ޚަބަރު

ބޮލީވިޔާގެ ސަރުކާރު ވައްޓައިލަން ހިންގަން އުޅުނު ބަޣާވާތެއް ނާކާމިޔާބުވެއްޖެ


ދެކުނު އެމެރިކާގެ ޤައުމެއް ކަމުގައިވާ ބޮލީވިޔާގެ ސަރުކާރު ވައްޓައިލުމުގެ ނިޔަތުގައި އެ ޤައުމުގެ އަސްކަރިއްޔާގެ އިސް ޖެނެރަލަކު އިސްވެ ހިންގަން އުޅުނު ބަޣާވާތެއް ނާކާމިޔާބު ވެއްޖެއެވެ. ބަޣާވާތުގެ އިސް މޭސްތިރިއަކީ އަސްކަރިއްޔާގެ އިސް ކޮމާންޑަރު, ޖެނެރަލް ހުވާން ހޯސޭ ސޫނީގާއެވެ. ބަޣާވާތް ނާކާމިޔާބުވުމާ އެކު, އޭނާ ވަނީ ހައްޔަރުކޮށް, މަޤާމުން ދުރު ކޮށްފައެވެ.

ބަޣާވާތުގެ ތެރެއިން ޖެނެރަލް ސޫނީގާއާއި, އޭނާއަށް ވާގިވެރިވި ސިފައިންގެ ބަޔަކު ވަނީ ވެރިރަށް ލަ ޕާޒްގެ ޕްލާޒާ މުރިއްޔޯ މައިދާނަށް އެއްވެ, އެ ސަރަޙައްދުގައި ހުރި ރިޔާސީ ގަނޑުވަރު ހިސާރު ކުރަން މަސައްކަތް ކޮށްފައެވެ. ރިޔާސީ ގަނޑުވަރަށް ވަދެ ބަޣާވާތް ކުރި ސިފައިން މަސައްކަތް ކޮށްފައި ވަނީ ރައީސް ލުއީސް އަރްސޭ ހައްޔަރު ކުރުމަށެވެ. ނަމަވެސް, އޭނާ ހައްޔަރު ކުރެވިފައެއް ނުވެއެވެ.

"މިއަދު އަޅުގަނޑުމެންނަށް ކުރިމަތިލާން މި ޖެހުނީ ބަޣާވާތަކާ. މިއީ, ޑިމޮކްރެސީ ނައްތައިލުމުގެ ބޭނުމުގައި ހިންގަން މަސައްކަތް ކޮށްފައިވާ ބަޣާވާތެއް. ބޮލީވިޔާގެ ރައްޔިތުންނަށް އަޅުގަނޑު މި ގޮވައިލަނީ ޑިމޮކްރެސީ ދިފާޢުކޮށް, ނެގެހެއްޓުމަށް ތެދުވެ, ބަޣާވާތުގެ ބައިވެރިންނާ ކުރިމަތިލާން،" އަރްސޭ ވިދާޅުވިއެވެ.

ރައީސް އަރްސޭ މި ކަން އިޢުލާނު ކުރެއްވި ވަގުތުގައި ވެސް ބަޣާވާތުގެ ބައިވެރިން ދިޔައީ ރިޔާސީ ގަނޑުވަރުގެ ތެރޭގައި ހަރަކާތްތެރިވަމުންނެވެ. ނަމަވެސް, އެތައް ގަޑިއިރަކަށް ފަހު, ބަޣާވާތުގައި ބައިވެރިވި ސިފައިން ވަނީ ޕްލާޒާ ދޫކޮށް ގޮސްފައެވެ. އަދި, ފުލުހުން ވަނީ, ރިޔާސީ ގަނޑުވަރު ހުންނަ ޕްލާޒާ ސަރަޙައްދުގެ އަމަން ބަލަހައްޓަން ފަށާފައެވެ.

ޖެނެރަލް ސޫނީގާ ހައްޔަރު ކޮށްފައި ވަނީ ރިޔާސީ ގަނޑުވަރުން ބަޣާވާތުގައި ބައިވެރިވި ސިފައިން ނިކުތް ފަހުންނެވެ. އޭނާ ހައްޔަރު ކޮށްގެން ގެންގޮސްފައިވަނީ ކޮން ތަނަކަށް ކަން ސާފެއް ނޫނެވެ. ރައީސް އަރްސޭ ވަނީ, އަސްކަރިއްޔާގެ އިސް ކޮމާންޑަރުގެ މަޤާމުން ޖެނެރަލް ސޫނީގާ ވަކިކޮށް, އެ މަޤާމަށް ޖެނެރަލް ހޯސޭ ވިލްސަން ސަންޗޭޒް ޢައްޔަން ކުރައްވާފައެވެ.

