ކުޅިވަރު

ބޮޑު މޮޅާއެކު އުރުގުއޭ ކުއާޓާއާއި ގާތަށް، ޕެނަމާއިން އެމެރިކާ ބަލިކޮށްފި


މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ބޮލީވިއާ އަތުން 0-5 އިން ހޯދީ ބޮޑު މޮޅާއެކު އުރުގުއޭ އިން ކުއާޓާ ފައިނަލާ ގާތަށް ޖެހިލިއިރު، ޕެނަމާ އިން 2-1 ގެ ނަތީޖާއަކުން އެމެރިކާ ބަލިކޮށްފިއެވެ.

މި ނަތީޖާއާއެކު ގްރޫޕް ސީ ގެ އެއްވަނައިގައި އުރުގުއޭ އޮތީ ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް އެމެރިކާ އާއި ތިނެއްގައި އޮތް ޕެނަމާ އަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެމެރިކާ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ފުލުގައި އޮތް ބޮލިވިއާ އަށް ދެ މެޗުން ޕޮއިންޓެއް ނުލިބެއެވެ.

އެމެރިކާގެ ނިއު ޖާޒީގައި ހުންނަ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބަލަން ވަދެ ތިބި 48 ހާހެއްހާ މީހުންގެ ކުރިމަތީގައި އުރުގުއޭ އިން ލީޑްނެގީ އަށްވަނަ މިނެޓުގައި ފަކުންޑޯ ޕެލިސްޓްރީ ކާމިޔާބުކުރި ގޯލުންނެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ އިތުބާރު ޑިފެންޑަރު، ރޮނާލްޑް އަރައުހޯ ދިން ޕާހަކުންނެވެ.

އޭގެފަހުން، މެޗުގެ 21 ވަނަ މިނެޓުގައި އުރުގުއޭގެ ދެވަނަ ލަނޑުޖަހައިދިނީ ލިވަޕޫލްގެ ފޯވާޑް، ޑާވިން ނޫނޭޒް އެވެ. މިއީ އެ ޓީމަށް އެންމެ ފަހުން ކުޅުނު ހަތް މެޗުގައި އޭނާ ޖެހި 10 ވަނަ ގޯލެވެ. އަދި އުރުގުއޭގެ ޖާޒީގައި މިހާތަނަށް ކުޅުނު 25 މެޗުގައި ޖެހި 13 ވަނަ ގޯލެވެ.

މި މެޗުގައި އުރުގުއޭ އިން ޖެހި އަނެއް ތިން ލަނޑު، ކާމިޔާބުކުރީ ފަހު ހާފުގައެވެ. އެގޮތުން، އެ ޓީމުގެ ތިންވަނަ ލަނޑު، 77 ވަނަ މިނެޓުގައި މެކްސިލިއާނޯ އަރައުހޯ ކާމިޔާބުކޮށްދިންއިރު އޭގެ ހަތަރު މިނެޓުފަހުން، ފެޑެރީކޯ ވަލްވާޑޭ ވަނީ ނަތީޖާ 4-0 އަށް ބަދަލުކޮށްލާފައެވެ. އަދި އޭގެފަހުން، މެޗުގެ ފުރިހަމަވަގުތު ހަމަވާން މިނެޓަކަށްވެފައިވަނިކޮށް އެ ޓީމުގެ ފަސްވަނަ ލަނޑު، ކާމިޔާބުކޮށްދިނީ ރޮޑްރިގޯ ބެންޓަންކޫރް އެވެ.

ރޭގެ މި މެޗަކީ މީގެ ދެ އަހަރެއްހާ ދުވަހުގެ ކުރީން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި 5-0 ގެ ނަތީޖާއަކުން ޕެނަމާ ބަލިކުރިފަހުން އުރުގުއޭ އިން ފަސް ލަނޑުގެ ތަފާތަކުން މޮޅުވި ފުރަތަމަ ފަހަރެވެ.

މި ގްރޫޕުގައި ރޭ ޕެނަމާއާ އެމެރިކާ ބައްދަލުކުރި މެޗުގައި ކުރީން ލީޑްނެގީ ވެސް އެމެރިކާ އިންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ ފޮލަރިން ބަލޮގަން އެވެ. އެމެރިކާ އިން ލީޑްނެގުމުގެ ހަތަރުވަރަކަށް މިނެޓު ކުރީން، އެ ޓީމުގެ ފޯވާޑް، ޓިމޮތީ ވެއާ އަށް ވަނީ ސީދާ ރަތެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ. ވެއާ އަށް ރަތް ކާޑު ދެއްކީ ޕެނަމާގެ ރޮޑްރިކް މިލާގެ ބޮލުގައި އަތުން ޖެހުމުންނެވެ. މިއާއެކު، މެޗުގެ ބޮޑުބައި އެމެރިކާ އިން ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ.

އެމެރިކާގެ ލީޑް ދެމިއޮތީ، ހަތަރު މިނެޓު ވަންދެކަށެވެ. ޕެނަމާ އަށް އެއްވަރުކޮށްދިން ލަނޑު، 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސެޒާ ބްލެކްމަން އެވެ. މި ގޯލާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ފަހު ހާފުގެ ކުރީކޮޅު އެމެރިކާގެ ކީޕަރު، މެޓް ޓާނާ އަށް އަނިޔާވެގެން ބަދަލުކުރުމުގެ ކުޅެން ނިކުތް އީތަން ހޯވަތު ބަލަހައްޓަމުންދިޔަ ގޯލަށް ޕެނަމާ އިން ލަނޑު ވައްދާލީ މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށެވެ. އެ ޓީމަށް މި ލަނޑުޖަހައިދިނީ ހޯސޭ ފަޖާޑާ އެވެ. އޭގެފަހުން، މެޗުގެ 88 ވަނަ މިނެޓުގައި ޕެނަމާގެ އަޑަލްބާޓޯ ކަރަސްކީލާ އަށް ސީދާ ރަތެއް ދެއްކުމުން އެ ޓީމުން ވެސް ބާކީބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ކަރަސްކީލާ އަށް ރަތް ކާޑު ދެއްކީ އެމެރިކާގެ ކްރިސްޓިއަން ޕުލިސިޗަށް ފަހަތުން ކުރި ޓެކުލަކާ ގުޅިގެންނެވެ.

މި މުބާރާތުގައި ދެން ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ކޮލަމްބިއާ އާ ކޮސްޓަ ރިކާ ބައްދަލުކުރާއިރު ދެވަނަ މެޗުގައި ޕެރަގުއޭ ނިކުންނާނީ ބްރެޒިލާ ދެކޮޅަށެވެ.