ކެންޔާގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ރޫޅައިލުމަށް ފުލުހުން ބާރުގެ ބޭނުންކޮށް, މުޒާހަރާގެ ބައިވެރިންގެ ތެރެއިން ފަސް މީހުން މަރައިލައިފިއެވެ. ވެރިރަށް ނައިރޯބީގައި ކުރަމުންދާ މުޒާހަރާތައް ރޫޅައިލަން ފުލުހުން ބާރުގެ ބޭނުން ކޮށްފައި ވަނީ, މުޒާހަރާގެ ބައިވެރިން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ޢިމާރާތަށް ވަންނަން މަސައްކަތް ކުރުމުންނެވެ.
މުޒާހަރާގެ ބައިވެރިން ހުއްޓުވުމުގެ ގޮތުން ފުލުހުން ވަނީ އެ މީހުންނަށް އަމާޒުކޮށް ބަޑީގެ ޙަމަލާތައް ދީފައެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވިއެވެ. އަދި, މުޒާހަރާގެ ބައިވެރިން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ ޢިމާރާތުގެ ބައެއް ހިސާބުތަކުގައި ހުޅު ޖަހާފައެވެ. ހަމަނުޖެހުންތަކުގައި ޒަޚަމުވި މީހުންގެ ޢަދަދު 50އަށް އަރައެވެ.
މުޒާހަރާތަކުގައި ޒަޚަމުވި މީހުންގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާގެ ދައްތާފުޅު, ރީޓާ އައުމާ އޮބާމާ ހިމެނެއެވެ. އޭނާއަކީ ނަސްލީ ތަފާތު ކުރުންތައް ނައްތައިލުމަށާއި އިޖުތިމާޢީ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓެކެވެ. އައުމާ އޮބާމާއަކީ ކެންޔާއާއި އިނގިރޭސިވިލާތުގެ ރައްޔިތެކެވެ.
މުޒާހަރާތައް ރޫޅައިލުމަށް ފުލުހުން ހަތިޔާރު ބޭނުން ކޮށްފައި ވަނީ, ކަރުނަ ގޭހާއި ފެން ޖަހައިގެން ކުރި މަސައްކަތްތައް ނާމާމިޔާބުވުމާ ގުޅިގެންނެވެ. ހަމަނުޖެހުންތަކުގެ ތެރެއިން މުޒާހަރާގެ ބައިވެރިން ވަނީ ސެނެޓުގެ ޖަލްސާ ކުރާ މާލަމަށް ވަދެފައެވެ. މުޒާހަރާގެ ބައިވެރިންގެ ތެރެއިން ފަސް މީހަކު މަރުވެފައިވާ ކަމަށް ބެލެވޭއިރު, އެ ޢަދަދު 10އަކަށް އުފުލިފައިވާ ކަމުގައި އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާ ޞިއްޙީ ޚިދުމަތްތެރިން ބުންޏެވެ.
ކެންޔާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފަށާފައި ވަނީ މާލީ އިސްލާހުތަކެއް ހުށަހަޅާފައިވާ ބިލެއްގެ މަސައްކަތް ޤާނޫނު ހަދާ މަޖިލީހުގައި ފެށުމާ ގުޅިގެންނެވެ. އެ ބިލުގައި, ޢާންމުންގެ އަތުން ނަގާ ބައެއް ޓެކުސްތައް އިތުރަށް ބޮޑު ކުރަން ހުށަހަޅާފައިވެއެވެ. ވެރިރަށް ނައިރޯބީގެ އިތުރުން ކެންޔާގެ އެހެން ސަރަޙައްދުތަކުގައިވާ ބޮޑެތި ރަށްތަކުގައި ވެސް ޢާންމުން ދަނީ ސަރުކާރާއި, މި ބިލާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އަދި, ރައީސް ވިލިޔަމް ރޫޓޯގެ އިސްތިޢުފާއަށް ގޮވައިލަމުންނެވެ.
ކެންޔާގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ މައްސަލަ ހޫނުވެފައިވާ މި ބިލުގެ ތިންވަނަ ކިޔުން އިއްވާފައެވެ. އަދި, ބިލު ފާސްކޮށް, ތަސްދީޤު ކުރުމަށް ރައީސް ރޫޓޯއަށް ފޮނުވަން މަޖިލީހުގެ މެންބަރުން ތިއްބެވީ ތައްޔާރަށެވެ. މި ކަމާ މެދު ބަހުސް ކުރިއަށްދިޔަ ވަގުތު ޤާނޫނު ހަދާ މަޖިލީހުގެ ޢިމާރާތް ކައިރިއަށް އެތަކެއް ހާސް ބަޔަކު އެއްވެ, މުޒާހަރާ ކުރަން ފެށުމާ ގުޅިގެން, ފުލުހުން ވަނީ މަޖިލީހުގެ މެންބަރުން ރައްކާތެރި ކަމާ އެކު އެހެން ސަރަޙައްދަކަށް ގެންގޮސްފައެވެ.
މީގެ ދެ އަހަރު ކުރިން ކެންޔާގެ ވެރިކަމާ ރޫޓޯ ހަވާލުވެ ވަޑައިގަތީ މަސައްކަތްތެރިންނާއި ފަޤީރުންގެ ޙައްޤުތައް ހިމާޔަތް ކޮށްދެއްވާނެ ކަމުގެ ވަޢުދާ އެކުގައެވެ. ނަމަވެސް, ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ އިރުޝާދުގެ ދަށުން އޭނާގެ ސަރުކާރަށް ވަނީ ޚަރަދު ކުޑަކޮށް, ދަރަނި ކުޑަ ކުރަން ފިޔަވަޅުތަކެއް އަޅަން މަޖުބޫރު ވެފައެވެ. އަދި, އިތުރު ފައިސާ ހޯދާނެ ގޮތްތައް ހޯދުމަށް ވެސް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ފަދަ މާލީ އިދާރާތަކުން ދަނީ ބާރު އަޅަމުންނެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހު ކެންޔާގެ އިޤުތިޞާދު ވަނީ ވަޅުގަނޑަކަށް ވެއްޓިފައެވެ. އަދި, ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއި, ފާއިތުވި ދެ އަހަރު ކެންޔާއަށް ކުރިމަތިވި ހަނަފަސްކަމާ ގުޅިގެން އިޤުތިޞާދު ހަމަ މަގަށް އަޅުވަން ކުރަމުންދާ މަސައްކަތްތަކަށް ވަނީ ހިޔަނި އެޅިފައެވެ. މިއާ އެކު, ކެންޔާގެ ފައިސާގެ އަގުވެސް ވަނީ ވެއްޓިފައެވެ.
އިޤުތިޞާދީ ހާލަތުން އަރައިގަތުމަށް ހުށަހަޅާފައިވާ ބިލުގައި, ޓެކުހުން ލިބޭ އާމްދަނީއަށް އިތުރު 2.7 ބިލިޔަން އެމެރިކާ ޑޮލަރު ހޯދުމުގެ ގޮތުން ޓެކުސްތައް ބޮޑު ކުރަން ހުށަހަޅާފައިވެއެވެ. ނަމަވެސް, ކެންޔާގެ ސަރުކާރާ ދެކޮޅު ފަރާތްތަކުން ދަނީ މި ބިލާ ވެސް ދެކޮޅު ހަދަމުންނެވެ. އަދި, މަޖިލީހުގެ ތަޅުމުން ބިލު ބޭރު ކުރަން އެ ޤައުމުގެ އިދިކޮޅު ލީޑަރު ރައިލާ އޮދިންގާ ވަނީ ގޮވައިލައްވާފައެވެ.
މި ބިލާ މެދު ޢާންމުންގެ މެދުގައި އޮތް ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރޫޓޯގެ ސަރުކާރުން ވަނީ ޓެކުސް ބޮޑު ކުރަން ނިންމާފައިވާ ބައެއް ބާވަތްތައް, އެ ލިސްޓުން އުނިކޮށްފައެވެ. އޭގެ ތެރޭގައި ޕާނާއި, ކައްކަން ބޭނުން ކުރާ ތެލާއި, އެއްގަމު އުޅަނދުފަހަރާއި ފައިސާގެ މުއާމަލާތްތައް ހިމެނެއެވެ. ނަމަވެސް, މިއީ ކެންޔާގެ ގިނަ ޢާންމުންނަށް ގަބޫލު ކުރެވޭ ބަދަލުތަކަކަށް ނުވިއެވެ.