ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ފަލަސްޠީނުގެ މުސްލިމަކަށް ލާއިންސާނީ އަނިޔާތައް ދެމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ޢާންމުވެއްޖެއެވެ. އެ ވީޑިއޯގައި ފެންނަނީ, ހުޅަނގު އައްސޭރީގެ ޖަނީންގައި ދިރިއުޅޭ މުސްލިމަކަށް ޙަމަލާދީ ޒަޚަމުކޮށްލުމަށް ފަހު, އަސްކަރީ އުޅަނދެއްގެ ކުރިމަތީގައި އޭނާގެ ހަށިގަނޑު ބަނދެގެން ދުއްވާފައިދާ މަންޒަރެވެ. ވީޑިއޯއިން ފެންނަނީ ޖަނީންގެ ރައްޔިތެއް ކަމުގައިވާ މުޖާހިދު ޢަޛްމީއެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ޔަހޫދީ ފައުޖުން ޢަޛްމީ ހަށިގަނޑު ބޭނުން ކޮށްފައި ވަނީ އައްޑަނައެއްގެ ގޮތުގައެވެ. އަދި, އޭނާއަށް ފަރުވާ ދޭން ގެންދިޔުމަށް, ޞިއްޙީ ޚިދުމަތްތެރިންނާ އޭނާގެ ހަށިގަނޑު ހަވާލު ކުރަން ވެސް ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ވަނީ ދެކޮޅު ހަދާފައެވެ. އަޛްމީގެ ޢާއިލާއިން ބުނީ, އޭނާއަށް ޔަހޫދީ ފައުޖުން ޙަމަލާދީ, ޒަޚަމު ކޮށްލާފައި ވަނީ, އޭނާ ހައްޔަރު ކުރުމަށް ހިންގި ޢުދުވާނެއްގައި ކަމުގައެވެ.
"އޭނާގެ އެއް އަތް އޮތީ އުޅަނދުގެ ވިންޑްޝީލްޑް [ކުރިމަތި ފަރާތު ބިއްލޫރިގަނޑު]ގައި އައްސާފައި. އެ މީހުން ދުއްވާފައި ދިޔައީ އަހަރުމެން ކައިރިން. އޭނާއަށް ފަރުވާ ދޭން އަހަރުމެންނާ ހަވާލު ކުރަން [ޔަހޫދީ ފައުޖުން] ދެކޮޅު ހެދި،" އަޛްމީއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އެ ސަރަޙައްދަށް ދަތުރު ކުރި އެމްބިޔުލާންސް ދުއްވަން އިން ޢަބްދުއްރަޢޫފު މުޞްޠަފާ ބުންޏެވެ.
އަޛްމީ ހައްޔަރު ކުރުމުގެ ތެރޭގައި ޔަހޫދީ ފައުޖުގެ ސިފައިން ލާއިންސާނީ އަމަލުތަކެއް ހިންގާފައިވާ ކަން ޔަހޫދީ ފައުޖުން ވެސް ވަނީ އެއްބަސްވެފައެވެ. އަދި, މި ހާދިސާ ތަޙުޤީޤު ކުރާނެ ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުންޏެވެ. ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން އަޛްމީގެ ހަށިގަނޑު ޞިއްޙީ ޚިދުމަތްތެރިންނާ ހަވާލު ކޮށްފައި ވަނީ އެތަކެއް އިރަކު މަގުތަކުގައި ދުއްވައި, އޭނާއަށް ލާއިންސާނީ އަނިޔާތަކެއް ދިނުމަށް ފަހުއެވެ.
މި ހާދިސާގެ ވީޑިއޯ ޢާންމުވުމާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ޔަހޫދީ ފައުުޖުގެ ސިފައިންގެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އޭގެ ތެރޭގައި ފަލަސްޠީނަށް އދއިން ކަނޑައަޅާފައި ހުންނަވާ ޚާއްޞަ ރެޕޯޓަރ ފްރަންޗެސްކާ އަލްބެނޭޒޭ ހިމެނެއެވެ. އޭނާ ވެސް ވިދާޅުވީ, ޔަހޫދީ ފައުޖުން އަޛްމީގެ ހަށިގަނޑު އައްޑަނައެއްގެ ގޮތުގައި ބޭނުން ކޮށްފައިވާ ކަމުގައެވެ.
މުސްލިމުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ އެމެރިކާގެ އެންމެ ބޮޑު ޖަމުޢިއްޔާ, ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ސީއޭއައިއާރު)ން ވެސް ވަނީ ޔަހޫދީ ފައުޖުގެ ސިފައިންގެ އަމަލުތައް ކުށްވެރި ކޮށްފައެވެ. އަދި, ޣައްޒާގެ އަލް-ޝަޠަޢު ރެފިއުޖީ ކޭމްޕާއި ތުއްފާޙް ސަރަޙައްދަށް ރަޙުމު ކުޑަ ޙަމަލާތަކެއްދީ, 45 މީހުން ޝަހީދުކޮށްލި ހާދިސާ ވެސް އެ ޖަމުޢިއްޔާއިން ވަނީ ކުށްވެރި ކޮށްފައެވެ.
"އިސްރާއީލާއި އެމެރިކާ ގުޅިގެން ހިންގަމުންދާ ގަތުލުއާންމާއި ހަނގުރާމައިގެ ކުށްތައް ހުއްޓުވަން ޖެހޭ. އެމެރިިކާގެ ރައްޔިތުން ދައްކާ ޓެކުސް ފައިސާ ބޭނުން ކުރަމުން އެ ދަނީ [ޣައްޒާގެ] ކުށެއް ނެތް ޢާންމުން ޝަހީދުކޮށް, ޒަޚަމުކޮށް, ހައިހޫނުގައި ޖައްސަން. ޔަހޫދީ ފައުޖުގެ ލާއިންސާނީ ޢުދުވާނުގައި ބައިވެރިވުން [ރައީސް ޖޯ] ބައިޑަންގެ ސަރުކާރުން ހުއްޓައިލައި, ފަލަސްޠީނުގެ މުސްލިމުންނަކީ އިންސާނުން ކަން ބަލައިގަންނަން ޖެހޭ،" ސީއޭއައިއާރުން ބުންޏެވެ.
މިއީ, ފަލަސްޠީނުގެ މުސްލިމުންނަށް ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ލާއިންސާނީ އަނިިޔާތައް ދީފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. މި ފަދަ ލާއިންސާނީ އަމަލުތައް ޔަހުދީ ފައުޖުގެ ސިފައިން ދަނީ ތަކުރާރު ކުރަމުންނެވެ. މި ގޮތުން, ހުސްވި މޭ މަހުގެ ތެރޭގައި ވެސް އަރީޙާގައި ޔަހޫދީ ފައުޖުން ވަނީ ފަލަސްޠީނުގެ ފަސް ކުޑަކުދިން އައްޑަނައެއްގެ ގޮތުގައި ބޭނުން ކޮށްފައެވެ.
މީގެ އަށް މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 37,598އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 86,032އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.