މި އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ދަތުރު ކުރި ޙައްޖާޖީންގެ ތެރެއިން މަރުވި އެތަކެއް ސަތޭކަ މީހުންގެ ތެރޭގައި ގިނައީ ރަޖިސްޓްރީ ނުވެ, ޤަވާޢިދާ ޚިލާފަށް ޙައްޖުގެ އަޅުކަމުގައި ބައިވެރިވި މީހުން ކަން ހާމަވެއްޖެއެވެ. ގިނަ ޢަދަދެއްގެ ޙައްޖާޖީން މަރުވެފައި ވަނީ ސަޢޫދީ ޢަރަބިއްޔާގައި ފިނިހޫނުމިން އާދަޔާ ޚިލާފަށް އުފުލުމާ ގުޅިގެން, ހީޓްސްޓްރޯކް ފަދަ ޞިއްޙީ މައްސަލަތައް ކުރިމަތިވުމުގެ ސަބަބުންނެވެ.
ޙައްޖުގެ ކަންކަން ވިލަރެސް ކުރާ އިދާރާގައި ރަޖިސްޓްރީ ނުވެ, ޤަވާޢިދާ ޚިލާފަށް ޙައްޖުގެ އަޅު ކަމުގައި ބައިވެރިވި ގިނަ މީހުންނަށް ގަދަ ހޫނުން ސަލާމަތްވެވޭނެ ގޮތެއް ހޯދިފައެއް ނުވެއެވެ. ސަބަބަކީ, ފިނި ކޮށްފައިވާ ބަސްތަކާއި, ފިނި ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ފޭލިގެތައް ބޭނުން ކުރުމުގެ ފުރުޞަތު, ޤަވާޢިދާ ޚިލާފަށް ޙައްޖުގެ އަޅުކަމުގައި ބައިވެރިވި ޙައްޖާޖީންނަށް ލިބިފައި ނެތުމެވެ.
ނުޤަވާޢިދުން ޙައްޖުގެ އަޅުކަމުގައި ބައިވެރިވި މީހުންގެ ތެރޭގައި ގިނައީ, ޙައްޖު ނޫން އެހެން ކަންކަމުގެ ވިސާގައި ސަޢޫދީ ޢަރަބިއްޔާއަށް އެތެރެވި މީހުންނެވެ. މޫސުމީ ބަދަލުތަކާ ގުޅިގެން ފިނިހޫނުމިން އުފުލެމުންދާ މި ދަނޑިވަޅުގައި, މި ފަދަ ގޮތަކަށް ނުޤަވާޢިދުން ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ގިނަ ޢަދަދެއްގެ ބަޔަކު އެތެރެވުމަކީ ސަޢޫދީ ސަރުކާރަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.
ގިނަ ޢަދަދެއްގެ ބަޔަކު ނުޤަވާޢިދުން ޙައްޖުގެ އަޅުކަމުގައި ބައިވެރިވެފައި ވަނީ, ޙައްޖު ޕެކޭޖުތަކުގެ އަގުތައް އުފުލެމުން ދިޔުމާ ގުޅިގެން ކަމަށް ބެލެވެއެވެ. މި ކަމާ ގުޅިގެން, ޙައްޖު ނޫން އެހެން ވިސާތަކުގައި ސަޢޫދީ ޢަރަބިއްޔާއަށް އެތެރެވެ, ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ ޢަދަދު އިތުރުވަމުންދާ ކަމުގައި ސަޢޫދީ ސަރުކާރުން ބުންޏެވެ. މިއީ, އެ ޤައުމަށް އެތެރެވުމަށް ދޫކުރާ ވިސާގެ ކަންކަން ލުއިފަސޭހަ ކުރުމުގެ ގޮތުން ކުރިމަތިވެފައިވާ މައްސަލައެކެވެ.
ސަޢޫދީ ޢަރަބިއްޔާގެ ދާޚިލީ ވުޒާރާގެ ތަރުޖަމާނު ކާނަލް ޠަލާލް ބިން ޝަލްހޫބް ވިދާޅުވީ, ނުޤަވާޢިދުން ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ ޙައްޖާޖީންނަށް ޚިދުމަތްތައް ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމުގައެވެ. ނަމަވެސް, ހޫނުގަދަވުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ޙައްޖާޖީންގެ ފުރާނަ ގެއްލުމާ ގުޅިގެން ސަޢޫދީ ސަރުކާރަށް ވަނީ ގިނަ ބަޔެއްގެ ފާޑު ކިޔުންތައް އަމާޒުވެފައެވެ.
