ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ އާގުބޯޓުފަހަރަށް ޔަމަނުގައި ހަރަކާތްތެރިވާ ޙޫޘީ ޖަމާޢަތުން ދެމުންދާ ޙަމަލާތަކާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް މުދާ އުފުލުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މި ކަމުގެ ނޭދެވޭ އަސަރުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އިޤުތިޞާދުތަކަށް ދަނީ ފޯރަމުންނެވެ. މުދާ އުފުލުގެ ވިޔަފާރިއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އޭޝިޔާގެ ބައެއް ޤައުމުތަކުގެ ވިޔަފާރި ބަނދަރުތަކަށް ބަލައިލުމުން ސާފުވެއެވެ.
މި ގޮތުން, ސިންގަޕޫރުގެ މައި ބަނދަރަށް ނަޒަރު ހިންގައިލުމުން ފެންނަނީ, އެ ތަނަށް ބާލަމުންދާ މުދާ ބަރު ކޮށްފައިވާ ކޮންޓެއިނަރުތަކުގެ ޢަދަދު ނުކަތާ ވަރަށް އިތުރުވެ, އެ ތަނުގެ އޮޕަރޭޝަން މަޑުޖެހިފައިވާ މަންޒަރެވެ. ވިލާތާއި ހުޅަނގުގެ ޤައުމުތަކަށް ގެންދިޔުމަށް ތައްޔާރު ކޮށްފައިވާ ކޮންޓެއިނަރުތައް ގިނަވެ, ތާށިވެފައިވާ މަންޒަރެވެ. ފުނި ޖެހެމުންދާ މަންޒަރެވެ. އޭޝިޔާއިން ހުޅަނގަށް މުދާ އުފުލާ އާގުބޯޓުފަހަރުގެ ދަތުރުތަކަށް ހުރަސް އެޅި, ނަގިލިލައި ބަނދަރު ކޮށްފައި އޮތް މަންޒަރެވެ.
ޒަޔަނިސްޓު އިސްރާއީލާ ދެކޮޅަށް ޙޫޘީން ފެށި އަސްކަރީ ކެމްޕޭނުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އެއް ބަޔަކީ ވިޔަފާރިވެރިންނެވެ. ވަކި ސިނާޢަތެއް އިސްތިސްނާވުމެއް ނެތެވެ. ޙޫޘީންގެ އޮޕަރޭޝަނާ އެކު އެއް ތަނުން އަނެއް ތަނަށް މުދާ އުފުލުމަށް ހިނގާ ޚަރަދުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. ބަނދަރުތަކުގައި މުދާ އަރުވާ ބޭލުމުގެ ދުވެލި ވަނީ މަޑުޖެހިފައެވެ. މުދާ އުފުލުމަށް ބޭނުންވާ ހުސް ކޮންޓެއިނަރު ލިބުން ވަނީ ދަތިވެފައެވެ. ވިލާތުގެ ޤައުމުތަކުގެ ބަނދަރުތަކުން ވެސް ފެންނަމުން ދަނީ މި ފަދަ މަންޒަރުތަކެކެވެ.
ރަތް ކަނޑާއި ޔަމަން ވަށައިގެންވާ ސަރަޙައްދުތަކުގައި ޙޫޘީން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނަކީ ޔަހޫދީންނާ ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަނެކެވެ. އެއީ, 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ބާރު އެޅުމުގެ ގޮތުން ހިންގަމުންދާ ހިތްވަރުގަދަ އޮޕަރޭޝަނެކެވެ.
