ޓީމުގެ އޮފިޝަލުން ޗޭންޖިން ރޫމުން ނުކުތުމަށްފަހު ކުޅުންތެރިން އެކަނި ހާއްސަ ބައްދަލުވުމެއް ބާއްވަން ވަގުތުދިނުމަށެވެ. މިކަމާ ސުވާލު ކުރުމުން ކޯޗު ރީބްރޯވް ބުނީ ކުޅުންތެރިން އެކަނި ބައްދަލުކުރުމަކީ ޖަރުމަނުގައި އާ ކަމަށްވެދާނެ ކަމަށާއި ނަމަވެސް އެއީ އޭނާގެ ގައުމުގައި އާކަމެއްނޫން ކަމަށެވެ.

ޑިފެންޑަރު އެލެކްޒެންޑާ ޒިންޗެންކޯ ބުނީ ކުޅުންތެރިން އަމިއްލަ އަށް ހެދުނު ގޯސްތަކުން ފިލާވަޅު ލިބިގަންނަންޖެހޭނެ ކަމަށާއި ސްލޮވާކިޔާ މެޗަކީ މިހާތަނަށް ކުޅޭނެ އެންމެ އުނދަގޫ މެޗަށް ވާނެ ކަމަށެވެ. އަދި ކުޅުންތެރިން ބޭނުންވަނީ ރޮމޭނިޔާ މެޗުގެ ނަތީޖާ މުޅީން ބަދަލުކޮށްލަން ކަމަށާއި އެކަމަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވެސް ވާން ޓީމުގެ ކޮންމެ ކުޅުންތެރިއަކު ވެސް ފަސްނުޖެހޭނެ ކަމަށެވެ.

ރޮމޭނިޔާ އަތުން ބޮޑު ތަފާތަކުން ޔުކްރޭން ބަލިވިއިރު އެ މެޗުގެ ބޮޑުބައިގައި ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ޔުކްރޭނެވެ. 71.3 ޕަސެންޓް ޔުކްރޭނުން ބޯޅަ ގެންގުޅުނުއިރު 1980ގެ ފަހުން މިއީ 70 އިންސައްތައަށްވުރެ މަތިން ބަޔަކު ބޯޅަ ހިފެހެއްޓި މެޗަކުން 3-0އިން ޓީމެއް ބަލިވި ފުރަތަމަ ފަހަރެވެ.

ބައިނަލް އަގްވާމީ ފުޓްބޯޅައިގައި މި ދެ ޓީމު މީގެ ކުރިން އަށް ފަހަރު ބައްދަލުކޮށްފަ އެވެ. މީގެ ތެރެއިން ޔުކްރޭން ތިން ފަހަރު މޮޅުވެފައިވާއިރު ސްލޮވާކިޔާ މޮޅުވީ ދެ މެޗުންނެވެ. އެކަމަކު މިރޭގެ މެޗަކީ ބޮޑު މުބާރާތެއްގެ ވާދަވެރިކަމުގެ ތެރެއަށް ދެ ޓީމުން ނުކުންނަ ފުރަތަމަ މެޗެވެ.