ފަލަސްޠީނުގެ ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙަށް އެއްގަމު މަގުން އަރައިގަނެ ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން އެ ރަށުގައި ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަ ކުރަން ފަށައިފިއެވެ. ރަފަޙުގެ ރައްޔިތުން ބުނީ, ޔަހޫދީ ފައުޖުން އެ ރަށަށް އަތްގަދަ ކުރަން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އެ ރަށް ސަލާމަތް ކުރުމަށް, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން ދަނީ އެ ރަށަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިންނާ ކުރިމަތިލަމުންނެވެ.
ރަފަޙަށް އަތްގަދަ ކުރުމުގެ އެންމެ މުހިންމު ބޭނުމަކީ, ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުން ހުއްޓުވައި, ފަލަސްޠީނުގެ މުސްލިމުން ހައިހޫނުގައި ޖެއްސުމެވެ. އަދި, ހައިހޫނު ކަމުގައި ޝަހީދުވަމުންދާ މުސްލިމުންގެ ޢަދަދު އިތުރު ކުރުމެވެ. ރަފަޙާއި މިޞްރު ގުޅޭ ސަރަޙައްދީ ރޮނގު މިހާރު ވެސް އޮތީ ޔަހޫދީ ފައުޖުގެ ބާރުގެ ދަށުގައެވެ. އަދި, އެ މަގުން ޣައްޒާއަށް ކާބޯަތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީ ފައުޖުން ދަނީ ހުރަސް އަޅަމުންނެވެ. މޭ 6ވަނަ ދުވަހަށް ފަހު, ރަފަޙު ހުރަހުން ޣައްޒާއަށް ކާބޯތަކެތި ވެއްދުމުގެ ފުރުޞަތު ދީފައެއް ނުވެއެވެ.
ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރާ އެކު ޔަހޫދީ ފައުޖުން ރަފަޙަށް އެރުމަށް ފަހު އެ ރަށުގެ އިރާއި ދެކުނާއި މެދުތެރޭގައި އޮންނަ ސަރަޙައްދުތަކަށް ވަނީ އަތްގަދަ ކޮށްފައެވެ. އަދި, އެ ރަށުގައި ދިރިއުޅެމުން ދިޔަ 1.5 މިލިޔަނެއްހާ ރެފިއުޖީންގެ ތެރެއިން މިލިޔަނަކަށް ވުރެ ގިނަ މީހުންނަށް މަޖުބޫރުކޮށް އެ މީހުން އެ ރަށުން ބާލާފައެވެ. ރަފަޙުގެ ރައްޔިތުން ބުނީ, އެ ރަށުގެ ހުޅަނގާއި އުތުރުގައި އޮތް ސަރަޙައްދުތަކަށް އަތްގަދަ ކުރަން ޔަހޫދީ ފައުޖުން މިހާރު މަސައްކަތް ފަށާފައިވާ ކަމުގައެވެ.
ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ރަފަޙްގެ ހުޅަނގާއި އުތުރުގެ ސަރަޙައްދުތަކަށް ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކުގައި 12 މީހުން ޝަހީދު ކޮށްލިއެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. ޔަހޫދީ ފައުޖުގެ ރަޙުމު ކުޑަ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ފޭލިގެ ކޭމްޕުތަކާއި, ވަގުތީ ހިޔާތަކާއި, ހަސްފަތާލުތަކާއި, މަދަރުސާތަކުގެ އިތުރުން މިސްކިތްތަކަށެވެ. ބޭނުމަކީ, އެ ތަންތަނުގައި ދިރިއުޅެމުންދާ ވަޒަން ގެއްލިފައިވާ ރެފިއުޖީން އެ ސަރަޙައްދުތަކުން ފައްސައިލުމެވެ.
"ރޭގައި [ހުކުރު ވިލޭރޭ] ޔަހޫދީ ފައުޖުން މެދުކެނޑުމެއް ނެތި ރަފަޙަށް ޙަމަލާ ދިން. ޔަހޫދީ ފައުޖުން ވަނީ އަސްކަރީ ޑްރޯންތަކާއި, ޓޭންކުފަހަރުގެ އިތުރުން އައްސޭރިފަށުގައި އޮތް މަނަވަރުތައް ބޭނުން ކޮށްފައި. ގަބޫލު ކުރެވެނީ [ޔަހޫދީންގެ] އިސްތިޢުމާރީ ފައުޖުން މި ރަށް ހިފަން މަސައްކަތް ކުރަމުންދާ ކަމަށް،" ރަފަޙްގެ ރައްޔިތެއް ކަމުގައިވާ 45 އަހަރުގެ ޙާތިމް ބުންޏެވެ.
ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ރަފަޙުގެ އިތުރުން ޣައްޒާގެ މެދުތެރޭގައި އޮންނަ ދަޔިރް އަލް-ބަލަޙަށް ވެސް ވަރުގަދަ ޙަމަލާތަކެއް ދީފައިވެއެވެ. 2023 އޮކްޓޫބަރު 7ގައި ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުުގައި އަތްގަދަ ނުކުރެވި އޮތް ހަމައެކަނި ދެ ސަރަޙައްދަކީ ރަފަޙާއި ދަޔިރް އަލް-ބަލަޙެވެ.
"ޔަހޫދީ ފައުޖުން ރަފަޙުގެ ހުރިހާ ސަރަޙައްދެއް ހަނގުރާމައިގެ މައިދާނަކަށް ބަދަލުކޮށްލައިފި. ރަފަޙުގެ ރައްޔިތުންނަށް ވަނީ އިންސާނީ މުސީބާތެއް ކުރިމަތި ކުރުވާފައި. ފޭލިގެތަކަށް ބޮންއަޅައި, އެ ތަންތަނުގައި ދިރިއުޅޭ ރެފިއުޖީން ވެސް ދަނީ ޝަހީދު ކުރަމުން،" ރަފަޙްގެ މޭޔަރު އަޙްމަދު އަލް-ޞުފީ ވިދާޅުވިއެވެ. އެ ރަށުގައި މިހާރު ޞިއްޙީ ފަރުވާ ދެވޭނެ އެެއްވެސް ގޮތެއް ނެތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އަށް މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 37,431އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 85,653އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.