ޚަބަރު

ޙަމާސުން ވަރުގަދަ ޙަމަލާތަކެއްދީ ޔަހޫދީ ފައުޖުގެ ހަތަރު މީހުން މަރައިލައިފި


ފަލަސްޠީނުގެ ޣައްޒާ ސިޓީއަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިންގެ ބައިގަނޑަކަށް ޙަމާސް ޖަމާޢަތުގެ މުޖާހިދުން ވަރުގަދަ ޙަމަލާތަކެއްދީ އޭގެ ތެރެއިން ހަތަރު މީހުން މަރައިލައިފިއެވެ. ޣައްޒާގެ އުތުރުން އޮންނަ ޣައްޒާ ސިޓީއަށް އަރައިގަނެފައިވާ ޔަހޫދީ ސިފައިންގެ ބައިގަނޑެއް މަރައިލާފައި ވަނީ އެ ރަށުގެ ޝަޖާޢިއްޔަތުގައެވެ. ޙަމާސްގެ ޙަމަލާތަކުގައި ޔަހޫދީ ސިފައިންގެ އިތުރުން ފަސް މީހުން ޒަޚަމު ކޮށްލިއެވެ.

2023ވަނަ އަހަރުގެ އޮކްޓޫބަރުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޢުދުވާނެއް ހިންގަމުންނެވެ. ޣައްޒާ ސިޓީއަށް އަސްކަރީ ޓޭންކުފަހަރާއި ބަރުހަތިޔާރާ އެކު ޔަހޫދީ ފައުޖުގެ ސިފައިން އަރައިގަނެފައި ވަނީ މި ޢުދުވާނުގެ ދަށުންނެވެ. މިއީ, ޔަހޫދީ ފައުޖުން އެއްގަމު މަގުން އެ ރަށަށް އެރި ދެވަނަ ފަހަރެވެ.

ޣައްޒާ ސިޓީއަށް އަރައިގަތުމަށް ފަހު ޔަހޫދީ ފައުޖުން ދަނީ އެ ރަށުގެ ޢާންމުން ދިރިއުޅޭ ގެދޮރާއި ރެފިއުޖީން ދިރިއުޅޭ ސަރަޙައްދުތަކަށް ރަޙުމު ކުޑަ ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ. އަދި, ހަސްފަތާލުތަކާއި, ޞިއްޙީ މަރުކަޒުތަކާއި, ވަގުތީ ހިޔާތަކުގެ އިތުރުން މިސްކިތްތަކަށް ބޮން އަޅަމުންނެވެ. އެ މީހުންނާ ކުރިމަތިލައި, ޙަމާސްގެ މުޖާހިދުން ދަނީ ޔަހޫދީންނާ ދެކޮޅަށް ޖިހާދު ކުރަމުންނެވެ. ޔަހޫދީންގެ ޢުދުވާނަށް ކެތް ނުކުރެވިގެން އެ ރަށުގެ އެތަކެއް ހާސް ބަޔަކު ވަނީ އެހެން ސަރަޙައްދުތަކަށް ދަތުރު ކޮށްފައެވެ.

ޙަމާސްގެ ހަތިޔާރު އެޅި ގޮފި, އަލް-ޤައްސާމް ބްރިގޭޑްސުން ބުނީ މަރައިލާފައިވާ ޔަހޫދީ ފައުޖުގެ ހަތަރު މީހުންނަކީ ޝަޖާޢިއްޔަތުގެ ޢާންމުން ދިރިއުޅޭ ގެތަަކަށް ވަދެ, ގަތުލުއާންމު ހިންގަމުން ދިޔަ ބައިގަނޑެއް ކަމުގައެވެ. އެ މީހުން މަރައިލައި, އިތުރު ހަތަރު މީހުން ޒަޚަމު ކޮށްލާފައި ވަނީ, ގޮވާތަކެތި ބޭނުން ކޮށްގެންނެވެ. އެ ރަށަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިންނަށް އަމާޒުކޮށް އެންޓި-ޓޭންކް ރޮކެޓު ބޭނުން ކޮށްގެން ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަމުންދާ ކަމުގައި ވެސް އަލް-ޤައްސާމް ބްރިގޭޑްސުން ބުންޏެވެ.

