ޚަބަރު

ބޮޑެތި ގޮންޖެހުންތަކާއެކުވެސް ޣައްޒާ ވަގުތީ ފާލަމުގެ މަސައްކަތް ކުރިއަށް


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފެށީ 2023 އޮކްޓޫބަރު 7ގައެވެ. މި ޢުދުވާނުގެ ދަށުން ހިންގަމުންދާ ގަތުލުއާންމުތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 37,000އަށްވުރެ މައްޗަށް އަރައެވެ. އަދި, ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި, ޝަހީދު ކޮށްލާފައިވާ އެތަކެއް ހާސް ބަޔެއްގެ ހަށިތައްވާ ކަމަށް ބެލެވެއެވެ.

މިއީ, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނެކެވެ. މި ޢުދުވާނުގެ ދަށުން ނުރައްކާތެރި އަދި ފަނާކުރަނިވި ބޮމާއި މިސައިލްތައް ބޭނުންކޮށް ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ 2.3 މިލިޔަން މީހުން ދިރިއުޅޭ ގެދޮރާއި, ހަސްފަތާލުތަކާއި, ޞިއްޙީ މަރުކަޒުތަކާއި, ވަގުތީ ހިޔާތަކުގެ އިތުރުން މިސްކިތްތަކަށް ބޮން އަޅަމުންނެވެ.

ޢުދުވާނުގެ ތެރެއިން ގެދޮރު ނެތިކޮށްލާފައިވާ މީހުން ދިރިއުޅޭ ގޭލިގެތަކަށް ވެސް ޔަހޫދީ ފައުޖުން ދަނީ ރަޙުމު ކުޑަ ޙަމަލާތައް އަމާޒު ކުރަމުންނެވެ. މިވަރުން ނުވެ, ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ވަނީ އެއްގަމު މަގުން ޣައްޒާއަށް ރަށްތަކަށް އަރާފައެވެ. އަދި, އެ މީހުން ދަނީ ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރު ބޭނުން ކޮށްގެން މަގެއް މަތިން ފެންނަ ކޮންމެ މުސްލިމެއްގެ ލޭ އޮހޮރުވައިލަމުންނެވެ.

ޣައްޒާގެ މުސްލިމުން ބިކަކޮށް ނިކަމެތި ކޮށްލުމަށް ނުރައްކާތެރި ހަތިޔާރުގެ އިތުރުން އެހެން އުކުޅުތައް ވެސް ޔަހޫދީ ފައުޖުން ދަނީ ބޭނުން ކުރަމުންނެވެ. އެއް ކަމަކީ, ޣައްޒާއަށް ކާބޯތަކެއްޗާއި ސާފު ބޯފެން އެތެރެ ކުރުން ހުއްޓުވައި, ޣައްޒާގެ މުސްލިމުން ހައިހޫނުގައި ޖެއްސުމެވެ. ޣައްޒާގައި ހާލު ޖައްސާފައިވާ 2.3 މިލިޔަން މީހުން ބަނޑުފުރާނަ މުއްތިކުރަން ބޭނުންވާ މިންވަރަށް އެ ސަހަރަށް ކާބޯތަކެތި ނުވައްދާތާ މިހާރު އެތަކެއް މަހެއް ފާއިތުވެއްޖެއެވެ.

މިއާ އެކު, ބޮންތަކާއި މިސައިލްތަކުގެ އިތުރުން ހައިހޫނުގައި ޖެހިގެން ޝަހީދުވަމުންދާ މުސްލިމުންގެ ޢަދަދު ދަނީ އިތުރުވަމުންނެވެ. މި ކަމުގެ ނުރައްކާ އެންމެ ބޮޑީ ޣައްޒާގެ ކުޑަކުދިންނަށެވެ. އދއިން ބުނީ, ފައިދާހުރި ކާނާ ނުލިބުމުގެ ސަބަބުން މެލްނިއުޓްރިޝަން ފަދަ ޞިއްޙީ މައްސަލަތައް ކުރިމަތިވެފައިވާ ކުޑަކުދިންގެ ޢަދަދު 8,000އަށްވުރެ މައްޗަށް އުފުލިފައިވާ ކަމުގައެވެ. މެލްނިއުޓްރިޝަން ފަދަ މައްސަލަތައް ދިމާވެ, ބައެއް ކުޑަކުދިން ޝަހީދުވެފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ.

ޣަައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރެވެން އޮތް ހުރިހާ ދޮރެއް ޔަހޫދީ ފައުޖުން ބަންދު ކޮށްފައިވާއިރު, ކަނޑުމަގުން ޣައްޒާއަށް ކާބޯތަކެތި ފޯރުކޮށްދޭން އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް, މިއީ ދުނިޔެއަށް ދައްކާ ދަޅައެއްގެ ގޮތުގައި ސިފަ ކުރުމުގެ ފުރުޞަތު އެބައޮތެވެ. ސަބަބަކީ, ޔަހޫދީ ފައުޖުގެ ލާއިންސާނީ ޢުދުވާނުގެ އެންމެ ބޮޑު މަދަދުގާރަކީ ވެސް އެމެރިކާ ކަމެވެ.

ސައިޕްރަސް މެދުވެރިކޮށް ޣައްޒާއަށް ކަނޑުމަގުން ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޮނުވަން އެމެރިކާއިން ވަނީ ޣައްޒާގެ އައްސޭރިފަށުގައި ވަގުތީ ފާލަމެއް ބިނާ ކޮށްފައެވެ. 1,200 ފޫޓު ދިގު އެ ފާލަން ބިނާ ކޮށްފައި ވަނީ ފެނުން މަތީގައި އޮންނަ ގޮތަށެވެ. ކަނޑުމަގުން ޣައްޒާގެ އައްސޭރިފަށަށް ގެންދާ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ޣައްޒާއަށް ބާލަނީ އެ ފާލަން މެދުވެރިކޮށެވެ.

ވަގުތީ ފާލަމެއް ބިނާކޮށް ޣައްޒާއަށް ކާބޯތަކެތި ފޯރުކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަން އެމެރިކާގެ ރައީސް ޖޯ ބައިޑަން އިޢުލާނު ކުރައްވާފައި ވަނީ މާރިޗު މަހުގެ ތެރޭގައެވެ. ބަނދަރު ބިނާ ކުރުމަށް ފަހު, އެ މަގުން 8,332 ޕެލެޓުގެ ސާމާނު ޣައްޒާގެ އައްސޭރިފަށަށް ބާލާފައިވެއެވެ. ނަމަވެސް, އޭގެ ތެރެއިން 6,900އަށްވުރެ ގިނަ ޕެލެޓު އަދިވެސް ހުރީ އައްސޭރިފަށުގައެވެ. އެ ތަކެތި, ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ, އަދި ހައިހޫނުގައި ޖައްސާފައިވާ މީހުންނާ ހަމައަށް ގެންގޮސްދެވޭނެ ގޮތެއް ނެތެވެ. އެ ކަމަށް ވެސް ޔަހޫދީ ފައުޖުން ދަނީ ހުރަސް އަޅަމުންނެވެ.

ޣައްޒާގައި ހާލުގައި ޖައްސާފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެމުން ދަނީ އދއިންނެެވެ. ނަމަވެސް, ހުސްވި މޭ މަހުގެ ކުރީކޮޅުން ފެށިގެން އދގެ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމުން ވަނީ ކާބޯތަކެތި ބެހުމުގެ މަސައްކަތް މެދުކަނޑައިލާފައެވެ. ސަބަބަކީ, ޔަހޫދީ ފައުޖުން އދއާއި އެހީދޭ އެހެން ޖަމުޢިއްޔާތަކުގެ މުވައްޒަފުންނާއި, ކާބޯތަކެތި އުފުލާ ލޮރީތަކަށް މެދުކެނޑުމެއް ނެތި ޙަމަލާތައް އަމާޒު ކުރަމުން ދިޔުމެވެ.

