ޚަބަރު

ބަކާގެ ހަނދާނުގައި ތަޢުޒިޔާގެ ދަފުތަރެއް


ދާދިފަހުން ނިޔާވި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ގެ ތަޢުޒިޔާގެ ދަފުތަރެއް ގަލޮޅު ފުޓުބޯޅަ ދަނޑުގައި ހުޅުވައިފިއެވެ.

ޙައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އައިފަހުން މުޙައްމަދު އާރިފް (ބަކާ) ގެ ހާލު ސީރިއަސްވެ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ނިޔާވީ މިދިޔަ އަންގާރަ ދުވަހުއެވެ. ބަކާ ނިޔާވިއިރު އޭނާގެ އުމުރަކީ 38 އަހަރެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިިބިފައިވާ ގޮތުގައި އުމުރުން 38 އަހަރުގެ ބަކާގެ ހާލަތު ގޯސްވީ އެނބުރި ރާއްޖެ އައިފަހުން ހުންގަދަވެ އިންފެކްޝަނެއް އުފެދިގެންނެވެ.

މުހައްމަދު އާރިފް (ބަކާ) ގެ ތައުޒިޔާގެ ދަފްތަރެއް ހުޅުވާފައިވަނީ މިއަދު ގަލޮޅު ރަސްމީ ދަނޑުގައި މިކަމަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ބަކާގެ އާއިލާ މެމްބަރުންނާއި ގިނަ އަދަދެއްގެ ކޯޗުންނާއި ކުޅުންތެރިން ބައިވެރިވިއެވެ. އެންމެ ފުރަތަމަ މި ދަފުތަރުގައި ލިއުއްވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ

ބަކާގެ ހަނދާނުގައި މި ހުޅުވި ތަޢުޒިޔާގެ ދަފްތަރު، މިހާރު ކުރިއަށްދާ އެފްއޭއެމް ނަވާރަ އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕު ނިމެންދެން ގަލޮޅު ދަނޑުގައި ބެހެއްޓިފައި ހުންނާނެއެވެ.

ކުރީގެ މަޝްހޫރު ކުޅުންތެރިންގެ ތެރެއިން އަލީ އަޝްފާގު (ދަގަނޑޭ)، ގޯލްކީޕަރު އިމްރާން މުޙައްމަދު، އަލީ އުމަރު، ފަދަ ކުޅުންތެރިން ވަނީ މި ދަފުތަރުގައި ލިޔެފައެވެ. މަޝްހޫރު ކޯޗުންގެ ތެރޭގައި އަލީ ސުޒެއިން އާއި މުހައްމަދު ނިޒާމް ފާހަގަކޮށްލެވެއެވެ. އަދި ބަކާގެ ކެރިއަރުގެ އެކި ހިސާބުތަކުގައި އެއްކޮށް މަސައްކަތްކުރި ބޭފުޅުންވެސް ހިމެނެއެވެ.

ރާއްޖޭގެ ފުޓުބޯޅަ ތާރީޚުގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ހޯލްޑިން މިޑްފީލްޑަރުންގެ ތެރޭގައި ބަކާ ހިމެނެއެވެ. އޭނާއަކީ ރާއްޖެއިން ސާފް ޗެމްޕިއަންޝިޕުގެ ތަށި މިހާތަނަށް ހޯދި ދެ ފަހަރު ކަމަށްވާ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ޓީމުގައި ކުޅެފައިވާ ކުޅުންތެރިއެކެވެ. ދިގު މުއްދަތެއް ވަންދެން ރަނގަޅު ފޯމެއްގައި ބަކާ ކުޅެފައިވާއިރު، ފަހަކަށް އައިސް ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅައިގައި އޭނާ ނުފެންނަނީ އަނިޔާގެ މައްސަލަތަކާއި ފިޓްނަސްގެ މައްސަލަތަކުގެ ސަބަބުންނެވެ.

ބޭރުގެ ލީގެއްގައި ކުޅުނު ރާއްޖޭގެ މަދު ކުޅުންތެރިންގެ ތެރޭގައި ބަކާ ހިމެނެއެވެ. އޭނާ ވަނީ މިޔަންމާ ލީގުގެ ޓީމަކަށް މީގެކުރިން ކުޅެފައެވެ. އަދި ކުލަބު ލެވެލްގައި ގިނަ ކާމިޔާބީތަކެއް އޭނާ ވަނީ ހޯދާފައެވެ.