ޚަބަރު

"ޣައްޒާގައި ހިންގަމުންދާފަދަ ޢުދުވާނެއް ލުބްނާނުގައި ފެށިޔަ ދީގެން ނުވާނެ"


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ފަދަ ލާއިންސާނީ ޢުދުވާނެއް ލުބްނާނުގެ މުސްލިމުންނާ ދެކޮޅަށް ފެށުމުގެ ފުރުޞަތު ޔަހޫދީންނަށް ދީގެން ނުވާނެ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ, ލުބްނާންގައި ހަރަކާތްތެރިވާ ޙިޒްބުالله ޖަމާޢަތާއި ޔަހޫދީ ފައުޖާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކާ މެދު ކަންބޮޑުވުން ފާޅު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

2023 އޮކްޓޫބަރު 7ގައި ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނާ ދެކޮޅަށް ޙިޒްބުاللهން ވަނީ އިސްރާއީލުގެ ރަށްތަކާއި ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ޙަމަލާދޭން ފަށާފައެވެ. އަދި, ރައްދުގައި ޔަހޫދީ ފައުޖުން ވެސް ދަނީ ލުބްނާންގެ ޢާންމު ރައްޔިތުން ދިރިއުޅޭ ގެދޮރާއި ޞިއްޙީ މަރުކަޒުތަކަށް ޙަމަލާ ދެމުންނެވެ. މި ޙަމަލާތައް އިތުރު ކުރާނެ ކަމުގެ އިންޒާރާ އެކު, ދެ ފަރާތުން ވެސް ދަނީ ވަރުގަދަ ބަހުގެ ޙަމަލާތަކެއް ބަދަލު ކުރަމުންނެވެ.

"އޮޅުމެއްގެ ތެރެއިން އެޅޭ ހަމަ އެންމެ ކަސިޔާރު ފިޔަވަޅެއްގެ ސަބަބުން މި މައްސަލަ ވަޒަން ކުރަން ދަތި މިންވަރެއްގެ ބޮޑު ކާރިސާއަކަށް ބަދަލުވުމުގެ ފުރުޞަތު އެބައޮތް. ހާލަތު ސާފު ކުރަމާ ހިނގާ: އެ ސަރަޙައްދުގެ ރައްޔިތުންނަށް, އަދި މުޅި ދުނިޔެއަށް ވެސް, ޣައްޒާގައި ހިންގަމުންދާ ފަަދަ ލާއިންސާނީ ޢުދުވާނެއް ލުބްނާނުގައި ފަށައިފި ނަމަ އޭގެ އަގެއް އަދައެއް ނުކުރެވޭނެ،" ގުތެރޭޝް ވިދާޅުވިއެވެ.

ލުބްނާނާއި ޒަޔަނިސްޓު އިސްރާއީލާ ދެމެދު ހަނގުރާމައެއް ފެށުމުގެ ފުރުޞަތު ހަނިކުރުމަށް އދގެ ސުލްޙަ ބަލަހައްޓާ ފައުޖު (ޔުނިފިލު)ން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ދެ ޤައުމުގެ ދެމެދުގައި އޮންނަ "ބްލޫ ލައިން"ގެ ނަން ދީފައިވާ ސަރަޙައްދުގައި އދގެ ސުލްޙަ ބަަލަހައްޓާ ފައުޖުގެ ސިފައިން ދަނީ އަމަން ދަމަހައްޓަން މަސައްކަތް ކުރަމުންނެވެ.

"އދގެ ސުލްޙަ ބަލަހައްޓާ ފައުޖުން ދަނީ އެ ސަރަޙައްދުގައި އޮތް ނުތަނަވަސް ކަން ހައްލު ކުރަން, އަދި ކަސިޔާރު ފިޔަވަޅެއް އެޅުނަ ނުދޭން މަސައްކަތް ކުރަމުން. މުޅި ދުނިޔެއިން ހަރުއަޑުން ސާފުކޮށް ގޮވައިލަން ޖެހޭ: ވަގުތުން ނުތަނަވަސް ކަން ހައްލު ކުރަން ޖެހޭ ކަމަށް. އެ ނޫން އިތުރު ގޮތެއް ނެތް. މި ކަމަށް އަސްކަރީ ހައްލެއް ނެތް،" ގުތެރޭޝް ވިދާޅުވިއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ފަދަ ލާއިންސާނީ ޢުދުވާނެއް ފަށާނެ ކަމަށް ބުނެ ޔަހޫދީ ފައުޖުން ދަނީ ޙިޒްބުاللهއަށް އިންޒާރު ދެމުންނެވެ. މި އިންޒާރުތަކަށް ރައްދު ދެއްވަމުން އެ ޖަމާޢަތުގެ ވެރިޔާ ސައްޔިދް ޙަސަން ނަޞްރުالله ވިދާޅުވީ, ލުބްނާނުގެ ދިފާޢުގައި ހަނގުރާމަ ކުރަން އެ ޖަމާޢަތުން ތައްޔާރަށް އޮތް ކަމުގައެވެ. އަދި, ޔަހޫދީ ފައުޖާ ދެކޮޅަށް ކުރާ ހަނގުރާމައެއްގައި އެއްވެސް ޤާނޫނަކަށް ނުބަލާނެ ކަމުގައި ވިދާޅުވެ, އޭނާ ވެސް ވަނީ ޔަހޫދީ ފައުޖަށް އިންޒާރު ދެއްވާފައެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, ޙިޒްބުاللهއާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރުމަކީ ޔަހޫދީންނަށް އެޅޭނެ ޅަ ފިޔަވަޅަކަށް ވާނެ ކަމުގައެވެ. "ޙަމާސްގެ ހަތިޔާރު އެޅި ގޮފި, އަލް-ޤައްސާމް ބްރިގޭޑްސާ އަޅައިބަލާއިރު ޙިޒްބުاللهގެ ހަނގުރާމަވެރިންނަކީ މާ ބޮޑަށް ތަމްރީނު ލިބިފައިވާ ބަޔެއް. ޙިޒްބުاللهއަކީ މާ ރޭވުންތެރި ޖަމާޢަތެއް. އަދި, ހަތިޔާރުގެ ގޮތުން ބެލި ނަމަވެސް, މާ ނުރައްކާތެރި ހަތިޔާރު އެ މީހުން އަތުގައި އެބަހުރި. އެހެންވެ, ޙިޒްބުاللهއާ ދެކޮޅަށް ހަނގުރާމަ ފެށުމަކީ ޔަހުދީންނަށް އެޅޭނެ ޅަ އެއްޗަކަށް ވާނެ،" ޤަޠަރު ޔުނިވަރސިޓީގައި ކިޔަވައިދެއްވާ ބައިނަލްއަޤުވާމީ ދާއިރާގެ މާހިރެއް ކަމުގައިވާ ޕްރޮފެސަރ ޙަސަން އަލް-ބަރާރީ ވިދާޅުވިއެވެ.

މީގެ އަށް މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 37,551އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 85,911އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.