ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފް ގައި ރޭ ޖޯޖިއާ އާ 1-1 އިން އެއްވަރުވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗެކް ރިޕަބްލިކްގެ ކޯޗު، އިވާން ހަސެކް ބުނީ، އިދިކޮޅު ޓީމަށް ފަހުވަގުތު ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވުމުން އޭނާގެ ޓީމުން އުފާ ކުރަންޖެހޭ ކަމަށެވެ.
ހަސެކް ބުނީ، އޭނާގެ ޓީމުން މުޅި މެޗު ޑޮމިނޭޓްކުރިނަމަވެސް ދެވަނަ ލަނޑެއްޖެހުމަށް އުނދަގޫތައް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން، މުޅި ޖުމްލަ 26 އެއްހާ ހަމަލާ އެ ޓީމުން ފޮނުވާލި ކަމަށް ވެސް ހަސެކް ފާހަގަކުރިއެވެ. އެހެން އެކަން އޮއްވާ، އިދިކޮޅު ޓީމަށް އެންމެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ކައުންޓައެޓޭކެއްގައި ލިބުނު ފުރުޞަތުގެ ބޭނުންނުހިފުމުން އޭނާގެ ޓީމުން އުފާކުރަންޖެހޭނެ ކަމަށް ވެސް ހަސެކް ބުންޏެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފަހު 15 ވަރަކަށް މިނެޓުގެ ތެރޭގައި އޭނާގެ ޓީމުން އެންމެ އެކަށީގެންވާ ރަނގަޅު ކުޅުމެއް ނުދައްކާ ކަމަށާއި، ޕެނަލްޓީއެއް ލިބިގެންދިޔައީ ވެސް އެންމެ ރަނގަޅަށް ކަންކަމަށް ސަމާލުކަން ނުދެވުމުން ކަމަށް ހަސެކް ބުންޏެވެ.
އެކަމަކު، ފަހު ހާފުގައި އެއަށްވުރެ ކުޅުން ރަނގަޅުކުރިނަމަވެސް ހަމައެކަނި ކުރެވުނު ކަމަކީ ނަތީޖާ އެއްވަރުކުރުން ކަމަށް ވެސް ހަސެކްގެ ވާހަކައިގައި ފާހަގަކުރިއެވެ.
ޖޯޖިއާ އާ ދެކޮޅަށް ކުޅުނު މެޗުގެ ފޯރިގަދަވެ، ބަލާހިތްވާ ކަހަލަ ކުޅުމެއް ފެނިގެންދިއުމުން ހަސެކް ވަނީ، ކޮންމެ ފުޓްބޯޅަ ކުޅުންތެރިއަކު ވެސް ސަޕޯޓަރުންގެ ކުރިމަތީގައި މިފަދަ މެޗެއްގައި ކުޅުމުގެ ހުވަފެން ދެކޭނެ ކަމަށް ބުނެފައެވެ.
އަދި މެޗަށްފަހު އޭނާގެ ކުޅުންތެރިން، ޖޯޖިއާ ވެސް ހިމެނޭ ގޮތަށް ހުރިހާ ސަޕޯޓަރުންނަށް ޝުކުރުއަދާކޮށްފައިވާ ކަމަށާއި، އޭނާގެ ޓީމުން ކޮލިފައިވާން ބޭނުންވަނީ އެ ސަބަބަށްޓަކައި ކަމަށް ވެސް ހަސެކް ވަނީ ބުނެފައެވެ.
އޭނާގެ ޓީމުން އެހާ އަވަހަށް އެނބުރި ގައުމަށް ދާން ބޭނުންނުވާ ކަމަށާއި، ބޭނުންވަނީ ވީހާވެސް ގިނަ ދުވަހު މުބާރާތުގައި ދެމިއޮތުމަށް ކަމަށް ހަސެކް ބުންޏެވެ.
މުބާރާތުގައި ޗެކް ރިޕަބްލިކް ދެން ކުޅޭ މެޗުގައި މި މަހުގެ 26 ވާ ބުދަ ދުވަހުގެ ރޭ ނިކުންނާނީ ތުރުކީއާ ދެކޮޅަށެވެ.