ނަމަވެސް, އެމެރިކާއިން ބިނާކޮށްފައިވާ ވަގުތީ ފާލަމުގަައި މަސައްކަތް ކުރާ އެމެރިކާގެ އަސްކަރިއްޔާގެ ބައެއް ސިފައިން ބުނީ, އެ މީހުންގެ މަސައްކަތް މެދުކަނޑައިލަން ބޭނުން ނުވާ ކަމުގައެވެ. އޭގެ ތެރެއިން އެކަކަކީ ސާޖަންޓް އިބްރާހީމް ބެރީއެވެ. އޭނާއަކީ މުސްލިމެކެވެ. އޭނާ ބުނީ, ޔަހޫދީ ފައުޖުން ޣައްޒާގެ ރައްޔިތުންނަށް ޖައްސަމުން ދާ ނިކަމެތި ހާލު ބަލަން ހިތަށް ކުޅަދާނެ ނުވާ ކަމުގައެވެ.

"މި އޮޕަރޭޝަނުގައި ބައިވެރިވާން ލިބުނު ފުރުޞަތަކީ އަޅުގަނޑަށް ވަރަށް ޕަރސަނަލް ނުވަތަ ޒާތީ ކަމެއް. އެ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދޭން އެހީތެރިވުމުން… އެ މީހުންނަށް އަޅައިލައި އެހީތެރިވުން،" ބެރީ ބުންޏެވެ. އޭނާ ބުނީ, ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި ޣައްޒާގެ އަޚުންނާއި އުޚްތުންނަށް ރޯދަ ވިއްލޭނެ ގޮތެއް ނެތިފައިވާ މަންޒަރު ފެނުމުން ހިތަށް އަސަރު ކުރި ކަމުގައެވެ.

"ހަނގުރާމައަކީ ވަރަށް ބިރުވެރި ކަމެއް. ކޮންމެ ތަނެއްގައި [ޤައުމެއްގައި] ހިނގި ނަމަވެސް ފަރުވާލެއް ނެތް. އެއީ, ފަނާ ކުރަވިނި ކަމެއް. އޭގައި [ހަނގުރާމައިގައި] އެއްވެސް ހެވެއް [ރަނގަޅު ކަމެއް] ނޯންނާނެ. އެއީ, ދުވަހަކު ވެސް އަޅުގަނޑު ދެކެން ބޭނުންވާ މަންޒަރެއް ނޫން. އަޅުގަނޑުމެންގެ އޮތީ އެންމެ އަމާޒެއް. ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރެވެން އޮތް މިންވަރަކުން މަސައްކަތް ކުރުން،" އެމެރިކާގެ ފާލަމުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރިއްޔާގެ ކެޕްޓަން ޖޯލް ސްޓުވަރޓް ބުންޏެވެ.

އެމެރިކާއިން ބިނާ ކޮށްފައިވާ ވަގުތީ ފާލަން މެދުވެރިކޮށް ޣައްޒާއަށް ކާބޯތަކެތި ބޭލުމުގެ މަސައްކަތްތައް އެތަކެއް ފަހަރެއް މަތިން މެދުކަނޑައިލަން ޖެހިފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ބައެއް ފަހަރު ފާލަމުގެ މަސައްކަތްތައް މެދުކަނޑައިލަން ޖެހިފައި ވަނީ ކަނޑު ގަދަވުމާ ގުޅިގެންނެވެ. އަދި, ފާލަމަށް ގެންލުންވުމާ ގުޅިގެން ވެސް މަސައްކަތްތައް މެދުކަނޑައިލަން ޖެހިފައިވެއެވެ. ޖުލައި 31ވަނަ ދުވަހާ ޖެހެން ދެން ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރަން އެ ފާލަން ބޭނުން ކުރާނެ ކަމަށް ބެލެވެއެވެ.