ޚަބަރު

އިޢުތިރާފުގެ އެއްބަސްވުމަކާއެކު އަސާންޖް މިނިވަންވެއްޖެ


އޮސްޓްރޭލިޔާ ސަރުކާރުގެ ބުރަ މަސައްކަތުން ވިކީލީކްސްގެ ބާނީ ޖޫލިޔަން އަސާންޖް މިނިވަންވެއްޖެއެވެ. އޭނާ މިނިވަންވެފައި މި ވަނީ, އިނގިރޭސިވިލާތުގެ ޖަލެއްގައި ފަސް އަހަރާއި, ލަންޑަނުގައި ހުންނަ އެކުއެޑޯގެ އެމްބަސީން ހިމާޔަތް ހޯދައިގެން ހަތް އަހަރު ހޭދަ ކުރި ފަހުންނެވެ. އަސާންޖްގެ ޤާނޫނީ ވަކީލު ޖެނިފަރ ރޮބިންސަން ވިދާޅުވީ, އޮސްޓްރޭލިޔާ ސަރުކާރުން އެމެރިކާއާ އެކު ކުރި މަޝްވަރާތަކުން އަސާންޖް މިނިވަން ކުރުމުގައި ވަރަށް ބޮޑު ދައުރެއް އަދާ ކޮށްފައިވާ ކަމުގައެވެ.

އޮސްޓްރޭލިޔާގެ ރައްޔިތެއް ކަމުގައިވާ އަސާންޖް މިނިވަންކޮށްފައި ވަނީ ޕެސިފިކް ކަނޑުގައި އޮންނަ އެމެރިކާގެ ސަރަޙައްދު, ސައިޕޭންގެ ކޯޓަކަށް ހާޒިރު ކުރުމަށް ފަހުއެވެ. ސައިޕޭންގެ ކޯޓަށް ހާޒިރުވާން އަސާންޖް އެއްބަސްވެފައި ވަނީ, އެއީ އެމެރިކާގެ މައި ބިމާ ދުރުގައި އޮތް ތަނަކަށް ވުމުގެ ސަބަބުންނެވެ. އަސާންޖް މިނިވަން ކުރަން ކޯޓުން އަމުރު ކޮށްފައި ވަނީ, އޭނާއާ ދެކޮޅަށް އުފުލާފައިވާ އެއް ދަޢުވާއަށް އެއްބަސްވެ, އެމެރިކާއާ އެކު ހެދި އިޢުތިރާފުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

"ލިބުނު ކޮންމެ ފުރުޞަތެއްގައި, އޮސްޓްރޭލިޔާގެ އޮފިޝަލުން ވަނީ އެމެރިކާއާ އެކު މަޝްވަރާކޮށްފައި, އެ މީހުންނަށް [އޮސްޓްރޭލިިޔާގެ އޮފިޝަލުންނަށް] އެނގިވަޑައިގަންނަވާ މި ކަމުގައި އޮސްޓްރޭލިޔާގެ ބޮޑުވަޒީރު [އެންތަނީ އަލްބަނޭޒޭ]ގެ ފުރިހަމަ ތާޢީދު އޮތް ކަން،" ރޮބިންސަން ވިދާޅުވިއެވެ. އޭނާ ވަނީ އަސާންޖް މިނިވަން ކުރުމަށް ކުރި މަސައްކަތުގައި އޮސްޓްރޭލިޔާ ސަރުކާރުން ފޯރުކޮށްދީފައިވާ އެހީތެރިކަމަށް ބޮޑުވަޒީރު އަލްބަނޭޒޭއާއި ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައެވެ.

އަސާންޖް މިނިވަން ކުރެވުމަކީ އޮސްޓްރޭލިޔާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އަލްބެނޭޒޭ ވެސް ވަނީ ސިފަ ކުރައްވާފައެވެ. އޮސްޓްރޭލިޔާގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އަލްބެނޭޒޭ ވިދާޅުވީ, އަސާންޖް މިނިވަން ކުރެވިފައި ވަނީ އޮސްޓްރޭލިޔާއާއި އެމެރިކާގެ އިތުރުން އިނގިރޭސިވިލާތާ ދެމެދު އޮތް ގާތް ސަލާމަތީ ގުޅުންތަކުގެ ސަބަބުން ކަމުގައެވެ.

އެމެރިކާގެ ޖާސޫސް ކުރުމުގެ ކުށުގެ ޤާނޫނުގެ ދަށުން އަސާންޖާ ދެކޮޅަށް 17 ދަޢުވާއެއް އުފުލާފައިވެއެވެ. ނަމަވެސް, އަސާންޖާ ދެކޮޅަށް ހުށަހަޅާފައިވާ ދަޢުވާތައް އަނބުރާ ގެންދިޔުމަށް އެމެރިކާގެ އެތެރެއިންނާއި ބައިނަލްއަޤުވާމީ މަސްރަޙުގައި ވެސް ދިޔައީ ބާރު އަޅަމުންނެވެ. އެ ހުރިހާ ދަޢުވާތައް ސާބިތުވި ނަމަ, އަސާންޖުގެ މައްޗަށް 175 އަހަރުގެ ޖަލު ހުކުމެއް އިއްވުނީހެވެ.

އަސާންޖާ ދެކޮޅަށް ދަޢުވާ އުފުލާފައި ވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރި ކަމުގައެވެ. ދާދި ފަހުން, ރައީސް ޖޯ ބައިޑަން ވަނީ, އަސާންޖާ ދެކޮޅަށް އުފުލާފައިވާ ދަޢުވާތައް އަނބުރާ ގެންދިޔުމަށް އެދި އޮސްޓްރޭލިޔާގެ ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ވިސްނަމުންދާ ކަން ހާމަކޮށްފައެވެ.

