ޚަބަރު

ޔޫކްރެއިންގެ ޕޯކްރޮވްސްކަށް ޙަމަލާދީ ފަސް މީހުން މަރާލައިފި


ޔޫކްރެއިންގެ އިރުމަތީގައި އޮންނަ ޕޯކްރޮވްސްކަށް ރަޝިޔާއިން ދިން ޙަމަލާތަކެއްގައި ޢާންމުންގެ ފަސް މީހުން މަރުވެއްޖެއެވެ. އިސްކަންދަރު-އެމް މަރުކާގެ މިސައިލްތަކެއް ބޭނުން ކޮށްގެން ދީފައިވާ ޙަމަލާތަކުގައި އިތުރު 41 މީހުން ޒަޚަމުވި ކަމުގައި އެ ރަށުގެ އޮފިޝަލުން ބުންޏެވެ. ރަޝިޔާއިން އެ ރަށަށް ދެ މިސައިލް ޙަމަލާ ދީފައިވެއެވެ. ޕޯކްރޮވްސަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުމުގެ ކުރިން 61,000 މީހުންގެ އާބާދީއެއް ދިރިއުޅެމުން ދިޔަ ރަށެކެވެ.

ޕޯކްރޮވްސްކްގެ ސަރަޙައްދީ ގަވަރުނަރު ވަދިމް ފީލަޝްކިން ވިދާޅުވީ އެ ސަރަޙައްދަށް ރަޝިޔާއިން ދިން ޙަމަލާތަކުގައި ޒަޚަމުވި މީހުންގެ ތެރޭގައި ތިން އަންހެން ކުދިން ވެސް ހިމެނޭ ކަމުގައެވެ. އެއީ, ނުވަ އަހަރާއި, 11 އަހަރާއި 13 އަހަރުގެ ތިން ކުދިންނެވެ. މީގެ އިތުރުން, ޒަޚަމުވި މީހުންގެ ތެރޭގައި 12 އަހަރުގެ ފިރިހެން ކުއްޖެއް ވެސް ހިމެނެއެވެ.

މި ޙަމަލާތައް ކުށްވެރި ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ, ޙަމަލާތަކުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ޕޯކްރޮވްސްކަށް ދީފައިވާ ޙަމަލާތަކުގައި ޢާންމުން ދިރިއުޅޭ 16 ގެއަކާއި ހަ އެއްގަމު އުޅަނދަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އޭގެ ތެރެއިން އެއް ގެ ވަނީ މުޅިން ސުންނާފަތިވެފައެވެ.

ޔޫކްރެއިނުން ބުނީ, އެ ޤައުމުގެ އިރުމަތީގައި އޮންނަ ދޮންޏެސްކު ސަރަޙައްދަށް ރަޝިޔާގެ ފައުޖުތަކުން ދެމުންދާ ޙަމަލާތައް ފަހަކަށް އައިސް އިތުރުކޮށް, ވަރުގަދަ ކޮށްފައިވާ ކަމުގައެވެ. ދޮންޏެސްކުގެ ބައެއް ސަރަޙައްދުތައް މިހާރު އޮތީ ރަޝިޔާ ސިފައިންގެ އަތްދަށުގައެވެ. ޕޯކްރޮވްސްކަށް ރަޝިޔާއިން ވަރުގަދަ ޙަމަލާތަކެއް ދީފައި މި ވަނީ, އެ ސަރަޙައްދުގައި އޮންނަ އަވްދީވްކާއަށް އަތްގަދަ ކުރުމަށް ފަހުއެވެ. ރަޝިޔާގެ ފައުޖުތަކުން އަވްދީވްކާ ހިފާފައި ވަނީ ފެބުރުވަރީ މަހުގެ ތެރޭގައެވެ.

ޕޯކްރޮވްސްކާ އިންވެގެން ދެކުނުން އޮތް ކުރާޚޮވޭއަށް ވެސް ރަޝިޔާގެ ސިފައިން ޙަމަލާތައް އަމާޒު ކޮށްފައިވާ ކަމުގައި ފީލަޝްކިން ވިދާޅުވިއެވެ. އެ ރަށަށް ދީފައިވާ ޙަމަލާތަކުގައި 62 އަހަރުގެ ފިރިހެނެއް މަރުވި ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި, އެ ސަރަޙައްދުގައި އޮތް ތޯރެތްސްކަށް ރަޝިޔާއިން ދިން ޙަމަލާތަކެއްގައި 63 އަހަރުގެ މީހަކު މަރުވި ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

2022ވަނަ އަހަރުގެ ފެބުރުވަރީ މަހުުގެ 24ވަނަ ދުވަހު ފެށި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި އިރުމަތީ ދޮންބާސްގެ ލުހާންސްކާއި ދޮންޏެސްކު ހިމެނެއެވެ. އަދި, ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތަކަށް ވެސް ރަޝިޔާއިން ވަނީ އަތްގަދަ ކޮށްފައެވެ. ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް ޔޫކްރެއިނުން ރައްދު ޙަމަލާގެ ކެމްޕޭނެއް ފެށި ނަމަވެސް, އެ ކެމްޕޭންގެ ދަށުން ބޮޑެތި ކުރިއެރުންތަކެއް ހޯދިފައެއް ނުވެއެވެ.