ޚަބަރު

އަނިޔާވެރި ނަތަންޔާހޫގެ ވީޑިޔޯއަކާ ގުޅިގެން އެމެރިކާއާއި ޔަހޫދީންނާ ދެމެދު ކުނިޖެހިއްޖެ


އެމެރިކާގެ ރައީސް ޖޯ ބައިޑަނަށް ފާޑުކިޔައި ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވީޑިޔޯއެއް ޢާންމު ކުރުމާ ގުޅިގެން އެމެރިކާއިން ނުރުހުންވެ, އެކަން ކުށްވެރިކޮށްފިއެވެ. ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ އެންމެެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. ނަމަވެސް, ފަހަކަށް އައިސް އެމެރިކާއާއި އިސްރާއީލާ ދެމެދު އޮތް ގުޅުންތައް ވަނީ ހީނަރުވެފައެވެ. ދެ ފަރާތުގެ ދެމެދުގައި ވަނީ ކުނިޖެހިފައެވެ.

ބައިޑަނަށް ފާޑުކިޔައި އަނިޔާވެރި ނަތަންޔާހޫ ޢާންމު ކުރި ވީޑިޔޯގައި އޭނާ ބުނީ ޣައްޒާގެ މުސްލިމުންނަށް އަމާޒުކޮށް ލާއިންސާނީ ޢޫދުވާން ހިންގަން ބޭނުންވާ ހަތިޔާރު ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް ނައްތައިލައްވަން ބައިޑަން ވަޢުދުވެ ވަޑައިގަންނަވާފައިވާ ކަމުގައެވެ. ނަމަވެސް, ބައިޑަން މި ފަދަ އެއްވެސް ވާހަކަފުޅެއް ދައްކަވާފައިވާކަން އެމެރިކާއިން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން މެދުކަނޑައިލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި, ބައިޑަން ދުވަހަކުވެސް އެފަދަ ނިންމުމެއް ނިންމަވަފާނެކަމަށް ކުރިން ގަބޫލުކުރެވިފައި ނުވާ ކަމުގައިވެސް ނަތަންޔާހޫގެ ވީޑިޔޯގައި އޭނާ ބުނެފައިވެއެވެ. ނަތަންޔާހޫއާއި ބައިޑަނާ ދެމެދު ދެކެވޭ މިފަދަ ސިއްރު ވާހަކަތަކުގެ މަޢުލޫމާތު މީޑިޔާއަށް އަދި ޢާންމުންނަށް ހާމަކުރުމަކީ ޢާންމު ކަމެއް ނޫނެވެ.

އިނގިރޭސި ބަހުން ނަތަންޔާހޫ ވާހަކަ ދައްކާފައިވާ ވީޑިޔޯއާ ގުޅިގެން އެމެރިކާއިން ވަނީ ނުރުހުން ފާޅުކޮށް, އެ އަމަލު ކުށްވެރިކޮށްފައެވެ. މިކަމާ ގުޅޭގޮތުން އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ތަރުޖަމާނު ޖޯން ކަރބީ ވިދާޅުވީ, އެމެރިކާގެ ކަންބޮޑުވުންތައް އިސްރާއީލުގެ ސަރުކާރާ ހިއްސާކޮށްފައިވާނެ ކަމުގައެވެ.

"އަޅުގަނޑުމެން އެކި ވަސީލަތްތައް ބޭނުންކޮށް, އިސްރާއީލު ސަރުކާރުގެ ގުޅުން ހުރި ފަރާތްތަކަށް ކަންބޮޑުވުންތައް ހިއްސާ ކުރިން. އަދި, އެ ވީޑިޔޯގައި [ނަތަންޔާހޫ] ފާޅުކޮށްފައިވާ ޚިޔާލުތަކަކީ ޙަޤީޤަތެއް ނޫން ކަން ވެސް އޮންނާނީ ސާފުކޮށްދީފައި. އަޅުގަނޑުމެން އިސްރާއީލަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައިލާފައިވާ ކަމަށް ސިފަ ކުރުމަކީ ބޮޑު އޮޅުވައިލުމެއް،" ކަރބީ ވިދާޅުވިއެވެ.

ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙަށް އެއްގަމު މަގުން އަރައިގަނެ ލާއިންސާނީ ޢުދުވާނާއި ގަތުލުއާންމު ހިންގަން ފެށުމުން އެމެރިކާއިން ޔަހޫދީ ފައުޖަށް ބައެއް ބާވަތްތަކުގެ ހަތިޔާރު ފޯރުކޮށްދިނުން މެދުކަނޑައިލިއެވެ. އޭގެ ތެރޭގައި ނުރައްކާތެރި އަދި ފަނާކުރަނިވި ބައެއް ބޮން ހިމެނެއެވެ. ބައިޑަން މި ގޮތަށް އަމަލު ކުރައްވާފައި ވަނީ, އެތެރެއާއި ބޭރުން ކުރިމަތިވަމުން ދިޔަ ފިއްތުންތަކާ ގުޅިގެންނެވެ.

ނަމަވެސް, އެމެރިކާއިން އަދި ވެސް ދަނީ އެހެން ބާވަތްތަކުގެ ހަތިޔާރު ޔަހޫދީ ފައުޖަށް މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންނެވެ. ޣައްޒާގެ މުސްލިމުންގެ ގެދޮރާއި, ފޭލިގެތަކާއި, ވަގުތީ ހިޔާތަކާއި, ހަސްފަތާލުތަކާއި މިސްކިތްތަކަށް ޙަމަލާދީ, އެތަކެއް ހާސް ބަޔެއްގެ ލޭއޮހޮރުވައިލައި, ޝަހީދު ކުރަން ޔަހޫދީ ފައުޖުން ބޭނުން ކުރަމުން ދަނީ އެމެރިކާއިން ފޯރުކޮށްދެމުންދާ ހަތިޔާރުތަކެވެ. މިސައިލްތަކާއި ބޮންތަކެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވެސް ވަނީ މި ކަން ކަށަވަރު ކޮށްދެއްވާފައެވެ.

ބްލިންކަން ވިދާޅުވީ, ބައެއް ބާވަތްތަކުގެ ބާރުގަދަ ބޮންތައް ފިޔަވައި, އެހެން ހުރިހާ ވައްތަރެއްގެ ހަތިޔާރު މެދުކެނޑުމެއް ނެތި ޔަހޫދީ ފައުޖަށް އެމެރިކާއިން ފޯނުވަމުންދާ ކަމުގައެވެ. "ޔަހޫދީ ފައުޖަށް ފޯރުކޮށްދެމުން ދިޔަ ހަތިޔާރުގެ ތެރެއިން ހުއްޓުވާފައި ވަނީ އެންމެ ޝިޕްމަންޓެއްގެ ހަތިޔާރު. އެއީ, ބާރުގަދަ ބޮންތަކެއް. އެ ތަކެތި ފޮނުވުން މެދުކަނޑައިލާފައި ވަނީ ސިޔާސަތު އަތުން މުރާޖަޢާ ކުރާތީ،" އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މެތިޔު މިލަރ ވިދާޅުވިއެވެ.

ހުސްވި މޭ މަހުގެ ތެރޭގައި އެމެރިކާއިން ޔަހޫދީ ފައުޖަށް ފޮނުވަން ތައްޔާރު ކުރުމަށް ފަހު ހުއްޓުވާފައިވާ ހަތިޔާރު ޝިޕްމަންޓުގައި ހިމެނެނީ 2,000 ޕައުންޑާއި 500 ޕައުންޑުގެ ނުރައްކާތެރި އަދި ފަނާކުރަނިވި ބޮންތަކެކެވެ. ސަބަބަކީ, އޭގެ ކުރިން ފޯރުކޮށްދެމުން ދިޔަ އެ ފަދަ ނުރައްކާތެރި ހަތިޔާރުތައް ބޭނުންކޮށް ޔަހޫދީ ފައުޖުން ޣައްޒާގެ ޢާންމުންނާއި ރެފިއުޖީން ދިރިއުޅޭ ސަރަޙައްދުތަކަށް އެއްވެސް ރަޙުމެއް ނެތި ޙަމަލާ ދެމުން ދިޔުމެވެ. މި ފަދަ ހަތިޔާރު ޔަހޫދީންނަށް ފޯރުކޮށްދެމުން ދިޔުމާ ގުޅިގެން އެމެރިކާއަށް މުޅި ދުނިޔޭގެ ނުރުހުމާއި ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހުނެވެ.

މީގެ އަށް މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 37,431އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 85,653އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.