އަސްކަރިއްޔާގެ އައު ކޮމާންޑަރު ޖެނެރަލް ސަންޗޭޒް ވަނީ, ސަރުކާރު ދިފާޢު ކުރުމަށް ހުރިހާ ސިފައިން މަގުތަކަށް ނިކުތުމަށް ގޮވައިލައްވާފައެވެ. ނަމަވެސް, ބަޣާާވާތުގައި ބައިވެރިވި ސިފައިންގެ އެއްވެސް މީހެއްގެ ލޭއޮހޮރުވައިލައިގެން ނުވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. އެމެރިކާއިން ބުނީ, ބޮލީވިޔާގައި ހިންގަން އުޅުނު ބަޣާވާތުގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމުގައެވެ.

ބޮލީވިޔާގެ ސަރުކާރު ވައްޓައިލަން ބަޣާވާތެއް ހިންގަން މަސައްކަތް ކޮށްފައި މި ވަނީ, 2025ވަނަ އަހަރަށް ތާވަލު ކޮށްފައިވާ އެ ޤައުމުގެ ޢާންމު އިންތިޚާބާ ގުޅިގެން ސިޔާސީ މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. 2006ން 2019ވަނަ އަހަރާ ދެމެދު ބޮލީވިޔާގައި ވެރިކަން ކުރެއްވި ކުރީގެ ރައީސް އޭވޯ މޮރާލޭސް ވަނީ އިންތިޚާބުގައި ރައީސް އަރްސޭއާ ވާދަ ކުރައްވާނެ ކަން އިޢުލާނު ކުރައްވާފައެވެ.

ބޮލީވިޔާގެ ވެރިކަމާ ފޭއަށް މޮރާލޭސް ޖެހިވަޑައިގަތީ, އޭނާގެ ސަރުކާރާ ދެކޮޅަށް އެތަކެއް ސަތޭކަ ހާސް ބަޔަކު މުޒާހަރާ ކުރަން ފެށުމާ ގުޅިގެންނެވެ. އެއަށް ފަހު, ބޮލީވިޔާގައި ވަގުތީ ސަރުކާރެއް އެކުލަަވައިލިއެވެ. ރައީސް އަރްސޭ, ވެރިކަމާ ހަވާލުވެ ވަޑައިގަތީ 2020ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ކާމިޔާބީ ހޯއްދަވައިގެންނެވެ.

ބޮލީވިޔާގެ ސަރުކާރު ވައްޓައިލަން ޖެނެރަލް ސޫނީގާ އިސްވެ ބަޣާވާތެއް ކުރަން މަސައްކަތް ކޮށްފައި މި ވަނީ, ކުރީގެ ރައީސް މޮރާލޭސާ ދެކޮޅަށް ކަމަށް ބެލެވެއެވެ. ކުރިއަށް އޮތް އިންތިޚާބުގައި ރައީސް ކަމުގެ މަޤާމަށް ވާދަ ކުރައްވައިފި ނަމަ, މޮރާލޭސް ހުއްޓުވާނެ ކަމަށް ވިދާޅުވެ, ޖެނެރަލް ސޫނީގާ ވަނީ އިންޒާރު ދެއްވާފައެވެ.

މި ކަމާ ގުޅިގެން ވެރިކަން ކުރާ އެމްއޭއެސް ޕާޓީގެ ވެރިޔާ, މޮރާލޭސް ވަނީ ޑިމޮކްރެސީގެ ދިފާޢުގައި އެ ޕާޓީގެ މެންބަރުން ތެދުވާނެ ކަމަށް ވިދާޅުވެފައެވެ. "ޑިމޮކްރެސީ ފުނޑުފުނޑު ކޮށްލައި, [ބޮލީވިޔާގެ] ޢާންމު ރައްޔިތުންނަށް ބިރު ދެއްކުމުގެ ފުރުޞަތު އަސްކަރިއްޔާއަކަށް ނުދެވޭނެ،" މޮރާލޭސް ވިދާޅުވިއެވެ.

ބޮލީވިޔާގެ ޕަބްލިކް ޕްރޮސިކިޔުޓަރުގެ އޮފީހުން ބުނީ, ޖެނެރަލް ސޫނީކާ އިސްވެ ހިންގަން އުޅުނު ބަޣާވާތުގެ ބައިވެރިންނާ ދެކޮޅަށް ޖިނާޢީ ތަޙުޤީޤެއް ހިންގައި, އެ މީހުންނާ ދެކޮޅަށް ދަޢުވާ އުފުލާނެ ކަމުގައެވެ. ރައީސް އަރްސޭގެ ސަރުކާރާ ދެކޮޅަށް ހިންގަން އުޅުނު ބަޣާވާތް ނާކާމިޔާބުވުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޤައުމުތަކުގެ ވެރިން ދަނީ އަރްސޭއަށް މަރުޙަބާ ދަންނަވަމުންނެވެ.