ބޮޑު ޚަރަދެއްކޮށްގެން ރަސްމީ ފާލަން މަރާމާތުކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރަކާއި ހަވާލުކުރީ ނިމިދިޔަ ސަރުކާރުގައިކަމަށް އިމާރާތްކުރުމާ ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
އިމާރާތްކުރުމާ ބިނާރާބެހޭ ވަޒީރު މިހެން ވިދާޅުވެފައި މިވަނީ ދަޢުލަތުގެ ޚަރަދު ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައި، ބޮޑު ޚަރަދެއްކޮށްގެން ރަސްމީ ފާލަން މަރާމާތުކުރުމުގެ މަސައްކަތް ސަރުކާރުން ކުރާތީ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކާއި ގުޅިގެނެވެ.
އިމާރާތްކުރުމާ ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ ރަސްމީ ފާލަން މަރާމަތުކުރަން އެމްޓީސީސީއާއެކު އެއްބަސްވުން ހަދާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 14 ވަނަ ދުވަހުކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުން އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 5 އަހަރެއްހާ ދުވަސް ވަންދެން ފާލަން މަރާތުނުކޮށް ބޭއްވުމަށްފަހުކަމަށެވެ. އެކަމުގެ ސަބަބުން ފާލަން ވަރަށް ބޮޑަށް ހަލާކުވެ، މަރާމާރުކުރަން މަޖުބޫރުވެފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރަސްމީ ފާލަން މަރާމާތުނުކޮށް އެތައް އަހަރެއްވުމުގެ ސަބަބުން ފާލަމުގެ މަތީބައި ހަލާކުވެ ނުރައްކާތެރި ހާލަތަކަށް ދިއުމާ ގުޅިގެން ފާލަމުގެ މަތީ ބައި އަލުން ހެދުމަށް ނިންމައި އެމްޓީސީސީ އާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ *14 އޮގަސްޓް 2023* ގައެވެ. ރަސްމީ ފާލަމަކީ ވަރަށް ގިނަ… pic.twitter.com/fFfyHd4XdL
— Abdulla Muththalib (@muththo) June 29, 2024
ވަޒީރު ވިދާޅުވީ ރަސްމީ ފާލަމަކީ ވަރަށް ގިނަ ޓޫރިސްޓް ރިސޯޓްތަކުން ފީ ދައްކައިގެން ދަޢުލަތަށް އާމްދަނީ ލިބޭގޮތަށް ބޭނުންކުރާ ފާލަމަކަށްވުމާއެކު ފާލަން ރަނގަޅު ފެންވަރަކަށް ހެދުމަކީ މިވަގުތު މުހިންމު ކަމެއްކަމަށެވެ.
ފާލަމުގެ މަތީ ބައިގައި ޖަހާފައިވާ ދަގަނޑު ހޮޅިތަކުގައި ވަރަށް ބޮޑަށް ދަބަރު ޖަހާ ކުނޑިކުނޑިވެ، ހޮޅިތައް ހަލާކުވެފައިވާއިރު އާއްމުންގެ ރައްކާތެރިކަމަށް ބަލާއިރުވެސް ފާލަމަށް ބަދަލުތައް ގެންނައުން މުހިންމުކަމަށެވެ.
ރަސްމީ ފާލަމުގެ ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ހުޅުވީ 2015 ވަނަ އަހަރު ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުނު މުނާސަބާއާ ދިމާކޮށެވެ.
ރަސްމީ ފާލަން އަލުން ހަދަން އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، މިފަހަރު ފަރުމާއަށް ގެންނަ ބަދަލުތަކުގައި ދައްކުވައިދޭނީ ދިވެހީންގެ ޤައުމިއްޔަތާއި ސަޤާފަތް ރަމްޒުކޮށްދޭ ފަރުމާއެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މި ފާލަން ވެގެންދާނީ ގިނަ ދުވަހަށް ބޭނުންކުރެވޭ ފެންވަރަށް ތަރައްޤީކުރާ ފާލަމަކަށްކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.
އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 11.7 މިލިއަން ރުފިޔާއަށް، 270 ދުވަހުން ނިންމާގޮތަށެވެ.