ޚަބަރު

ޔޫރަޕްގެ އެންމެ ބޮޑު މިސައިލް އައްޑަނައިގެ ނިޒާމް ޕޮލެންޑުގައި !


ވިލާތު ބައްރުގައި ނޭޓޯއިން ބިނާކުރާ މިސައިލް އައްޑަނައިގެ އެންމެ ބޮޑު ނިޒާމް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ޕޮލެންޑުގައި ފަށައިފިއެވެ. މިނިޒާމު ބިނާކުރުން ފެއްޓުމުގެ ގޮތުން ޕޮލެންޑްގެ އުތުރުގެ ވިލެޖެއް ކަމަށްވާ ރެޑްޒިކޯވޯގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލެންޑްގެ ރައީސް އެންޑްރޭ ޑޫޑާ އާއި ނޭޓޯގެ ބައެއް އިސް މަސްއޫލުވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. 

ޕޮލެންޑްގެ އުތުރުގައި ނޭޓޯއިން ބިނާކުރާ ބެލަސްޓިކް މިސައިލާ އިދިކޮޅު ނިޒާމަކީ ރަޝިޔާގެ ހުޅަނގުގެ ސަރަހައްދެއްކަމަށް ކެލިންގްރާޑާއި ގާތްގަނޑަކަށް 250 ކިލޯމީޓަރުގެ ދުރުމިނުގައި ބިނާކުރާ ނިޒާމެކެވެ. އެހެންކަމުން މިއީ ސީދާ ރަޝިޔާއަށް އަމާޒުކޮށްގެން ބިނާކުރާ މިސައިލް އައްޑަނައިގެ ނިޒާމެއްކަމަށް ވަނީ ބެލެވިފައެވެ. 2018 ވަނަ އަހަރު ބިނާކޮށް ނިންމުމަށް ކަނޑައަޅާފައިވާ މިނިޒާމުގެ ބޭނުމަކީ ރަޝިޔާގައިވާ ސްޓްރެޓީޖިކް ނިއުކްލިޔަރ ބެލަސްޓިކް މިސައިލްތަކަށް ހުރަސްއެޅުންކަމަށް ރަޝިޔާއިން ދެކެއެވެ. 

މިނިޒާމު ޕޮލެންޑްގައި ބިނާކުރަން ފެށުމާއެކު އެމެރިކާއާއި ނޭޓޯގެ އަސްކަރީ ތަމްރީންތައްވެސް ފުޅާދާއިރާއެއްގައި ރަޝިޔާގެ ސަރަހައްދީ ރޮނގާ ކައިރީގައިވާ އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި ފެށިގެންދާނެއެވެ. ޕޮލެންޑްގައި މިސައިލް އައްޑަނައިގެ ނިޒާމު ބިނާކުރަން ފެށުމުގެ ކުރިން އެމެރިކާއިން ރުމޭނިޔާގައި މިސައިލް އައްޑަނައިގެ ބައިތަކެއް ރުކުރުވާލުމުންވެސް ރަޝިޔާ ވަނީ ވަރަށް ރުޅިވެރިކަމާއެކު އެކަމާ ދެކޮޅަށް އަޑުއުފުލާފައެވެ. 

img:http://s3.psmnews.mv/images/660x400/7714.jpg|ރަޝިޔާގެ ރައީސް ވްލަޑަމިޔަރ ޕުޓިން - ފޮޓޯ: ޒިންގހުއާ ނިއުސް

ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިން ވިދާޅުވީ ރުމޭނިޔާގައި އެމެރިކާ ރުކުރުވާލި މިސައިލް އައްޑަނައިގެ ނިޒާމާ ދެކޮޅަށް ރަޝިޔާ ތެދުވާނެކަމަށާ ރަޝިޔާގެ އަމްނާއި ސަލާމަތަށް ނުރައްކާކުރާ ނިޒާމެއް އެގައުމުގެ ބަނޑުދަށުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ނުދޭނެކަމަށެވެ. ރުމޭނިޔާގައި އެމެރިކާ ގާއިމްކުރި މިސައިލް އައްޑަނައިގެ ނިޒާމާމެދު ރަޝިޔާ ރުޅިވެރިކަން މިހާބޮޑަށް ފާޅުކުރަމުން ދަނިކޮށް އަނެއްކާ ނޭޓޯއިން ޕޮލެންޑްގައި މިއަށްވުރެ ވަރުގަދަ މިސައިލް އައްޑަނައިގެ ނިޒާމެއް ބިނާކުރުމުގެ މަސައްކަތް ފެށުމަކީ ރަޝިޔާގެ ރުޅިވެރިކަން އިތުރުވެ އެގައުމުގެ ކެތްތެރިކަން ކޮޅުންލައިގެންދާނެ ކަމެއްކަމަށް މުރާސިލުން ބުނެއެވެ. 

