ޚަބަރު

ކޯސްޓްލައިން ފިހާރަ އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތައް


ކޯސްޓްލައިން ހާޑްވެއަރގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން ގެއްލުންލިބުނު ފަރާތަކަށް ސަރުކާރާއި ކޯސްޓްލައިންގެ އިތުރުން އަމިއްލަ ފަރާތްތަކުން ދިން އެހީގެ ފައިސާ 25 ފަރާތަކަށް ދޫކުރައްވާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ބަޔަކު ވާނަމަ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ގުޅައިގެން އެފަރާތްތަކުގެޞައްޙަ އެކައުންޓް ނަންބަރު ދެއްވުމުން ފައިސާ ލިބޭފަރާތުގެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްދެއްވާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ކޯސްޓްލައިން ހާޑްވެއަރގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން ގެއްލުންލިބުނު ފަރާތަކަށް ސަރުކާރުން ދެއްވާ އެހީގެ ފައިސާއާއި، ކޯސްޓްލައިން ހާޑްވެއަރ އަދި ހެޔޮއެދޭ އަމިއްލަ ފަރާތަކުން ހަދިޔާކުރި ފައިސާ ހިމެނޭހެން ތިން މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީ އެފަރާތްތަކާ ޙަވާލުކުރެއްވުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއާ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ފެއްޓެވީ، މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން. 34 ފަރާތަކަށް 362،015،0.42 (ތިން މިލިޔަން ހަސަތޭކަ ވިހާސް ސަތޭކަ ފަންސާސް ރުފިޔާ ސާޅީސް ދެ ލާރި) އެވެ. ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓްރީގެ ފައިނޭންސް އެގެޒެކެޓިވް އަބްދުﷲ އަލީ ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފައިސާއާ ހަވާލުވެފައިވަނީ، 25 ފަރާތަކުން ކަމަށެވެ. އެއީ، ދެ މިލިޔަން ހަތަރުސަތޭކަ ފަންސާސް ހަ ހާސް އެއްސަތޭކަ ތިރީސް ހަ ރުފިޔާއެވެ.

ފައިސާ ނުގެންދަވާ 9 ފަރާތުގެ އެއް މިލިޔަން ސަތޭކަ ފަސްދޮޅަސް ހަތަރުހާސް ނާވާރަ ރުފިޔާ ސާޅީސް ދެލާރި ހުރީ ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ. މި އެހީގެ ފައިސާ ދޫކުރައްވަމުން ގެންދަވަނީ ގޭބިސީތަކަށާއި، އެސަރަޙައްދުން އެނދި ދެ ފިހާރައެއްވެސް ހިމެނޭ ގޮތަށެވެ. މިގޮތުން އެންމެ ބޮޑަށް ގެއްލުންވި ފަރާތަށް 457000 (ހަތަރުސަތޭކަ ފަންސާސް ހަތްހާސް) ރުފިޔާ ލިބެއެވެ.

އަބްދުﷲ އަލީ ވިދާޅުވީ، ފައިސާ ނުލިބޭ ފަރާތްތަކުގެ ތެރޭގައި ތިން ލައްކަ ރުފިޔާ އާއި، 10 ހާސް ރުފިޔާއާއި ދެމެދުގެ އަދަދުތަކަށް ފައިސާ ލިބޭފަރާތްތައް ހިމެނޭ ކަމަށާ، ފައިސާ ނުގެންދާ 9 ފާރާތުގެ ތެރޭގައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ބަޔަކު ވާނަމަ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ގުޅައިގެން އެފަރާތްތަކުގެ ސައްޙަ އެކައުންޓް ތަކުގެ ނަމްބަރު ދިނުމުން އެ އެކައުންޓްތަކަށް މިނިސްޓްރީން ފައިސާ ޖަމާކޮށްދެއްވާނެ ކަމަށެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވީ، ފައިސާ ދޫކުރައްވަނީ ގޭބިސީތަކަށާއި، ގެތަކުގެ ވެރިފަތާތްތަކަށް ވަކިވަކިން ކަމަށާއި، އެހެންވުމުގެ ސަބަބުން ސީދާ މިހާތަނަށް ފައިސާ ނުގެންދަވާ ފަރާތަކުގެ މައުލޫމާތު ހޯއްދަވައި އެފަރާތްތަކާއި ގުޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އެ ސެންޓަރުން ވިދާޅުވީ ފައިސާ ހަވާލުކޮށް ނިމުމުން އަލިފާނުގެ ހާދިސާގައި ގެއްލުންވި އެއްވެސް ގޭ ބިސީއެއްގެ ބަޔަކު ވަގުތީ ހިޔާތަކުގައި ދިރިއުޅެން ނުޖެހޭނެ ކަމަށެވެ.

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ހަވީރު، ކޯސްޓްލައިންގެ ފިހާރައިގައި އަލިފާން ރޯވެ، 4 ގަޑިއިރު ވަންދެން އަލިފާންގަޑު ކޮންޓްރޯލް ނުވެ، ދިގުލައިގެން ދިއުމާ ގުޅިގެން، އެ ފިހާރައިގެ ވަށައިގެން ހުރި ބައެއް ގެތަކަށް ބޮޑެތި ގެއްލުން ވެފައިވެއެވެ. އަދި ބައެއް ގެތައް ބޮޑު މަރާމާތެއް ކޮށްގެން ނޫނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވެއެވެ. ގޭގައި ހުރި މުދަލާއި ކިޔަވާކުދިންގެ ހުރިހާ އެއްޗެއްވެސް ވަނީ އަނދާފައެވެ. އަދި ޢާއިލާތަކަށް ގެ ދޫކޮށް ދާންޖެހި، ސަރުކާރުން އެ ގެތަކުގެ ޢާއިލާތަކަށް ވަގުތީގޮތުން ހިޔާވަހިކަމާއި ޟަރޫރީ ކަންކަން އިންތިޒާމްކޮށްދެއްވާފައިވެއެވެ.