ޚަބަރު

ރަޝިޔާގެ ކުރީގެ ދިފާޢީ ވަޒީރު ހައްޔަރު ކުރަން އައިސީސީން އަމުރު ނެރެފި


ރަޝިޔާގެ ކުރީގެ ދިފާޢީ ވަޒީރު ސަރްޖޭ ޝޮއިގޫއާއި އެ ޤައުމުގެ އަސްކަރިއްޔާގެ އިސް ޖެނެރަލެއް ކަމުގައިވާ ވަލޭރީ ގިރާސިމޮފް ހައްޔަރު ކުރުމަށް ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު, އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ން އަމުރު ނެރެފިއެވެ. އެ ދެ ބޭފުޅުން ހައްޔަރު ކުރުމަށް އަމުރު ނެރެފައި ވަނީ, ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ތެރެއިން ހަނގުރާމައިގެ ކުށްތައް ހިންގާފައިވާ ކަމުގެ ތުހުމަތުގައެވެ.

ޝޮއިގޫއާއި ގިރާސިމޮފް ހައްޔަރު ކުރުމަށް އައިސީސީން އަމުރު ނެރުމާ އެކު, 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ފެށި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އެ ކޯޓުން ހައްޔަރު ކުރުމަށް އަމުރު ނެރެފައިވާ ރަޝިޔާގެ އިސް އޮފިޝަލުންގެ ޢަދަދު ވަނީ އަށަކަށް އުފުލިފައެވެ. މީގެ ކުރިން އައިސީސީން ހައްޔަރު ކުރުމަށް އަމުރު ނެރެފައިވާ ބޭފުޅުންގެ ތެރޭގައި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވެސް ހިމެނި ވަޑައިގަންނަވައެވެ. ޕުޓިން ހައްޔަރު ކުރުމަށް އަމުރު ކޮށްފައި ވަނީ, ޔޫކްރެއިންގެ ކުޑަކުދިން ވަގަށް ގެންދިޔުމުގެ ކުށުގެ ތުހުމަތުގައެވެ.

ޝޮއިގޫއާއި ގިރާސިމޮފް ހައްޔަރު ކުރުމަށް އައިސީސީން އަމުރު ނެރުމާ އެކު ޔޫކްރެއިނުން ވަނީ އެ ނިންމުމަށް މަރުޙަބާ ކިޔާފައެވެ. ނަމަވެސް, އައިސީސީގެ ނިންމުމަށް ފާޑުކިޔަމުން ރަޝިޔާއިން ބުނީ އެއީ ޤާނޫނީ ގޮތުން އެއްވެސް މާނައެއް ނެތް އަމުރުތަކެއް ކަމުގައެވެ.

"އެއީ ވައިގެ ތެރެއަށް ބަޑި ޖެހުން ފަދަ ކަމެއް. ސަބަބަކީ, އައިސީސީގެ އިޙުތިޞާޞް ރަޝިޔާއަކަށް ނުހިނގާނެ. އެއީ [އައިސީސީއަކީ] ހުޅަނގުން އަޑީގައި އޮވެގެން ރަޝިޔާއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބޭނުން ކުރަން އުފަން ކުރި ހަތިޔާރެއް،" ރަޝިޔާގެ ޤައުމީ ސަލާމަތާ ބެހޭ ކައުންސިލުން ބުންޏެވެ.

ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ, ޔޫކްރެއިންގެ ޢާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ކުށްތައް ހިންގުމާއި, އިންސާނިއްޔަތާ ޚިލާފު ކުށްތައް ހިންގުމުގައި ޝޮއިގޫއާއި ގިރާސިމޮފް ބައިވެރިވެ ވަޑައިގަންނަވާފައިވާ ކަމުގައެވެ. އަދި, 2022 އޮކްޓޫބަރު 10އާއި 2023 މާރިޗު 9އާ ދެމެދު ޔޫކްރެއިންގެ ކަރަންޓު ވިއުގައަށް ރަޝިޔާގެ ފައުޖުތަކުން ދީފައިވާ ޙަމަލާތަކުގެ ފަހަތުގައި ތިއްބެވީ އެ ދެ ބޭފުޅުން ކަމަށް ވެސް އައިސީސީގެ އަމުރުގައި ތުހުމަތު ކޮށްފައިވެއެވެ.

ޝޮއިގޫއާއި ގިރާސިމޮފް ހައްޔަރު ކުރުމަށް އައިސީސީން އަމުރު ނެރެފައިވީ ނަމަވެސް, ރަޝިޔާއަކީ އައިސީސީގެ މެންބަރެއް ނޫން ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ޔޫކްރެއިންގެ ކަރަންޓު ވިއުގައަށް ދެމުންދާ ޙަމަލާތަކާ ގުޅޭ ގޮތުން ރަޝިޔާއިން ބުނީ, އެއީ ޙައްޤު އަސްކަރީ އަމާޒެއް ކަމަށް އެ ޤައުމުން ގަބޫލު ކުރާ ކަމުގައެވެ. އަދި, ޢާންމުން ދިރިއުޅޭ ގެދޮރާއި ސަރަޙައްދުތަކަށް ގަސްދުގައި ޙަމަލާ ދެމުންދާ ކަމަށް ކުރެވޭ ތުހުމަތުތައް ރަޝިޔާއިން ދޮގު ކުރެއެވެ.

ޔޫކްރެއިނަކީ ވެސް އައިސީސީގެ މެންބަރެއް ނޫނެވެ. ނަމަވެސް, ޔޫކްރެއިންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ކުށްތަކާ ގުޅޭ ދަޢުވާތައް އުފުލުމުގެ ޙައްޤު 2013ވަނަ އަހަރުގެ ނޮވެންބަރު މަހަށް ފަހު އައިސީސީން ވަނީ އެ ޤައުމަށް ދީފައެވެ.

"[ޔޫކްރެއިނަށް] ދެމުންދާ ޙަމަލާތައް ރާވައި ހިންގުމުގައި ހަރަކާތްތެރިވާ ކޮންމެ ކުށްވެރިއަކަށް އިނގެންވާނެ އަދުލު އިންސާފު އެ މީހުންނާ އަރައި ހަމަކުރާނެ ކަން. އަޅުގަނޑުމެން ދެކެން ބޭނުމީ އެ މީހުން [ޝޮއިގޫއާއި ގިރާސިމޮފް] ޖަލުގެ ތޭރިތަކުގެ ފަހަތުގައި ތިބޭ މަންޒަރު،" އައިސީސީގެ އަމުރަށް މަރުޙަބާ ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވިއެވެ.