ޚަބަރު

ނޭޕާލްގައި ބިންގަނޑު ކެނޑި ނުވަ މީހުން މަރުވެއްޖެ


ނޭޕާލްގެ ބައެއް ސަރަޙައްދުތަކަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައާ ގުޅިގެން ހިނގި ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ހާދިސާތަކެއްގައި ނުވަ މީހުން މަރުވެއްޖެއެވެ. މި ހާދިސާތަކުގައި މަރުވި މީހުންގެ ތެރޭގައި ތިން ކުޑަކުދިން ހިމެނެއެވެ. ބިންގަނޑު ކެނޑި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ ގުލްމީ ޑިސްޓްރިކްޓުގެ އަވަށެއް ކަމުގައިވާ މަލިކާއަށެވެ. އެއީ, ވެރިރަށް ކަތްމަންޑޫއާ 250 ކިލޯމީޓަރު ހުޅަނގުން އޮންނަ ސަރަޙައްދެކެވެ.

ގުލްމީގައި ބިންގަނޑު ކެނޑި, ކިސަޑު ފޭބުމާ ގުޅިގެން ފަސް މީހުންގެ ޢާއިލާއެއް ދިރިއުޅޭ ގެއެއް ވަނީ ވަޅުލެވިފައެވެ. ނޭޕާލްގެ ކާރިސާތަކާ ބެހޭ އިދާރާގެ ތަރުޖަމާނު ދީޒާން ބަރްޓަރާއީ ވިދާޅުވީ, އެ ޢިމާރާތުގެ ދަށުގައި ވަޅުލެވުނު ފަސް މީހުންގެ ހަށިގަނޑު ފެނިފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިން ހިމެނެއެވެ.

ބިންގަނޑު ކެނޑުމުގެ އިތުރު ހާދިސާތައް ހިނގާފައި ވަނީ ގުލްމީއާ އިންވެގެން އޮންނަ ސިޔަންޒާއާއި ބާގްލުންގ ޑިސްޓްރިކްޓުގައެވެ. ބަރްޓަރާއީ ވިދާޅުވީ ސިޔަންޒާގައި ޢިމާރާތެއް ވެއްޓި އަންހެނަކާއި ތިން އަހަރުގެ ކުޑަ އަންހެން ކުއްޖަކު މަރުވި ކަމުގައެވެ. އަދި, ބާގްލުންގގައި ވެސް އިތުރު ދެ މީހުން މަރުވި ކަމުގައެވެ.

ޖޫން މަހުގެ މެދެއްހާ ހިސާބުން ފެށިގެން ނޭޕާލްގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވެ, ބޯކޮށް ވާރޭވެހެމުންދާއިރު, ގިނަ ސަރަޙައްދުތަކެއްގެ ބިންގަނޑު ކެނޑި, ކިސަޑު ފޭބުމުގެ ހާދިސާތައް ހިނގާފައިވެއެވެ. މި ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު ވަނީ 35އަށް އުފުލިފައެވެ.
އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ, ސެޕްޓެންބަރު މަސް ނިމެންދެން އެ ޤައުމުގެ ބޮޑު ސަރަޙައްދަކަށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމުގައެވެ. ބޯކޮށް ވާރޭވެހުމާ ގުޅިގެން ކޮންމެ އަހަރަކު ވެސް ފަރުބަދަމަތީ ޤައުމެއް ކަމުގައިވާ ނޭޕާލުން އެތަކެއް ސަތޭކަ ބަޔެއްގެ ފުރާނަ ގެއްލެއެވެ.