މިއާ އެކު, ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާންތަކާއި ގަތުލުއާންމު ހިންގަމުން ދަނިކޮށް މަރައިލާފައިވާ ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިންގެ ޢަދަދު ވަނީ 668އަށް އުފުލިފައެވެ. އޭގެ ތެރެއިން 300އަށްވުރެ ގިނަ ސިފައިން މަރައިލާފައި ވަނީ ޣައްޒާއަށް އެއްގަމު މަގުން އަރައި ހިންގަމުންދާ ޢުދުވާންތައް ހުއްޓުވުމަށް ޙަމާސުން ދީފައިވާ ވަރުގަދަ ޙަމަލާތަކުގައެވެ. ޙަމާސުން ޙަމަލާދީ ޒަޚަމު ކޮށްލާފައިވާ ޔަހޫދީ ސިފައިންގެ ޢަދަދު 3,953އަށް އަރައެވެ.

ހުސްވި އަހަރު ފެށި ޢުދުވާނުގެ ކުރީކޮޅު ވެސް ޔަހޫދީ ފައުޖުން ވަނީ އެއްގަމު މަގުން ޣައްޒާ ސިޓީއަށް އަރައި, ގިނަ ޢަދަދެއްގެ ޢިމާރާތް ސުންނާފަތި ކޮށްލާފައެވެ. ޔަހޫދީންގެ އަނިޔާވެރި ސިފައިން އެ ރަށުން ފައިބާފައި ވަނީ ޖަނަވަރީ މަހުއެވެ. އދގެ ތަރުޖަމާނު ސްޓެފާން ޑުޖަރީކް ވިދާޅުވީ, ޖޫން 27ގައި އެ ރަށަށް އަލުން އަރައި ފަށާފައިވާ ޢުދުވާންތަކާ ގުޅިގެން އެ ރަަށުގެ 60,000އަށްވުރެ ގިނަ ރައްޔިތުން އަމިއްލަ ވަޒަން ދޫކޮށް ހިޖުރަ ކުރަން މަޖުބޫރު ކޮށްފައިވާ ކަމުގައެވެ.

ޣައްޒާ ސިޓީގެ އިތުރުން ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙުގައި ދިރިއުޅޭ މުސްލިމުންނަށް އަމާޒުކޮށް ވެސް ޔަހޫދީ ފައުޖުން ދަނީ ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ, ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ރަފަޙަށް ދީފައިވާ ޙަމަލާތަކުގައި 11 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި, ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ޒަޚަމު ކޮށްލާފައެވެ.

މި ޙަމަލާތަކާ ގުޅިގެން ރަފަޙުގައި ދިރިއުޅޭ ރެފިއުޖީން ދަނީ އެ ރަށް ދޫކޮށް, އެ ރަށާ އިންވެގެން އޮތް ޚާން ޔޫނިސަށް ހިޖުރަ ކުރަން މަސައްކަތް ކުރަމުންނެވެ. "ރަފަޙުގެ ހާލަތު ވަރަށް ބިރުވެރި އަދި ނުރައްކާތެރި. ގިނަ ޢާއިލާތަކަކުން ދަނީ ޚާން ޔޫނިސަށް ހިޖުރަ ކުރަން މަސައްކަތް ކުރަމުން. އަލް-މަވާސީގައި ވެސް ޔަހޫދީ ފައުޖުގެ ކިބައިން ރައްކާތެރި ކަމެއް ނެތް،" ރަފަޙުގެ ރައްޔިތަކު ބުންޏެވެ.

އަލް-މަވާސީއަކީ, ރައްކާތެރި ސަރަޙައްދެއްގެ ގޮތުގައި ޔަހޫދީ ފައުޖުން އިޢުލާނު ކޮށްފައިވާ ސަރަޙައްދެކެވެ. ނަމަވެސް, އދގެ ޑުޖަރީކް ވިދާޅުވީ, ޔަހޫދީ ފައުޖުގެ ރަޙުމު ކުޑަ ޙަމަލާތަކާ ގުޅިގެން އަލް-މަވާސީގެ ފޭލިގެ ކޭމްޕުތަކުގައި ދިރިއުޅެމުން ދިޔަ 5,000އަށްވުރެ ގިނަ މީހުން އެހެން ސަރަޙައްދުތަކަށް ދަތުރު ކޮށްފައިވާ ކަމުގައެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ޔަހޫދީ ފައުޖުގެ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އަށް މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 37,834އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 86,858އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.