2023 އޮކްޓޫބަރު 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ބޭނުން ކުރުމަށް އެތަކެއް ހާސް ފަނާކުރަނިވި ބޮމާއި މިސައިލް އެމެރިކާއިން ފޯރުކޮށްދީފައިވާ ކަން ހާމަވެއްޖެއެވެ. މި ކަމުގެ މަޢުލޫމާތު އެނގޭ އެމެރިކާގެ ދެ އޮފިޝަލަކު ބުނީ, އެމެރިކާއިން އިސްރާއީލަށް ފޮނުވާފައިވާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުގެ ތެރޭގައި 2,000 ޕައުންޑުގެ 10,000އަށްވުރެ ގިނަ ބޮމާއި ހެލްފަޔަރ މަރުކާގެ އެތަކެއް ހާސް މިސައިލް ހިމެނޭ ކަމުގައެވެ.
ފަލަސްޠީނުގެ މުސްލިމުންގެ ގެދޮރާއި, ހަސްފަތާލުތަކާއި, މަދަރުސާތަކާއި މިސްކިތްތަކަށް ދެމުންދާ ޙަމަލާތަކުގައި ބޭނުން ކުރުމަށް އެމެރިކާއިން އިސްރާއީލަށް ފޮނުވާފައިވާ ހަތިޔާރުގެ ތެރޭގައި އެމްކޭ-84 މަރުކާގެ 2,000 ޕައުންޑުގެ 14,000 ބޮން ހިމެނެއެވެ. އެއީ, އެންމެ ނުރައްކާތެރި އަދި ފަނާކުރަނިވި ބޮންތަކުގެ ތެރޭގައި ހިމެނޭ ހަތިޔާރެކެވެ. އޭގެ އެންމެ ބޮމެއް ބޭނުން ކޮށްގެން ކޮންކުރީޓުން ބިނާ ކޮށްފައިވާ ޢިމާރާތެއް ސުންނާފަތިކޮށް, ބިމާ ހަމަކޮށްލެވޭނެއެވެ.
މީގެ އިތުރުން, އެމެރިކާގެ ހަތިޔާރު ޝިޕްމަންޓުތަކުގައި 500 ޕައުންޑުގެ 6,500 ބޮމާއި, 1,000 ބަސްޓަރ ބަންކަރ ބޮމާއި, 3,000އަށްވުރެ ގިނަ ހެލްފަޔަރ މަރުކާގެ މިސައިލް ހިމެނެއެވެ. މިއީ, އެމެރިކާއިން އިސްރާއީލަށް ފޮނުވާފައިވާ އެންމެ ބޮޑެތި އަދި އެންމެ ނުރައްކާތެރި ހަތިޔާރުތަކުގެ ލިސްޓެވެ. މީގެ އިތުރުން ވެސް, ކުދި ހަތިޔާރުގެ ގޮތުގައި ބެލެވޭ ގިނަ ޢަދަދެއްގެ ހަތިޔާރު އެމެރިކާއިން ޔަހޫދީންނަށް ފޮނުވާފައިވެއެވެ. މި ހުރިހާ ހަތިޔާރެއްގެ އަގު 6.7 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާނެ ކަމުގައި ބައިޑަން ސަރުކާރުގެ އޮފިޝަލަކު ބުންޏެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ޔޫކްރެއިނަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ފޮނުވަމުންދާ ހަތިޔާރުތަކުގެ ލިސްޓު އެމެރިކާއިން ދަނީ ޢާންމު ކުރަމުންނެވެ. ނަމަވެސް, މުސްލިމުންގެ ގެދޮރަށް ބޮންއެޅުމުގައި ބޭނުން ކުރަން އިސްރާއީލަށް ފޮނުވަމުންދާ ހަތިޔާރުތަކުގެ ބާވަތްތަކާއި ޢަދަދުތައް ރައީސް ޖޯ ބައިޑަންގެ ސަރުކާރުން އޮތީ ސިއްރު ކޮށްފައެވެ. އެ މަޢުލޫމާތު ރަސްމީކޮށް ހާމައެއް ނުކުރެއެވެ.
ނަން ހާމަ ކޮށްފައި ނުވާ ދެ އޮފިޝަލެއް މެދުވެރިކޮށް އެމެރިކާ ސަރުކާރުން މި މަޢުލޫމާތު މީޑިޔާއާ ހިއްސާ ކޮށްފައި މި ވަނީ, އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން އެމެރިކާއިން މެދުކަނޑައިލާފައިވާ ކަމަށް ބުނެ ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަަޒީރު ބެންޖަމިން ނަތަންޔާހޫ ބައިޑަނަށް ފާޑު ކިޔާފައިވާ ދަނޑިވަޅެއްގައެވެ. މިއީ, ނަތަންޔާހޫގެ ތުހުމަތުތައް ދޮގު ކުރުމުގެ ގޮތުން އެމެރިކާއިން ޢާންމު ކޮށްފައިވާ މަޢުލޫމާތެއް ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.
"އެމެރިކާއިން އިސްރާއީލަށް ފޯރުކޮށްދެމުންދާ ހަތިޔާރުގެ ލިސްޓަށް ބަލައިލުމުން އިނގެނީ, [ޣައްޒާގެ މުސްލިމުން ޝަހީދު ކޮށް ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޢުދުވާނަށް] އެމެރިކާއިން ފުރިހަމައަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭ ކަން،" ސެންޓަރ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަރނޭޝަނަލް ސްޓަޑީޒްގެ ހަތިޔާރާ ބެހޭ މާހިރެއް ކަމުގައިވާ ޓޮމް ކަރަކޯ ވިދާޅުވިއެވެ.
ޔަހޫދީންގެ ލާއިންސާނީ ޢުދުވާން ފެށި ފަހުން އެމެރިކާއިން ޔަހޫދީންނަށް ފޯރުކޮށްދީފައިވާ ފަނާކުރަނިވި ބައެއް ހަތިޔާރުތަކުގެ ޢަދަދުތައް މީޑިޔާއަށް ތިލަވުމުން ވައިޓް ހައުސުން ވަނީ މި ކަމާ މެދު އެއްޗެއް ހާމަ ކުރަން ދެކޮޅު ހަދާފައެވެ. ވޮޝިންގޓަނުގައި ހުންނަ އިސްރާއީލުގެ އެމްބަސީން ވެސް އިސްކޮށްފައި ވަނީ ހަނު ހުރުމެވެ.
ހަތިޔާރުތަކުގެ ލިސްޓު ޢާންމުވުމާ އެކު, ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި އެމެރިކާގެ ބައިވެރިވުން އޮތް މިންވަރު މި ވަނީ ހާމަވެގެން ގޮސްފައެވެ. ނަމަވެސް, ބައިޑަންގެ ސަރުކާރުން ދަނީ އެ ކަން ފޮރުވަން މަސައްކަތް ކުރަމުންނެވެ. އަދި, ޢުދުވާން ހުއްޓުވަން ޔަހޫދީންނަށް ބާރުއަޅަމުންދާ ކަން ދުނިޔޭގެ ލޯތަކަށް ދެއްކުމުގެ ގޮތުން މަޝްވަރާތަކުގައި ވެސް ބައިވެރިވަމުންނެވެ.
މީގެ އަށް މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 37,834އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 86,858އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.