ޤަވާޢިދާ އެއްގޮތަށް އަމަލު ކުރާ ޙައްޖާޖީންނާއި ނުޤަވާޢިދުން އަޅުކަމުގައި ބައިވެރިވެފައިވާ މީހުންނަށް އެއް ހަމައަކުން އަމަލު ކޮށް, ޚިދުމަތްތައް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ބުނެ, ސަޢޫދީ ސަރުކާރާ ދެކޮޅު ފަރާތްތަކުން ދަނީ އަޑު އުފުލަމުންނެވެ. މި ކަމާ ގުޅޭ ގޮތުން ސަޢޫދީ ސަރުކާރުގެ ބައިނަލްއަޤުވާމީ މީޑިޔާއާ ބެހޭ އޮފީހުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ޞިއްޙަތާ ބެހޭ ވަޒީރު ފަހްދު އަލް-ޖަލާޖަލް ވަނީ, ރަޖިސްޓްރީ ނުވެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވި ޙައްޖާޖީންނަށް ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޞިއްޙީ އިދާރާތަކުން ދެކޮޅު ހަދާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. އޭނާ ވިދާޅުވީ, މި އަހަރުގެ ޙައްޖުގެ އަޅުކަމުގައި ހުއްދަ ނެތި ބައިވެރިވި މީހުންގެ ތެރެއިން 141,000 ޙައްޖާޖީއަކަށް ޞިއްޙީ ފަރުވާ ފޯރުކޮށްދީފައިވާނެ ކަމުގައެވެ.
މި އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވި ޙައްޖާޖީންގެ ތެރެެއިން އާދަޔާ ޚިލާފަށް ހޫނުގަދަވުމާ ގުޅިގެން ޞިއްޙީ މައްސަލަތައް ކުރިމަތިވެ ފުރާނަ ގެއްލުނު ޙައްޖާޖީންގެ ޢަދަދު ވަނީ 1,301އަށް އުފުލިފައެވެ. އޭގެ ތެރެއިން 83 އިންސައްތައަކީ ނުޤަވާޢިދުން އަޅުކަމުގައި ބައިވެރިވި މީހުން ކަމުގައި އަލް-ޖަލާޖަލް ވިދާޅުވިއެވެ. ގިނަ ޢަދަދެއްގެ ޙައްޖާޖީން "އިރުގެ އަވިން ސަލާމަތްވުމަށް އެއްވެސް ނިވައިކަމެއް, އަދި ރައްކާތެރި ކަމެއް ނެތި ދިގު ރާސްތާތަކަށް ފައިމަގުގައި ހިނގާފައިވާ" ކަމުގައި އޭނާ ވިދާޅުވިއެވެ. ޙައްޖުގެ އަޅުކަމުގެ ދުވަސްވަރު ސަޢޫދީ ޢަރަބިއްޔާގައި ފިނިހޫނުމިން 50 ޑިގްރީ ސެލްސިއެސަށް އުފުލިގެން ދިޔައެެވެ.
މި އަހަރުގެ ޙައްޖުގެ އަޅުކަމުގައި ދެ މިލިޔަނެއްހާ ޙައްޖާޖީން ބައިވެރިވިއެވެ. ނަމަވެސް, ނުޤަވާޢިދުން އަޅުކަމުގައި ބައިވެރިވެފައި ވަނީ އޭގެ ތެރެއިން ކިތައް ޙައްޖާޖީން ކަން ސާފެއް ނޫނެވެ. ސަޢޫދީ ޢަރައްބިއްޔާގެ ޢާންމު ސަލާމާތާ ބެހޭ ޑިރެކްޓަރު މުޙައްމަދު ބިން ޢަބްދުالله އަލް-ބަސާމީ ވިދާޅުވީ, ނުޤަވާޢިދުން މައްކާއަށް އެތެރެވި 171,587 މީހުން ޙައްޖުގެ އަޅުކަން ފެށުމުގެ ކުރިން ޑީޕޯޓް ކޮށްލާފައިވާ ކަމުގައެވެ.
