އެމެރިކާގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ރިޔާސީ ބަހުސްގައި ދެއްކެވި ހުށަހެޅުމަށް ކުރިމަތިވި ފާޑުކިޔުންތަކަށް އެއްވެސް ފަރުވާލެއް ނެތް ކަމަށް ވިދާޅުވެ, ނޮވެންބަރަށް ތާވަލު ކޮށްފައިވާ އިންތިޚާބުގައި އިދިކޮޅު ކެނޑިޑޭޓު އަދި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަލި ކުރައްވާނެ ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.
އުތުރު ކެރޮލައިނާގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ބައިޑަން މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ, ބަހުސްގައި އޭނާ ފެނިގެން ގޮސްފައި ވަނީ ވަރަށް "ލޮނުމަޑު," އަދި އެއްވެސް "ފޯރިއެއް ނެތް," "ނެގިމަޑުވެފައި" ހުރި ކެނޑިޑޭޓެއްގެ ގޮތުގައި ކަމަށް ބުނެ ކުރިމަތިވި ފާޑު ކިޔުންތަކަށް ރައްދު ދެއްވަމުންނެވެ. ބަހުސްގައި ފެނިގެން ދިޔަ ގޮތާ ޚިލާފަށް އުތުރު ކެރޮލައިނާގައި ބޭއްވި ކެމްޕޭން ޖަލްސާގައި ބައިޑަން ފެނިގެން ދިޔައީ ވަރަށް ޖޯޝާއި, ހިތްވަރާއި ފޯރިއާ އެކުގައެވެ.
ސީއެންއެނުން އިންތިޒާމު ކޮށްގެން ބޭއްވި ބަހުސްގައި ބައިޑަން ދެއްކެވި ހުށަހެޅުމާއި ދެއްވި ޖަވާބުތަކަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ. އަދި, އުމުރުފުޅުން އޭނާ ދޮށިކަމާއި, އުމުރުން ދުވަސްވުމުގެ ސަބަބުން އޭނާގެ ވިސްނުމުގެ ބާރު ދެރަވެ, "ލޯބޯކޮށިވެފައިވާ" ކަމަށް ބުނާ އަޑުތައް ގަދަވެގެން ދިޔައެވެ. އަދި, ރިޔާސީ ރޭހުން ވަކިވެވަޑައިގަންނަވައި, އެހެން ކެނޑިޑޭޓަކަށް ފުރުޞަތު ދެއްވުމަށް ގޮވައިލާ އަޑުތައް ވެސް އިތުރުވެގެން ދިޔައެވެ.
އުތުރު ކޮރެލައިނާގައި ވާހަކަފުޅު ދައްކަވަމުން ބައިޑަން ވަނީ ރިޔާސީ ރޭހުން ވަކިވެވަޑައިގަންނަވައި އިންތިޚާބުގައި ޓްރަމްޕާ ދެކޮޅަށް ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީން އޭނާއަށް ވުރެ ހަގު ކެނޑިޑޭޓަކު ނެރުމަށް ގޮވައިލަމުންދާ ގޮވައިލުންތައް އެއް ފަރާތް ކުރައްވާފައެވެ. "އަޅުގަނޑު މި އިންތިޚާބު ކާމިޔާބު ކުރާނަން. [ކަމަކާ ކުރިމަތިވެ] ވެއްޓިއްޖެ ނަމަ, އެއަށްވުރެ ބާރަށް ތެދުވަން ޖެހޭނެ،" ބައިޑަން ވިދާޅުވިއެވެ. އޭނާގެ ވާހަކަފުޅުތަކަށް ކެމްޕޭން ޖަލްސާގައި ބައިވެރިވި ގިނަ މީހުން ތާޢީދު ކުރިއެވެ. އަދި, ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އޭނާގެ ފަހަތުގައި ތިބޭނެ ހަން ހާމަކޮށްދެމުން ދިޔަ މަންޒަރު ފެނިގެން ދިޔައެވެ.
ނަމަވެސް, ސިޔާސީ މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ބަހުސްގައި ފެނިގެން ދިޔައީ ވަރަށް ބަލިކަށި, އަދި ނެގިމަޑުވެފައި ހުންނެވި ބައިޑަނެކެވެ. ބައެއް ސުވާލުތަކަށް އޭނާ ދެއްވާފައިވާ ޖަވާބުތައް ސާފެއް ނޫނެވެ. ވިދާޅުވަން ބޭނުންފުޅުވި ގިނަ ވާހަކަތަކެއް ވިދާޅުނުވެވުނު މަންޒަރު ފެނިގެން ދިޔަ ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.
އާދައިގެ މަތިން ޓްރަމްޕްގެ ފުށުން ފެނިގެން ދިޔައީ ޙަޤީޤަތް އޮޅުވައިލައްވަން މަސައްކަތް ކުރެއްވި މަންޒަރެވެ. އަދި, ބައިޑަނާއި ޑިމޮކްރެޓްސް ރުޅިއަރުވައިލަން މަސައްކަތް ކުރެއްވި މަންޒަރެވެ. ނަމަވެސް, ބައިޑަންގެ "މަޑުމޮޅި" އަދި "ލޮނުމަޑު" ޖަވާބުތަކާ ގުޅިގެން ޓްރަމްޕްގެ މަސައްކަތްތަކަށް ހިޔަނި އެޅިގެން ދިޔަ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.
ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު, ޓްރަމްޕް ވަނީ ބައިޑަންގެ ޑިމޮކްރެޓިކް ޕާޓީއަކީ ވަރަށް ނުބައިނުލަފާ ޕާޓީއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަދި, ޑިމޮކްރެޓިކް ޕާޓީގެ އަތްދަށުން ޤައުމު ސަލާމަތް ކުރަން ޖެހިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި, ވަރަށް ލާނެތް ބަސްތައް ބޭނުންފުޅު ކުރައްވައި, އޭނާ ވަނީ ވަރަށް ހަޑިހުތުރު ކޮށް ބައިޑަނާ މުޚާތަބު ކުރައްވާފައެވެ.
"ބައިޑަންގެ މައްސަލައަކީ އޭނާގެ އުމުރެއް ނޫން. މައްސަލައަކީ އެއްވެސް ހިންގުންތެރިކަމެއް ނެތުން،" ޓްރަމްޕް ވިދާޅުވިއެވެ.
ބަހުސް ބޭއްވުމުގެ ކުރިން ވެސް ގިނަ ޢަދަދެއްގެ ވޯޓުލާ މީހުން ވަނީ ބައިޑަންގެ އުމުރުފުޅު ދޮށިވެފައިވާ ކަން ފާހަގަ ކޮށްފައެވެ. އަދި, ބަހުސްގައި ފެނިގެން ދިޔަ މަންޒަރުތަކުން މި އަޑުތައް އިތުރަށް ގަދަވިއެވެ. ބަހުސަށް ފަހު އެމެރިކާގެ މީޑިޔާތަކުން ވެސް ވަނީ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ އޮފިޝަލުން ވަރަށް ބޮޑަށް ހާސްވެފައިވާ ކަމަށް ސިފަ ކުރަން މަސައްކަތް ކޮށްފައެވެ.
ނަމަވެސް, ބައިޑަންގެ ކެމްޕޭނުގެ ތަރުޖަމާނު މައިކަލް ޓައިލަރ މި ތުހުމަތުތައް ދޮގު ކުރެއްވިއެވެ. އޭނާ ވިދާޅުވީ, ބައިޑަންގެ ބަދަލުގައި އުމުރުން ހަގު, އަދި އިތުރަށް ވާދަވެރި ކެނޑިޑޭޓެއް ނެރުމާ މެދު ޑިމޮކްރެޓިކް ޕާޓީގެ އެތެރޭގައި އެއްވެސް ވަރަކަށް މަޝްވަރާ ކުރެވެމުން ނުދާ ކަމުގައެވެ. "ނުރަނގަޅުކޮށް ދިޔަ އެންމެ ރެއަކާ ގުޅިގެން ކެނޑިޑޭޓު ބަދަލު ކުރުމުގެ ވިސްނުމެއް ނެތް،" ޓައިލަރ ވިދާޅުވިއެވެ.
މީގެ އިތުރުން އުމުރުން 81 އަހަރުގެ ބައިޑަން ވެސް ވަނީ އުތުރު ކޮރެލައިނާގައި ބޭއްވި ކެމްޕޭން ޖަލްސާގައި އޭނާގެ އުމުރާ މެދު ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. "އަޅުގަނޑަށް އެނގޭ އަޅުގަނޑަކީ މިހާރު ޒުވާނެއް ނޫން ކަން. ނަމަވެސް, [ރައީސް ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތައް] އެންމެ ފުރިހަމައަށް އަދާ ކުރެވޭނެ ކަމަށް އަޅުގަނޑުގެ ހިތާއި ރޫޙަށް ގަބޫލު ނުކުރެވޭ ނަމަ, މި ކަމާ ކުރިމައްޗެއް ނުލީމުސް،" ބައިޑަން ވިދާޅުވިއެވެ.
މީގެ އިތުރުން, 2020ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވައިލާފައިވާ ކަމަށް ދައްކަން ޓްރަމްޕް ހައްދަވާފައިވާ އިތުރުފުޅުތައް ފާހަގަކުރައްވައި ބައިޑަން ވަނީ އޭނާއަށް ބަހުގެ ޙަމަލާތަކެއް ވެސް އަމާޒު ކުރައްވާފައެވެ. "އިންތިޚާބުގައި ވޯޓުލާންވީ ކާކަށް ކަން ވަރަށް ސާފު. ޑޮނަލްޑް ޓްރަމްޕް ޑިމޮކްރެސީ ފުނޑައިލާނެ. އަޅުގަނޑު [ޑިމޮކުރަސީ] ހިމާޔަތްކޮށް ނަގަހައްޓާނަން،" ބައިޑަން ވިދާޅުވިއެވެ.