ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން ޣައްޒާ ސިޓީއަށް ރަޙުމު ކުޑަ ޙަމަލާތަކެއްދީ, ޞިއްޙީ ދާއިރާގެ އިސް އޮފިޝަލެއް ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީ ފައުޖުގެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައި ވަނީ ޣައްޒާ ސިޓީގެ އެމްބިޔުލާންސް އަދި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ އިދާރާގެ ވެރިޔާ ހާނީ އަލް-ޖަޢުފަރާވީއެވެ. ޔަހޫދީ ފައުޖުން ބުނީ ޝަހީދު ކޮށްލާފައި ވާނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ އިސް ކޮމާންޑަރެއް ކަމުގައެވެ.
ޖަޢުފަރާވީ ޝަހީދު ކޮށްލުމާ އެކު, 2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ ޞިއްޙީ ޚިދުމަތްތެރިންގެ ޢަދަދު ވަނީ 500އަށްވުރެ މައްޗަށް އުފުލިފައެވެ. މީގެ އިތުރުން, 300އަށްވުރެ ގިނަ ޞިއްޙީ ޚިދުމަތްތެރިން މިހާރު ތިބީ ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިންގެ ހައްޔަރުގައެވެ. ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިންނަށް ޙަމަލާތައް އަމާޒު ކުރުމަކީ ޢުދުވާނުގައި ޝަހީދު ކުރަމުންދާ ފަލަސްޠީނުގެ ރައްޔިތުންނަށް ޞިއްޙީ ފަރުވާ ދިނުމަށް ހުރަސް އެޅުމުގެ ގޮތުން ޔަހޫދީ ފައުޖުން ހިންގަމުންދާ ހަނގުރާމައިގެ ކުށެކެވެ.
ޔަހޫދީ ފައުޖުގެ ލާއިންސާނީ ޢުދުވާން އަށްވަނަ މަހަކަށް ދަންމައިލާފައިވާއިރު, ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ޢަރަބި ޤައުމުތަކުން އިސްނަގައިގެން ބައިނަލްއަޤުވާމީ މުޖުތަމަޢާ އެކު ކުރަމުންދާ މަސައްކަތްތަކުގައި ކުރިއެރުންތަކެއް ލިބިފައެއް ނެތެވެ. ޔަހޫދީންގެ މި ޢުދުވާނުގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ވެސް ދަނީ ނަމެއްގައި ޢުދުވާން ހުއްޓުވަން ބާރު އަޅަމުންނެވެ. އަނެއްކޮޅުން, ފަލަސްޠީނުގެ މުސްލިމުން ޝަހީދު ކުރަން ބޭނުން ކުރަމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު އެމެރިކާއިން ދަނީ ޔަހޫދީ ފައުޖަށް ފޯރުކޮށްދެމުންނެވެ.
ޙަމާސުން ބުނީ, ޢުދުވާން ހުއްޓައިލައި, ޣައްޒާއަށް ވެރިވެގަނެފައިވާ ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން އެ ސަހަރުން ފޭބުމުން މެނުވީ ޔަހޫދީންނާ އެކު އެއްވެސް އެއްބަސްވުމެއް އެކުލަވައިނުލާނެ ކަމުގައެވެ. ޔަހޫދީ ފައުޖުން ބުނީ, ފަލަސްޠީނުގެ މުސްލިމުން ޝަހީދުކޮށް ނެތި ކުރަމުން އެ ދަނީ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައި ކަމުގައެވެ. އަދި, ޙަމާސްގެ ހުރިހާ މުޖާހިދުން ޝަހީދުކޮށް ހުސްކޮށްލުމަކީ ގަތުލުއާންމު ހިންގުމުގެ މައިގަނޑު އަމާޒު ކަމުގައެވެ.
މި ޢުދުވާނުގެ ދަށުން ޔަހޫދީ ފައުޖުން މިހާރު ދަނީ ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙަށް އަތްގަދަ ކުރަން މަސައްކަތް ކުރަމުންނެވެ. އެ ރަށުގެ ދެކުނާއި އިރުމަތި އަދި މެދުގައި އޮތް ގިނަ ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން ވަނީ ބަރުހަތިޔާރާ އެކު އަރައިގަނެފައެވެ. ރަފަޙަށް އެރުމަށް ފަހު, އެ ރަށުގައި ތިބި 1.5 މިލިޔަން ރެފިއުޖީންގެ ތެރެއިން މިލިޔަނަކަށް ވުރެ ގިނަ މީހުން ވަނީ އެ ރަށުން ބޭރުކޮށްފައެވެ.
ރަފަޙްގެ ރައްޔިތުން ބުނީ, ޔަހޫދީ ފައުޖުން މި ވަގުތު އެންމެ ވަރުގަދަ ޙަމަލާތަކެއް ދެމުން ދަނީ އެ ރަށުގެ ހުޅަނގުއުތުރުގައި އޮތް އަލް-މަވާސީއަށް ކަމުގައެވެ. އެއީ, އެތަކެއް ހާސް ރެފިއުޖީން ދިރިއުޅެމުންދާ ފޭލިގެ ކޭމްޕުތަކެއް ޖަހާފައިވާ ސަރަޙައްދެކެވެ. ޔަހޫދީ ފައުޖުގެ ބޭނުމަކީ އެ ސަރަޙައްދުގައި ތިބި ރެފިއުޖީން ރަފަޙާ އިންވެގެން އޮތް ޚާން ޔޫނިސާއި ޣައްޒާގެ މެދުގައި އޮންނަ ދަޔިރް އަލް-ބަލަޙަށް ފައްސައިލުމެވެ.
"ރަފަޙުގެ ހުޅަނގުގައި އޮތް ތަލް އަލް-ސުލްޠާންގެ ހާލަތު ވަރަށް ނުރައްކާތެރި. ޔަހޫދީ ފައުޖުން ދަނީ ޑްރޯންތަކާއި ސްނައިޕަރު ބަޑި ބޭނުން ކޮށްގެން މަގުތަކަށް ނިކުންނަ މީހުންނަށް ވެސް ޙަމަލާދީ, އެ މީހުން ޝަހީދު ކުރަމުން. އަދި, ރަފަޙުގެ ރައްޔިތުންގެ ގެދޮރަށް ރޭޑު ޖަހަމުން. ޔަހޫދީ ފައުޖުގެ އަސްކަރީ ޓޭންކުތަކުން ވަނީ އަލް-މަވާސީ ވަށައިލާފައި،" ރަފަޙުގެ ރައްޔިތެއް ބުންޏެވެ.
މީގެ އަށް މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 37,598އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 86,032އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.