އެމެރިކާއިން ބުނަނީ ޕޮލެންޑްގައި ރުކުރުވާލާފައިވާ މިސައިލް އައްޑަނައިގެ ނިޒާމާއި ރުމޭނިޔާގައި ބިނާކުރާ މިސައިލް އައްޑަނައިގެ ނިޒާމަކީ ރަޝިޔާގެ ބެލަސްޓިކް މިސައިލްތައް މަތަކުރުމުގެ ބޭނުމުގައި ބިނާކުރާ ނިޒާމް ތަކެއް ނޫންކަމަށެވެ. އެމެރިކާގެ ދިފާއީ ވަޒީރުގެ ނައިބު ރޮބަޓް ވޯކް ވިދާޅުވީ އެނިޒާމްތަކުގެ ބޭނުމަކީ ވިލާތުގެ ބޭރުން ޚާއްސަކޮށް މެދުއިރުމަތިން އަތުވެދާނެ ބެލަސްޓިކް މިސައިލް ޙަމަލާއަކުން އެމެރިކާއާއި ނޭޓޯގައި ހިމެނޭ އެމެރިކާގެ ބައިވެރިން ދިފާއުކުރުން ކަމަށެވެ. 

img:http://s4.psmnews.mv/images/660x400/14633167901639.jpg|އެމެރިކާގެ ދިފާއީ ވަޒީރުގެ ނައިބު ރޮބަޓް ވޯކް /

"އަހަރެމެންވަނީ ރަޝިޔާއިން އެމެރިކާއަށް ނޫނީ ނޭޓޯގެ ބައިވެރިންނަށް އަމާޒުކޮށް ފޮނުވާލަފާނެ ކަމަށް ބެލެވޭ ބެލަސްޓިކް މިސައިލްތަކާ ވަރަށް ގާތުގައި ނޫނީ ވަރަށް ދުރުގައި، އެހެންކަމުން ބެލަސްޓިކް މިސައިލާ އިދިކޮޅު ނިޒާމުތައް ފަރުމާކޮށްފައި މިވަނީ ޔޫރޯ އެޓްލާންޓިކް ސަރަހައްދުގެ ބޭރުން މިސާލަކަށް މެދުއިރުމަތި ފަދަ ސަރަހައްދަކުން އަތުވެދާނެ މިސައިލް ހަމަލާތަކެއް މަތަކުރުމުގެ ބޭނުމުގައި." އެމެރިކާގެ ދިފާއީ ވަޒީރުގެ ނައިބު ރޮބަޓް ވޯކް ވިދާޅުވިއެވެ. 

އެމެރިކާއާއި ނޭޓޯއިން ރުމޭނިޔާއާއި ޕޮލެންޑްގައި މިސައިލް އައްޑަނައިގެ ނިޒާމުތައް ބިނާކުރަމުން ގެންދާއިރު އެމެރިކާ އާއި ނޭޓޯ ގެންދަނީ ރަޝިޔާއާގެ ސަރައްދީ ރޮނގުގެ ކައިރީގައިވާ ނޭޓޯގެ ގައުމުތަކަށް ގިނަ އަދަދަކަށް ބަރު ހަތިޔާރުތައްވެސް ޖަމާކުރަމުންނެވެ. މިކަންކަމަކީ ރަޝިޔާ ވަށާލުމަށް އެމެރިކާއާއި ނޭޓޯ ރާވައިގެ ކުރިޔަށް ގެންދާ ހަރަކާތްތަކެއް ކަމަށާ މިއީ އެމެރިކާއާއި ރަޝިޔާއާ ދެމެދު ސޮއިކޮށްފައިވާ ދިފާއީ އެއްބަސްވުންތަކާ މުޅިން ޚިލާފު އަމަލު ތަކެއް ކަމަށް ރަޝިޔާ ބުނެއެވެ.