ޚަބަރު

"އުތުރު ކޮރެޔާއަށް ހަތިޔާރު ފޯރުކޮށްދޭން ރަޝިޔާ ތައްޔާރު"


އުތުރު ކޮރެޔާއަށް ހަތިޔާރު ފޯރުކޮށްދޭން ރަޝިޔާއިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެ, ރަޝިޔާގެ ރައީސް ވްލަޑިިމިޔަރ ޕުޓިން ހުޅަނގާއި އެމެރިކާއަށް ސިހުން ގެނުވައިފިއެވެ. މިއީ, އެމެރިކާއިން ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދެމުންދާތީ, އެ ކަމާ ގޮންޖެއްސެވުމުގެ ގޮތުން ޕުޓިން ވިދާޅުވި ވާހަކައެއް ކަމަށް ބެލެވެއެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އެމެރިކާއިން ދަނީ ބައިނަލްއަޤުވާމީ މައިދާނުން ރަޝިޔާ އެކަހެރި ކުރަން މަސައްކަތް ކުރަމުންނެވެ.

ޕުޓިން މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ, އުތުރު ކޮރެޔާގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅިގެން އެމެރިކާއިން އެ ޤައުމާ ދެކޮޅަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައި, ބައިނަލްއަޤުވާމީ މައިދާނުގައި އެ ޤައުމު ވެސް އެކަހެރި ކޮށްލާފައިވާ ދަނޑިވަޅެއްގައެވެ. އަދި, ނިއުކްލިޔަރ ހަތިޔާރާއި ބެލިސްޓިކް މިސައިލް ތަރައްޤީ ކުރުމުގައި ކާމިޔާބީތަކެއް ހޯދަމުންދާ އުތުރު ކޮރެޔާއާ އެކު ރަޝިޔާއިން ގުޅުންތައް ބަދަހި ކުރަމުން ދިޔުމާ މެދު ވޮޝިންގޓަނާއި ހުޅަނގުން ކަންބޮޑުވުން ފާޅު ކުރަމުންދާ ވަގުތެއްގައެވެ.

އުތުރު ކޮރެޔާއަށް ހަތިޔާރު ފޯރުކޮށްދޭން ރަޝިޔާއިން ތައްޔާރަށް އޮތް ކަން ޕުޓިން ހާމަ ކުރައްވާފައި ވަނީ ވިއެޓްނާމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. ވިއެޓްނާމަށް ވަޑައިގެންނެވުމުގެ ކުރިން ޕުޓިން ވަނީ އުތުރު ކޮރެޔާއަށް ޒިޔާރަތް ކުރައްވައި, އެ ޤައުމުގެ ޒައީމް ކިމް ޖޮންގ އުނާ ބައްދަލު ކުރައްވާފައެވެ. 24 އަހަރަށް ފަހު ޕުޓިން އެ ޤައުމަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ދިފާޢީ ގުޅުން ބަދަހި ކުރުމަށް އެއްބަސްވުމެއްގައި ސޮއި ކުރެއްވިއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިވުމުގެ ގޮތުން އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ޔޫކްރެއިނަށް ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ފޯރުކޮށްދެމުންދާތީ ޕުޓިން މީގެ ކުރިން ވެެސް ކަންބޮޑުވުން ފާޅު ކުރައްވާފައިވެއެވެ. އަދި, އެ ކަމަށް ރައްދު ދިނުމުގެ ގޮތުން, ހުޅަނގުން ދުޝްމަނުންގެ ގޮތުގައި ބަލާ ޤައުމުތަކަށް ހަތިޔާރު ފޯރުކޮށްދޭން ރަޝިޔާއިން ތައްޔާރަށް އޮތް ކަން ވެސް ޕުޓިން ހާމަ ކުރައްވާފައިވެއެވެ.