ޙޫޘީންގެ އަސްކަރީ އޮޕަރޭޝަންގެ ދަށުން ޙަމަލާތައް އަމާޒު ކުރަމުން ދަނީ އިސްރާއީލަށް މުދާ ގެންދާ އުޅަނދުފަހަރާއި, ޔަހޫދީންގެ ކުންފުނިތަކަށް ނިސްބަތްވާ, އަދި ޔަހޫދީންނާ ގުޅުން އޮތް ކުންފުނިތަކުން ހިންގާ އުޅަނދުފަހަރަށެވެ. ޙޫޘީންގެ ޙަމަލާތައް ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ޔަމަނަށް ބޮން އަޅަން ފެށުމާ ގުޅިގެން ޙޫޘީން ވަނީ އެ ދެ ޤައުމުގެ މަނަވަރުތަކަށް ވެސް ޙަމަލާތައް އަމާޒު ކުރަން ފަށާފައެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ ވިޔަފާރިއާއި, އެއް ތަނުން އަނެއް ތަނަށް މުދާ އުފުލުމަށް ކުރިމަތިވި ގޮންޖެހުންތަކަށް ވުރެ މިހާރުގެ ހާލަތު ގޯސް ކަމުގައެވެ. ތާށި ބޮޑުވެފައިވާ ކަމުގައެވެ. މިއާ އެކު, އަހަރުގެ ފަހުކޮޅު ބާއްވާ ސޭލްތަކާއި ވިޔަފާރިތަކަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް ދެކޭ ފަރާތްތައް މަދެއް ނޫނެވެ.
ކަނޑު ދަތުރުފަތުރުގެ ވިޔަފާރި މޮނީޓަރ ކުރާ ލައިނަރލިޓިކާނުން ބުނީ, ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި ބަނދަރުތަކުގެ ތޮއްޖެހުން ގޯސްނުވާ މިންވަރަށް މިހާރު ހާލަތު ގޯސްވެފައިވާ ކަމުގައެވެ. އެ ކުންފުނިން ބުނީ, ހުޅަނގާއި އިރުމަތީގައިވާ ޤައުމުތަކުގެ މެދުގައި މުދާ އުފުލާ އާގުބޯޓުފަހަރުގެ ތެރެއިން 60 އިންސައްތަ އުޅަނދު މި ވަގުތު އޮތީ އޭޝިޔާގެ ބަނދަރުތަކުގައި މަޑުޖެހިފައި ކަމުގައެވެ. އަދި, މުދާ އުފުލުމަށް ބޭނުން ކުރާ 20 ފޫޓުގެ ކޮންޓެއިނަރުތަކުގެ ތެރެއިން 2.4 މިލިޔަނަށްވުރެ ގިނަ ކޮންޓެއިނަރު ޖޫން މަހުގެ މެދާ ހިސާބުން ފެށިގެން ބަނދަރުތަކުގައި ތާށިވެފައިވާ ކަމުގައެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, މި ފަހަރު ބަނދަރުތަކުގައި ތޮއްޖެހުމާއި, އުޅަނދުފަހަރު ތާށިވުމާ ގުޅިފައި ވަނީ ކޮވިޑްގެ ފުރަބަންދު ފަދައިން އާދަޔާ ޚިލާފަށް ގިނަ ޢަދަދެއްގެ ބަޔަކު އޮންލައިންކޮށް މުދާ އޯޑަރު ކުރަން ފެށުމާ ގުޅިގެން ނޫން ކަމުގައެވެ. މި ފަހަރު ހުރަސްތައް ކުރިމަތިވެފައި މި ވަނީ, ފުރަން ރާވާފައިވާ ތާރީޚުތަކަށް އާގުބޯޓުފަހަރަށް ފުރިފައި ނެތީތީއެވެ. އަދި, އޭޝިޔާއާއި ވިލާތާ ދެމެދު ކުރާ ދަތުރުތަކުގައި ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރުމުގެ ބަދަލުގައި އެފްރިކާ ބައްރު ވަށައިލާފައިވާ ދަތުރު ކުރަން ޖެހި, ދަތުރު އެތަކެއް ދުވަހަކަށް ދިގުލައިގެން ދިޔުމާ ގުޅިގެންނެވެ.