މޫސުމީ ދިރާސާ ކުރާ ޖަރުމަނުވިލާތުގެ ކުންފުނި, ކްލައިމެޓް އެނެލިޓިކްސްގެ އިސް ސައިންސްވެރިއެއް ކަމުގައިވާ ކާލް-ފްރީދްރިޗް ޝްލޮއެސްނަރ ވިދާޅުވީ, މި ދުވަސްވަރާ ދިމާކޮށް ސަޢޫދީ ޢަރަބިއްޔާގައި ފިނިހޫނުމިން އާދަޔާ ޚިލާފަށް އުފުލިފައި ވަނީ މޫސޫމީ ބަދަލުތަކާ ގުޅިގެން ކަމަށް ބެލެވޭ ކަމުގައެވެ. "މޫސުމީ ކާރިސާއާ ގުޅިގެން ފިނިހޫނުމިން ދަނީ އާދަޔާ ޚިލާފަށް އުފުލެމުން،" އޭނާ ވިދާޅުވިއެވެ.
2040ވަނަ އަހަރުގެ ޙައްޖު މޫސުން ދިމާވާނީ, ސަޢޫދީ ޢަރަބިއްޔާއަށް ހޫނު މޫސުން ކުރިމަތިވާ ދުވަސްވަރު ކަމަށާއި, އެ އަހަރުގެ ޙައްޖު މޫސުމުގައި ސަޢޫދީ ޢަރަބިއްޔާގެ ފިނިހޫނުމިން އިންތިހާއަށް އުފުލޭނެ ކަމަށް މޫސުން ދިރާސާ ކުރާ ސައިންސްވެރިން އަންދާޒާ ކުރެއެވެ. "އެ އަހަރު ޙައްޖު މޫސުން ވަރަށް ނުރައްކާތެރިވާނެ ކަމަށް ބެލެވޭ،" މޫސުމާ ބެހޭ ދިރާސާ ކުރާ ޕާކިސްތާނުގެ މާހިރެއް ކަމުގައިވާ ފަރްޙާދް ސަޢީދު ވިދާޅުވިއެވެ.
މޫސުމީ ދިރާސާ ކުރާ ޖަމީލް އޮބްޒަަރވޭޓަރީގެ ޑިރެކްޓަރ, އަދި އެމްއައިޓީގައި ކިޔަވައިދެއްވާ ޕްރޮފެސަރ އަލް-ފާތިޙް އަލް-ޠާހިރު ވެސް މި ކަމާ އެއްބަސްވެ ވަޑައިގަންނަވައެވެ. އޭނާ ވެސް ވިދާޅުވީ, "ކުރިއަށް އޮތް އަހަރުތަކުގައި ހާލަތު އިތުރަށް ގޯސްވާނެ" ކަމަށް ބެލެވޭ ކަމުގައެވެ. ހޫނުގަދަވުމާ ގުޅިގެން ޙައްޖާޖީންގެ ޞިއްޙަތަށް އޮތް ނުރައްކާތަކާ ބެހޭ ގޮތުން އޭނާ ވަނީ 2019ވަނަ އަހަރު ދިރާސާއެއް ހައްދަވާފައެވެ.
ސަޢީދާއި ޝްލޮއެސްނަރ ގުޅިގެން 2021ވަނަ އަހަރު ޝާއިޢު ކޮށްފައިވާ ދިރާސާއެއްގައި ބުނެފައި ވަނީ, ސިނާޢީ ޒަމާން ފެށުމު ކުރިން ދުނިޔޭގެ ފިނިހޫނުމިން ރެކޯޑު ކުރެވިފައިވާ މިންވަރަށް ވުރެ 1.5 ޑިގްރީ ސެލްސިއެސަށް މައްޗަށް މިހާރުގެ ފިނިހޫނުމިން އުފުލިއްޖެ ނަމަ, ޙައްޖު މޫސުމުގައި ހީޓްސްޓްރޯކް ފަދަ ޞިއްޙީ މައްސަލަތައް ކުރިމަތިވާ ޙައްޖާޖީންގެ ޢަދަދު ފަސް ގުނަ އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމުގައެވެ. ސައިސްވެރިން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު, 2030ވަނަ އަހަރުގެ ކުރިން ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީއަށްވުރެ މައްޗަށް އުފުލޭނެއެވެ.