މިނިވަންވުމާ އެކު އަސާންޖް ވަނީ އޮސްޓްރޭލިޔާއަށް ދަތުރު ކޮށްފައެވެ. އަސާންޖާ އެކު އިޢުތިރާފުގެ އެއްބަސްވުމެއް ހެދުމަށް އެމެރިކާއިން ނިންމާފައި ވަނީ, ދަޢުވާތަކާ ކުރިމަތިލުމަށް އަސާންޖް އެމެރިކާއަށް ހާޒިރު ކުރަން ކުރިމަތިވި ގޮންޖެހުންތަކާ ގުޅިގެންނެވެ. އިނގިރޭސިވިލާތުގެ ޖަލެއްގައި ހުރި އަސާންޖް އެމެރިކާއަށް ފޮނުވައިލުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ލަންޑަނުގެ ހައި ކޯޓުގައި ދާދި ފަހުން ބޭއްވި ޝަރިޢަތުގައި, އޭނާ އެމެރިކާއަށް ފޮނުވައިލުމަށް ދަށު ކޯޓުން ނިންމާފައިވާ ހުކުމް ހައި ކޯޓުން ވަނީ ބާޠިލު ކޮށްފައެވެ.

އިނގިރޭސިވިލާތުގެ ހައި ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި 52 އަހަރުގެ އަސާންޖްގެ ޤާނޫނީ ވަކީލުންގެ ޓީމުން ބުނީ, އެމެރިކާގައި އޭނާއާ ދެކޮޅަށް ބާއްވާ ޝަރިޢަތުގައި މިނިވަން ކަމާ އެކު ޚިޔާލު ފާޅު ކުރުމުގެ ފުރުޞަތު އޭނާއަށް ލިއްބައިދޭނެ ކަމަށް ނުބެލެވޭ ކަމުގައެވެ. އަދި, އޭނާއަކީ ބޭރު ޤައުމެއްގެ ރައްޔިތަކަށް ވުމާ އެކު, އެމެރިކާގެ ޝަރުޢީ ނިޒާމުން އޭނާއާ މެދު ތަފާތު ކުރުންތައް ގެންގުޅޭނެ ކަމުގައި ވެސް, އޮސްޓްރޭލިޔާއަށް އުފަން އަސާންޖްގެ ޤާނޫނީ ޓީމުން ބުނެފައިވެއެވެ.

އަސާންޖް އިސްވެ ވިކީލީކްސް ވެބްސައިޓް އުފައްދާފައި ވަނީ 2006ވަނަ އަހަރުއެވެ. އެއީ, 100 މިލިޔަނަށް ވުރެ ގިނަ ސިއްރު ލިޔެކިޔުންތައް ޝާއިޢު ކޮށްފައިވާ އޮންލައިން ލައިބްރަރީއެކެވެ. އޭގެ ތެރެއިން ގިނަ ލިޔެކިޔުންތަކަކީ, ޤައުމުތަކުގެ ސަރުކާރުތަކުން ހިންގާ ޖާސޫސީ މަސައްކަތްތަކާއި, ހަނގުރާމައިގެ ރޭވުންތަކާއި, ކޮރަޕްޝަނާ ގުޅޭ މަޢުލޫމާތު އެކުލެވިގެންވާ ލިޔެކިޔުންތަކެވެ.

2010ވަނަ އަހަރު ވިކީލީކްސުން ވަނީ, އެމެރިކާގެ އިސްތިޢުމާރީ ސިފައިން ޢިރާޤުގައި ހިންގަމުން ދިޔަ ލާއިންސާނީ އަދި އިންސާނިއްޔަތާ ޚިލާފު ކުށްތައް ހާމަކޮށްދޭ ވީޑިޔޯއެއް ވެސް ޢާންމު ކޮށްފައެވެ. އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރަކުން ނަގާފައިވާ އެ ވީޑިޔޯއިން ފެންނަނީ, ޢިރާޤުގެ ވެރިރަށް ބަޣްދާދުގައި އެ ޤައުމުގެ ޢާންމު ރައްޔިތުން ޝަހީދު ކުރަމުންދާ މަންޒަރުތަކެވެ. މީގެ އިތުރުން, އެމެރިކާގެ އަސްކަރިއްޔާގައި ކުރިން މަސައްކަތް ކުރި ޖާސޫސީ އެނެލިސްޓެއް ކަމުގައިވާ ޗެލްސީ މެނިންގ ލީކު ކޮށްލާފައިވާ ގިނަ ޢަދަދެއްގެ ސިއްރު ލިޔެކިޔުންތަކެއް ވެސް ވިކީލީކްސްގައި ޝާއިޢު ކޮށްފައިވެއެވެ.

ލަންޑަނުން ސައިޕޭނަށް, އަދި އެއަށްފަހު އޮސްޓްރޭލިޔާއަށް އަސާންޖް ކުރި ދަތުރުގެ ފްލައިޓުގެ ޚަރަދަށް 520,000 އެމެރިކާ ޑޮލަރު ހޭދަވިއެވެ. އެ ދަތުރަށް ހިނގި ޚަރަދުގެ ތެރެއިން ބޮޑު ބައެއް ފޯރުކޮށްދީފައި ވަނީ އަސާންޖަށް ތާޢީދު ކުރާ އެތަކެއް ސަތޭކަ ހާސް ބަޔަކު ހުޅުވި ފަންޑެއް މެދުވެރިކޮށެވެ. މި ގޮތުން, އެ ފަންޑަށް ލިބުނު ފައިސާގެ ޢަދަދު 418,000 އެމެރިކާ ޑޮލަރަށް އަރައެވެ.