ކަނޑު ދަތުރުފަތުރާ ގުޅޭ ކަންކަމުގައި އިރުޝާދުދޭ ސިންގަޕޫރުގެ ކުންފުނި, ޑްރިއުރީ މެރިޓައިމް އެޑްވައިޒަރސްގެ ވެރިޔާގެ ނައިބު ޖަޔައިންދް ކްރިޝްނާ ވިދާޅުވީ, ރަތް ކަނޑު ހުރަސްކޮށް ކުރާ ދަތުރުތަކާ ދުރުވުމުގެ ގޮތުން އާގުބޯޓުފަހަރުން ގިނަ ޢަދަދެއްގެ މުދާ ޓްރާންޝިޕްމަންޓް ބަނދަރުތަކަށް ބާލަމުންދާ ކަމުގައެވެ. އޭގެ ތެރެއިން އެންމެ ބާރު ބޮޑުވެފައިވާ އެއް ބަނދަރަކީ ސިންގަޕޫރުގެ ބަނދަރެވެ. އެއީ, ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ކޮންޓެއިނަރ ބަނދަރެވެ.
އެ ކުންފުނިން ބުނި ގޮތުގައި, މި އަހަރުގެ ޖަނަވަރީއާއި މޭ މަހާ ދެމެދު ސިންގަޕޫރުގެ ބަނދަރަށް ބާލާފައިވާ މުދަލުގެ ނިސްބަތް ވަނީ 20 އިންސައްތަ އިތުރުވެފައެވެ. މިއާ އެކު, ބަނދަރުން މުދާ ބޭރު ކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމުގައި އެ ކުންފުނިން ބުންޏެވެ. އަދި, ކޮންޓެއިނަރުގެ ޢަަދަދު ގިނަވެ, އެ ބަނދަރު ވަނީ ތޮއްޖެހިފައެވެ. މި ކަމަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން ސިންގަޕޫރުގެ ބަނދަރުން ދަނީ, ކުރިން ބޭނުންކޮށް ބަންދު ކޮށްފައިވާ ބައެއް ޓަރމިނަލްތައް ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ.
ސިންގަޕޫރުގެ މެރިޓައިމް ޕޯޓް އޮތޯރީޓީ (އެމްޕީއޭ)ން ބުނީ, މީގެ ކުރިން 24 ގަޑިއިރުގެ ކުރިން އާގުބޯޓުފަހަރަށް ބަނދަރާ ގާތް ކުރެވުނު ނަމަވެސް މިހާރު ހާލަތު ބަދަލުވެފައިވާ ކަމުގައެވެ. މި ގޮތުން, ބޯޓުފަހަރަށް ބަނދަރާ ގާތް ކުރުމަށް މިހާރު ދެ ތިން ދުވަހުގެ މުއްދަތެއް ހޭދަ ކުރަން ޖެހޭ ކަމުގައި އެމްޕީއޭން ބުންޏެވެ. ލައިނަރލިޓިކާން ބުނީ, ބަނދަރަށް ގާތް ނުކުރެވި ބަައެއް އާގުބޯޓުފަހަރު ހަފުތާއަކަށް ވުރެ ގިނަ ދުވަހު މަޑު ކުރަން މަޖުބޫރުވެފައިވާ ކަމުގައެވެ.
މިއާ އެކު, ސިންގަޕޫރުގެ ބަނދަރުގެ ބަދަލުގައި މުދާ އުފުލާ ކުންފުނިތަކުން އެ ސަރަޙައްދުގެ އެހެން ބަނދަރުތައް އިޚުތިޔާރު ކުރަމުންދާ ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. މި ގޮތުން, މެލޭޝިޔާގެ ކްލާންގުގެ އިތުރުން ޓަންޖުންގ ޕެލެޕާސް ބަނދަރަށް ދަތުރު ކުރާ ބޯޓުފަހަރުގެ ޢަދަދު އިތުރުވެ, އެ ބަނދަރުތަކަށް ވެސް ވަނީ ތޮއްޖެހުމާ ކުރިމަތިލާން ޖެހިފައެވެ. މީގެ އިތުރުން ޗައިނާގެ ޝަންގހާއީއާއި ޗިންގދާއޯ ބަނދަރުގައި ވެސް މުދާ އުފުލާއި ބޭލުމަށް ހޭދަވާ މުއްދަތު ދިގުލައިގެން ގޮސްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.