"އަޅުގަނޑު ބުނީ, ޕްޔޮންގޔަންގ [އުތުރު ކޮރެޔާ] ހިމެނޭ ގޮތުން, ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮތް ޤައުމުތަކަށް ހަތިޔާރު ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ވެސް ލިބިގެންވާ ޙައްޤެކޭ. އަޅުގަނޑުމެންނާ [އުތުރު ކޮރެޔާއާ] ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ޤައުމަށް ވެސް ހަތިޔާރު ފޯރުކޮށްދޭން އެއްވެސް ހުރަހެއް ނެތް،" ޕުޓިން ވިދާޅުވިއެވެ.

އެ ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން, ބޭރުގެ އަސްކަރީ ބާރަކުން ރަޝިޔާ ނުވަތަ އުތުރު ކޮރެޔާއަށް ޙަމަލާއެއް ދީފި ނަމަ, މިނިވަން ކަމާއި ސިޔާސަތު ހިމާޔަތް ކުރަން ހަނގުރާމަ ކުރަން ޖެހިފައިވާ ޤައުމަށް އަނެއް ޤައުމުން އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެއެވެ. އަދި, ބޭރުގެ ޤައުމެއްގެ ޙަމަލާތަކުގެ ޝިކާރައަކަށްވެފައިވާ ޤައުމު ދިފާޢު ކުރަން ބޭނުންވާ ހަތިޔާރު ފޯރުކޮށްދިނުމުގެ އިތުރުން, އެ ޤައުމެއްގެ މިނިވަން ކަމާއި ސިޔާދަތު ހިމާޔަތް ކުރަން ކުރަންޖެހޭ ހަނގުރާމައެއްގައި އަސްކަރީ ގޮތުން ބައިވެރިވާން ޖެހޭނެއެވެ.

ޕުޓިންއާއި ކިމް ސޮއިކުރެއްވި އައު އެއްބަސްވުމުގެ 4ވަނަ މާއްދާގައި އޮތީ, ދެ ޤައުމުން ކުރެ ޤައުމަކަށް ބޭރު ޤައުމަކުން ޙަމަލާދީފި ނަމަ, އދގެ ޗާޓަރުގެ 51ގެ މާއްދާގެ އިމުގެ ތެރެއިން, އެއް ޤައުމުން އަނެއް ޤައުމަށް ހުރިހާ ގޮތަކުން އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމުގައެވެ.
މީގެ އިތުރުން, މި އެއްބަސްވުމަށް ހިޔަނިއެޅޭ ފަދަ, ނުވަތަ ހުރަސް އެޅޭ ފަދަ އެއްވެސް އެއްބަސްވުމެއް ނުވަތަ ގުޅުމެއް ތިންވަނަ ޤައުމަކާ އެކު ގާއިމު ނުކުރުމަށް ވެސް ރަޝިޔާއާއި އުތުރު ކޮރެޔާއިން ވަނީ އަހުދުވެފައެވެ. އަދި, ދެ ޤައުމުން ކުރެ ޤައުމަކަށް ޙަމަލާ ދިނުމަށް ބޭރުގެ ބާރަކަށް މިއިން ޤައުމެއްގެ ސަރަޙައްދު ބޭނުން ކުރުމުގެ ފުރުޞަތު ނުދޭން ވެސް ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ.

ރަޝިޔާއާއި އުތުރު ކޮރެޔާއާ ދެމެދު އަސްކަރީ ދާއިރާއިން ގުޅުން ބަދަހި ކުރުމަކީ އެެމެރިކާއާއި ދެކުނު ކޮރެޔާއިން ކަންބޮޑުވާ މައްސަލައެކެވެ. އުތުރު ކޮރެޔާއިން ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދެމުންދާ ކަމުގައި ވޮޝިންގޓަނާއި ސޯލުން ތުހުމަތު ކުރެއެވެ. އަދި, ރަޝިޔާއިން ޔޫކްރެއިންގެ ފައުޖުތަކާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާއިން އުތުރު ކޮރެޔާގެ ހަތިޔާރު ބޭނުން ކުރަމުންދާ ކަމަށް ވެސް އެމެރިކާއިން ތުހުމަތު ކުރެއެވެ.