މޫސުން ގޯސްވުމާ ގުޅިގެން އިންޑިޔާގެ ވެރިރަށް ނިއު ދެއްލީގައި ހުންނަ އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރާ ވައިގެ ބަނދަރެއްގެ ފުރާޅުން ބަޔެއް ވެއްޓި އެކަކު މަރުވެއްޖެއެވެ. ފުރާޅު ވެއްޓުމާ ގުޅިގެން ގިނަ ޢަދަދެއްގެ ބަޔަކު ދަތުރު ކުރާ އެ ވައިގެ ބަނދަރުގެ ޚިދުމަތްތައް ވަނީ މެދުކަނޑައިލާފައެވެ. މޫސުން ގޯސްވެ, ބޯކޮށް ވާރޭވެހުމާ ގުޅިގެން ދެއްލީގެ ބޮޑު ސަރަޙައްދެއްގައި ވަނީ ފެންބޮޑުވެފައެވެ. އަދި, ގިނަ ޚިދުމަތްތަކަށް ވަނީ ބުރޫ އަރާފައެވެ.
ވެއްޓިފައި ވަނީ ވައިގެ ބަނދަރުގެ ޓަރިމިނަލް އެކެއްގެ ފުރާޅުން ބަޔެކެވެ. އަދި, ޓަރމިނަލްގެ ފުރާޅު ހައްޔަރު ކުރަން އަޅާފައިވާ ތަނބުތަކާއި ބީމުތަކެއް ވެއްޓި އެ ސަރަޙައްދުގައި އޮތް ހަތަރު އެއްގަމު އުޅަނދަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބި, ޓަރމިނަލުން ޚިދުމަތް ދިނުން މެދުކަނޑައިލަން ޖެހުނެވެ. މި ހާދިސާގައި އަނިޔާވި އަށް މީހަކަށް ހަސްފަތާލުގައި އެޑްމިޓު ކޮށްގެން ފަރުވާ ދޭން ޖެހުނެވެ.
މި ހާދިސާއާ ގުޅިގެން ވައިގެ ބަނދަރުން ފުރަން އޮތް 26 ފްލައިޓެއް ކެންސަލް ކުރަން ޖެހުނެވެ. އަދި, 180އަށްވުރެ ގިނަ ވައިގެ އުދުހުން ފަސް ކުރަން ޖެހުނެވެ. މި ހާދިސާއާ ގުޅިގެން ވައިގެ ދަތުރުފަތުރު ހުއްޓައިލަން ޖެހުނު އެއަރލައިންތަކުގެ ތެރޭގައި ސްޕައިސް ޖެޓާއި އިންޑިގޯ ހިމެނެއެވެ. މި ހާދިސާ ހިނގާފައި ވަނީ އަހަރަކު 40 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށް ފަރުވާ ކޮށްފައިވާ ވައިގެ ބަނދަރެއްގައެވެ.
ފުރާޅު ވެއްޓުނު ހާދިސާ ހިނގާފައި ވަނީ އެންމެ ފަހުން މަރާމާތުކޮށް, ބޮޑު ކޮށްފައިވާ ޓަރމިނަލް ޢިމާރާތުގައެވެ. ދާދި ފަހުން ގެނައި ބަދަލުތަކެއްގައި އެ ޓަރމިނަލް ވަނީ ތިން ގުނައަށް ބޮޑު ކޮށްފައެވެ. މި ހާދިސާއާ ގުޅިގެން އެ ޓަރމިނަލަށް ދަތުރު ކުރާ އެއަރލައިންތަކުގެ ދަތުރުތައް އެ ސަރަޙައްދުގައި އޮތް އެހެން ވައިގެ ބަނދަރުތަކަށް ޑައިވަރޓު ކުރަން ޖެހުނު ކަމުގައި އިންޑިޔާގެ ވައިގެ ދަތުރުފަތުރާ ބެހޭ ވަޒީރު ކިންޖިރާޕޫ ރާމޯހަން ވިދާޅުވިއެވެ. އަދި, މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަޙުޤީޤު ކުރުމަށް ވެސް އޭނާގެ މިނިސްޓްރީން ވަނީ އަންގާފައެވެ.
އިންޑިޔާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ, ވައިގެ ބަނދަރު ހުންނަ ސަރަޙައްދަށް އެންމެ ތިން ވަރަކަށް ގަޑިއިރުގެ ތެރޭގައި 148.5 މިލިމީޓަރުގެ ވާރޭ ވެހުނު ކަމުގައެވެ. އެއީ, މުޅި ޖޫން މަހު ވާރޭވެހޭ އެވުރެޖަށްވުރެ މަތީ ޢަދަދެކެވެ. ދެއްލީގެ މޫސުމާ ބެހޭ އިދާރާއިން ބުނީ 24 ގަޑިއިރުގެ ތެރޭގައި އެ ރަށަށް 228.1 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމުގައެވެ. އެއީ, 88 އަހަރަށް ފަހު ޖޫން މަހެއްގެ އެންމެ ދުވަހެއްގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ދުވަހެވެ.
ދެއްލީއަށް ބޯކޮށް ވާރޭވެހިފައި މި ވަނީ އާދަޔާ ޚިލާފަށް ފިނިޙޫނުމިން އުފުލިފައިވާ ދުވަސްތަކަކަށް ފަހުއެވެ. މޫސުން ދިރާސާ ކުރާ މާހިރުން ބުނީ, މިއީ އިންސާނުންގެ ނޭދެވޭ އަމަލުތަކުގެ ސަބަބުން މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅުން އޮތް ކަމެއް ކަމުގައެވެ.
މޫސުން ގޯސްވުމާ ގުޅިގެން ދެއްލީގެ ހުޅަނގުދެކުނުގައި ބިނާ ކުރަމުން ދިޔަ ޢިމާރާތެއްގެ ފާރެއް ވެސް ވެއްޓުނެވެ. އެ ހާދިސާގައި, އެ ތަނުގައި މަސައްކަތް ކުރަމުން ދިޔަ ތިން މީހަކު ވަޅުލެވުނެވެ. 12 ފޫޓު އަޑީގައި ވަޅުލެވުނު ތިން ލޭބަރުން ސަލާމަތް ކޮށްފައިވާ ކަމުގައި ދެއްލީގެ އަލިފާން ނިއްވާ އިދާރާއިން ބުންޏެވެ.
މަގުތަކާއި ޓަނަލްތަކުގައި ފެންބޮޑުވުމާ ގުޅިގެން ގިނަ ޢަދަދެއްގެ އެއްގަމު އުޅަނދުފަހަރަށް ވެސް ވަނީ ގެއްލުން ލިބިފައެވެ. އަދި, މެޓްރޯ ރޭލުގެ ޚިދުމަތްތަކަށް ވަނީ ބުރޫ އަރާފައެވެ. އަދި, ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑައިލަން ޖެހުނު ކަމުގައި ދެއްލީގެ އިދާރާތަކުން ބުންޏެވެ.
އިންޑިޔާއަކީ ދުނިޔޭގައި އެންމެ ހަލުވިކަމާ އެކު ކުރިއަރަމުންދާ ވައިގެ އުދުހުންތަކުގެ މާރުކޭޓެވެ. 2023ވަނަ އަހަރު އިންޑިޔާގެ އެތެރޭގެ ވައިގެ އުދުހުންތަކުގެ ސިނާޢަތުން 152 މިލިޔަން ފަސިންޖަރުން ޚިދުމަތް ހޯދިއެވެ. ހުސްވި މޭ މަހު އެކަނިވެސް އެ ޤައުމުގެ ޑޮމެސްޓިކް އެއަރލައިންތަކުން 13.8 މިލިޔަން ފަސިންޖަރުން އުފުލާފައިވެއެވެ.