ކުޅިވަރު

މެސީ އާއި ރޮނާލްޑޯ ދުނިޔެ ކޮންޓްރޯލް ކުރުން ގޯސް، ލަމީން އާއި ނިކޯއާމެދު ފަހުރުވެރިވަން: ސަނިޔޯލް


މިރޭގެ މެޗަކީ ޖޯޖިއާ އަށް ވަރަށް ހާއްސަ މެޗެކެވެ. މި ފަހަރުގެ ޔޫރޯ އަކީ އެ ގައުމުގެ ބައިނަލް އަގްވާމީ ބޮޑު ފުރަތަމަ މުބާރާތް. ގްރޫޕް ސްޓޭޖް ފަހަނަ އަޅައި ކުރިއަށް ދެވުމަކީ މިހާރު ވެސް އެމީހުންނަށް ފުދި އިތުރު މިންވަރެކެވެ. ނަމަވެސް ކޯޗު ފްރާންސްގެ ކުރީގެ ޑިފެންޑަރު ވިލީ ސަނިޔޯލް ހުރީ މިވަރުން ފުއްދާލާކަށްނޫނެވެ.

ޖޯޖިއާގެ ފުޓްބޯޅައިގެ ކުރިއެރުމަކީ ފާއިތުވެދިޔަ 2015 ވަނަ އަހަރުން ފެށިގެން ކުރީގެ ކުޅުންތެރިޔާ ލެވަން ކޮބިއާޝްވިލީ ފުޓްބޯޅަ ފެޑަރޭޝަނާ ހަވާލިވެގެން ގެނައި ބަދަލުތަކެވެ. އޭނާ ހަވާލުވިއިރު ފުޓްބޯޅަ އަކީ އެންމެ މަގުބޫލު ކުޅިވަރެއްނޫނެވެ. ގައުމީ ކެޕްޓަން ގުރަމް ކަޝިއާ އަކީ މިފަދަ މިސާލެކެވެ. ކަޝިއާގެ ބައްޕަ ނަސޭހަތްތެރިވީ ރަގްބީ ކުޅުމަށެވެ. އެކަމަކު ކޮއްކޮގެ ވިސްނުމުގެ ތެރެއިން ފުޓްބޯޅައިގައި ފައިތިލަ ސާބިތުކޮށް އޭނާ އަކީ މިހާރު ޓީމަށް 116 މެޗު ކުޅެދީ ޓީމުގައި ހުރި އެންމެ ހަރު ކުޅުންތެރިޔާ އެވެ.

ކޮބިއާޝްވިލީ ހަވާލުވިއިރު އަހަރެއްގެ މައްޗަށް ޖޯޖިއާގައި ފުޓްބޯޅަ ބަލައި އުޅެނީ ދެ ލައްކައެއްހާ މީހުންނެވެ. ނަމަވެސް މި އަދަދު މިހާރު ވަނީ 2.1 މިލިއަނަށް ބަދަލުކޮށްފަ އެވެ. ޖޯޖިއާގެ ފުޓްބޯޅައިގެ އިންފްރާންސްޓްރަކްޗާ ވަރުގަދަ ކުރުމާއި ދަނޑުތައް އަޅައި ސްކޫލްތަކާއި އެކަޑަމީތަކާ ގުޅިގެން އޭނާ ފެށި ޕްރޮގްރާމުގެ ނަތީޖާ އަކަށްވީ މަޑުމަޑުން ޖޯޖިއާގެ ކުޅުންތެރިން ހުނަރު މަތިވެ، ޔޫރަޕުގެ ގަދަ ލީގުތަކަށް ގެންދަން ފެށުމެވެ. ސްޕޭނުގެ ވެލެންސިއާ އަށް ކުޅޭ ގޯލްކީޕަރު މަމްޑާޝްވިލީ އާއި އިޓަލީގެ ނަޕޯލީ އަށް ކުޅޭ ކްވީޗާ ކަވަރަސްކޭލިއާ ފަދަ ކުޅުންތެރިންނަކީ މިހާރު އެއަށްވުރެ ބޮޑެތި ކުލަބުތަކުން ގެންދަން ބޭނުންވާ ކުޅުންތެރިންނެވެ.

