ޚަބަރު

ޖަޕާނު ސަރުކާރުން، ރާއްޖޭގެ ހުރިހާ ރަށަކަށް ފެން ހިންދާ ޕަމްޕް ފޯރުކޮށްދެނީ


  • ފެން ހިންދާ ޕަމްޕް ހުރިހާ ރަށަކަށް ހޯދުމަށްދަނީ މަސައްކަތްކުރަމުން

  • މާލެ ސިޓީއަށް ފްލަޑް ޕަމްޕެއް ފޯރުކޮށްދޭނެ

  • ފަޔަރ ފައިޓިންގ ވަޞީލަތްތައްވެސް ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައި

ރާއްޖޭގެ ހުރިހާ ރަށަކަށް ފެން ހިންދާ ޕަމްޕާއި، މާލޭގެ ފެން ހިންދުމަށް ބޭނުންވާ ފްލަޑް ސަކްޝަން ޕަމްޕު ފޯރުކޮށްދޭ މަޝްރޫޢެއް ޖަޕާނު ސަރުކާރާއި ގުޅިގެން ކުރިއަށްދާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޙިސާން ހުސެއިންވަނީ ކާރިސާތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ކާރިސާއެއް މެދުވެރިވެދާނެކަމަށް ތައްޔާރީ ޙާލަތުގައި ތިބުމަށް ކުރެވޭ މަސައްކަތްތަކާއި އެންޑީއެމްއޭއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކޮމިޓީއާއި ހިއްސާކުރައްވާފައެވެ.

ޙިސާން ވިދާޅުވީ، ޖަޕާނު ސަރުކާރާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެއްގެ ދަށުން އަންނަ އަހަރުގެ ކުރީކޮޅު، ރާއްޖެއަށް ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ އެކި އާލާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މިމަޝްރޫޢުގެ ދަށުން އަތޮޅުތެރޭގެ ހުރިހާ ރަށަކާއި މާލެ ސިޓީ ހިމެނޭހެން ފެން ބޮޑުވާ ހާލަތުގައި ބޭނުންކުރާނެ ވަޞީލަތް ހޯދުމަށް މަސައްކަތް ކުރިއަށްދާކަމަށް ޙިސާން ވިދާޅުވިއެވެ.

"އަންނަ އަހަރު ކުރީ ކޮޅު 60 މިލިއަން ޔެންގެ މަޝްރޫޢެއްގެ ދަށުން ރާއްޖެއަށް ތަކެތި ފޯރުކޮށްދިނުމަށް ޖަޕާނާއެކު ޕްރޮޖެކްޓެއް އެބަ ކުރިއަށްގެންދަން. މިތަކެތި އަޅުގަނޑުމެންނަށް އަންނަ އަހަރުގެ ކުރީކޮޅު ލިބޭނެކަމަށް މިހާރުވަނީ އަންގާފައި." ޙިސާން ވިދާޅުވިއެވެ.

މިމަޝްރޫޢުގެ ދަށުން ވާރޭވެހި ފެން ބޮޑުވާ ޙާދިސާތަކުގައި ފެން ހިންދުމަށް ބޭނުންވާ ޕަމްޕު ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ވާރޭވެހި ފެންހިންދުމަށް މާލެ ސިޓީއަށް ކުރިމަތިވާ ދަތިތައް ޙައްލުކުރުމަށް ފްލަޑް ޕަމްޕެއް މާލެ ސިޓީ ކައުންސިލަށް ހޯދުމަށް ހަމަޖެހިފައިވާ ކަމަށް ޙިސާން ވިދާޅުވިއެވެ. މީގެއިތުރުން އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވުމަށް 40 ފަޔަރ ފައިޓިންގ ޕަމްޕާއި 4 ފަޔަރ ފައިޓިންގ ވެހިކަލް ލިބޭނެކަންވެސް ޙިސާން ފާހަގަކުރެއްވިއެވެ.
ވޭތުވެދިޔަ ތަނުގައި އެންޑީއެމްއޭގެ އެހީތެރިކަމާއެކު ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ އެކި ވަޞީލަތްތައް ބޭރުގެ އެހީގެ ދަށުން ރާއްޖެއަށްވަނީ ހޯދާދީފައެވެ.

އެންޑީއެމްއޭއިންވަނީ މަޖިލީހުގެ ސަލާމަތީ ކަންތައްތަކާ ބެހޭ ކޮމިޓީގައި އެއޮތޯރިޓީ ހިންގުމަށް ކުރިމަތިވާ ދަތިތައްވެސް ހިއްސާކޮށްފައެވެ. އެގޮތުން އޮތޯރިޓީ އުފެދިގެން މިވީ 20 އަހަރު ތެރޭގައި އެކަށީގެންވާ ޢިމާރާތެއް ނެތުމާއި، ވޭތުވެދިޔަ ސަރުކާރުތަކުން އެއޮތޯރިޓީގެ ޢިމާރާތް އެޅުމަށް ބިން ހަމަޖައްސައި ނުދިނުމުގެ ކަންބޮޑުވުންވެސްވަނީ ފާޅުކޮށްފައެވެ. މީގެއިތުރުން ރާއްޖޭގައި ވަޞީލަތް ނެތް މިންވަރުން ޢިމާރާތް ކުރުމުގެ ސަބަބުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިމަތިވަމުންދާ ދަތިތައް އެއޮތޯރިޓީންވަނީ ކޮމިޓީއާ ހިއްސާކޮށްފައެވެ. ހަމައެއާއެކު ރައްކާތެރިކަން ކަށަވަރުކުރުމަކީ ގިނަ މުއައްސަސާތަކެއް ގުޅިގެން ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވާ އެންޑީއެމްއޭއިންވަނީ މިހާރަށްވުރެ ބޮޑަށް މުއައްސަސާތަކުގެ ގުޅުން ހަރުދަނާވާންޖެހޭ ކަމަށް ބުނެފައެވެ.