ކުޅިވަރު

ޗެކް ރިޕަބްލިކާއި ޖޯޖިއާ: ދެބައި މީހުން ނުކުންނަނީ އެއް އަމާޒަކަށް


ޗެކް ރިޕަބްލިކާއި ޖޯޖިއާ މިރޭ ބައްދަލުކުރާ މެޗަށް ދެ ބައި މީހުން ނުކުންނަނީ އެއް އަމާޒަކަށް ވާސިލްވުމަށެވެ. ޗެކް ރިޕަބްލިކް ވަނީ ފުރަތަމަ މެޗުގައި ޕޯޗުގަލް އަތުން ބަލިވެފައި. ޖޯޖިއާ ބަލިވީ ވަރުގަދަ ކުރިމަތިލުމަކަށްފަހު ތުރުކިޔޭ އަތުންނެވެ. މިހެންވެ މިރޭގެ މެޗުން މޮޅުވާ ޓީމަކަށް ޔޫރޯގެ ދެ ވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ހޯދައިގަނެވޭނެ އެވެ. މުބާރާތުގެ އެތުރުން ރާވާލާފައިވާ ގޮތުން ބަލިވިޔަސް އެއްވެސް ޓީމެއް މުބާރާތަކުން ނުކަޓާނެ އެވެ. ސަބަބަކީ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ހަތަރު ޓީމަކަށް ގަދަ 16އިން ފުރުސަތު ލިބޭތީވެ އެވެ.

ޗެކްރިޕަބްލިކްގެ ކޯޗު އިވާން ހަސެކަށް މެޗުގެ ކުރިން އޮތް ހަމައެކަނި ކަންބޮޑުވުމަކީ ކެޕްޓަން ތޯމަސް ސޫސެކަށް ލިބިފައިވާ ހާނިއްކައިން އަރައިނުގަނެވިދާނެތީ އެވެ. އެހެން ހުރިހާ ކުޅުންތެރިން ތިބީ ގަދަވެ ހެޔޮހާލުގަ އެވެ. މިއާ ހިލާފަށް ޖޯޖިއާގެ މިޑްފީލްޑަރު އޮޓޯ ކައިޓިސްވިލީ އަށް މި މެޗުގައި ނުކުޅެވޭނެ އެވެ. ކޯޗު ވިލީ ސަގަނޯލްގެ މި މެޗަށް ނުކުންނައިރު ވިސްނަމުންދަނީ ފުރަތަމަ 11 އަށް ބަދަލު ގެންނާނެ ގޮތަކާމެދުގަ އެވެ. އޭނާގެ ސިނކުޑީގައި އެނބުރެމުންދާ އެއް ހިޔާލަކީ މުބާރާތުގައި ކުޅުމުގެ ފުރުސަތު ވީހާ ވެސް ގިނަ ކުޅުންތެރިންނަށް ލިބޭނެ ގޮތަކަށް ޓީމުގެ އެތުރުން ރާވާލުމަށެވެ.

ޖޯޖިއާގެ މިހާރުގެ ސަރުކާރަކީ ރަޝިޔާއާ ވަރަށް ގާތް ގުޅުމެއް ބާއްވާ ގައުމެކެވެ. އަދި މިހާރު އެ ގައުމުގެ ޕާލަމެންޓުން ފާސްކުރުމަށް މަސައްކަތް ކުރާ ޕޮރިން ޕޮލިސީ ބިލަކީ ރަޝިޔާ އަށް ފަހިވާނެ ގިނަ ކަންތައްތައްކެއް ހިމެނޭ ބިލެއް ކަމަށް ބުނެ އެ ގައުމުގައި ދަނީ ބޮޑެތި މުޒާހަރާތަކެއް ކުރަމުންނެވެ. މިކަމުގެ ތެރެއިން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން މިހާރު ވަނީ ވަދެ ރަނގަޅަށް ބައިވެރިވާން ފަށާފައި. ސޯޝަލް މީޑިއާގައި ޓީމުގެ ކެޕްޓަނާއި އިސްކޮށްތިބި ގިނަ ކުޅުންތެރިން ބުނަމުންދަނީ ޖޯޖިއާ އަކީ މިނިވަން ގައުމެއް ކަމަށާއި ޒުވާން ޖީލަށް އެމީހުންގެ ކަންކަން އަމިއްލަ އަށް ނިންމައި ބަސް ބުނުމުގެ ފުރުސަތު ނުދީ ކަންކަން އެހެން ބަޔަކު ބޭނުންހާ ގޮތަކަށް އަނބުރާލުމަކީ ގައުމުގެ ރައްޔިތުން އެދޭ ގޮތް ނޫން ކަމަށެވެ.

މިހެންވެ ޔޫއޭފާއިން ރުހުނަސް ނުރުހުނަސް މިރޭގެ މެޗުގައި ރަޝިޔާއާ ދެކޮޅަށް ބެނާތައް ދަނޑުތެރެއިން ފެނުނަމީ އެކަށީގެންވާ ކަމެކެވެ. ޔުކްރޭނުގެ ސަޕޯޓަރުން ފަދައިން ޖޯޖިއާގެ ސަޕޯޓަރުން ދެކެނީ ފުޓްބޯޅަ ދަނޑުތަކާއި ޔޫރޯ އަކީ އެމީހުންގެ ބޭނުންތަކާއި ހިތުގެ ކެކުޅުން ދުނިޔެ އަށް ދައްކައިދެވޭނެ އެންމެ ރަނގަޅު ސިނަމާ ކަމަށެވެ.

މި ފަހަރުގެ ޔޫރޯ އަކީ ޖޯޖިއާގެ ފުރަތަމަ ބޮޑު މުބާރާތް. ނަމަވެސް ޗެކް ރިޕަބްލިކަކީ އިހުގައި ޔޫރޯގައި ވެސް ވަރުގަދަ ގައުމެކެވެ. އެކަށީގެންވާ ތާރީހެއް ވެސް އޮތް ގައުމެކެވެ. ނަމަވެސް އެމީހުންނަށް ނުކުރެވޭ ކަމަކީ މި ފަހަކަށް އައިސް މުބާރާތުގެ ފައިނަލް ސްޓޭޖަށް ދަތުރުކުރުމެވެ. މިކަމަށް ނިމުން ގެނައުމަށް މިރޭ ޖޯޖިއާ ބަލިކޮށްގެން މެނުވީ ފުރުސަތު ލިބުން ދުރުވާނެ އެވެ.
ބައިނަލް އަގްވާމީ ފުޓްބޯޅައިގައި މި ދެ ގައުމު މިހާތަނަށް ބައްދަލުކޮށްފައިނެތެވެ. އަލަތު މެޗަށް ނުކުންނައިރު ޗެކް ރިޕަބްލިކް 2000 ވަނަ އަހަރުގެ ފަހުން ޔޫރޯގެ ފުރަތަމަ ދެ މެޗުން ބަލިވެފައި ނެތުމަކީ ނަފްސާނީ ގޮތުން އެމީހުންނަށް ލިބޭނެ ހިތްހަމަޖެހުމެކެވެ.