މި ފަހަރުގެ ޔޫރޯ އަށް ޓީމު ކޮލިފައިވުމާއެކު މި ޓީމުގެ އެންމެހާ މެމްބަރުންނަށް ޖޯޖިއާ ސަރުކާރުންވަނީ ގައުމީ ބަތަލުންގެ ޝަރަފު އަރުވައިފަ އެވެ. އަދި އެ ގައުމުގެ ގައުމީ ބޭންކުން ވަނީ ފުރަތަމަ ފަހަރަށް ބޮޑު މުބާރާތަކަށް ކޮލިފައިވި ޓީމުގެ ޝަރަފުގައި ފައިސާ ފޮއްޗެއް ވެސް ތައާރަފްކޮށްފަ އެވެ. އެކަމަކު ގައުމުގެ އެތެރޭގެ ދާހިލީ އަރައިރުންވުންތަކުގެ ތެރެއަށް ކުޅުންތެރިން ވަނުމަކީ މަދެއްކޮށް ހިނގާ ކަމެއްނޫނެވެ. މިހާރު ވެސް ކުޅުންތެރިން އެދަނީ ޖޯޖިއާގެ ޕާލަމެންޓުން ފާސްކުރަން އުޅޭ ފޮރިން ޕޮލިސީ ބިލަކީ ރަޝިޔާ އަށް މަދަދުވެރިވެދޭނެ ބިލެއް ކަމަށް ބުނެ ފާޅުގައި ފާޑުކިޔަމުންނެވެ.

ޖޯޖިއާގެ ކޯޗު ވިލީ ސަނިޔޯލް އަށް އަޅައިގަތީ ސްޕޭނުގެ އަރިމަތިން ކުޅޭ ހަލުވި ދެ ކުޅުންތެރިން. އުމުރުން 16 އަހަރުގެ ލަމީން ޔަމާލް އާއި 21 އަހަރުގެ ނިކޯ ވިލިއަމެވެ. ސަނިޔޯލް ބުނީ އޭނާގެ އުމުރުން 21 އަހަރުގައި އެ ދެކުޅުންތެރިންނަށް ލިބުނު ފަދަ ފުރުސަތެއް ނުލިބުނު ކަމަށާއި އެހާ ޒުވާން އުމުރެއްގައި ގައުމު ތަމްސީލުކޮށް ދުނިޔެ ހައިރާންކޮށްލުމަކީ އާދަޔާ ހިލާފު ހުނަރަކުން ނޫނީ ނުވާނެ ކަމެއް ކަމަށެވެ.

އޭނާ ބުނީ މިދިޔަ 15 ވަރަކަށް އަހަރު ދުނިޔޭގެ ފުޓްބޯޅަ އަށް އައި އެންމެ ބޮޑު ހަރީފުކަމަކީ ލަޔޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އެކަނި ފުޓްބޯޅަ ހިސާރުކޮށްލުން ކަމަށާއި ނަމަވެސް ސްޕޭންގެ ޒުވާން ކުޅުންތެރިންގެ ވިދުވަރާއެކު މިކަންކަން ބަދަލުވެގެންދާތީވެ އުފާކުރާ ކަމަށެވެ.

ސްޕޭން ކޮޅަށް ގޯލެއް ޖެހުމަކީ އިދިކޮޅު ޓީމަށް ކުރަން ފަސޭހަކަމަކަށް ނުވިޔަސް ސަނިޔޯލް ބުނީ އޭނާގެ ޓީމުން މިރޭ ސްޕޭނުގެ ވަރުގަދަ އެޓޭކްގެ ފައިދާ ނަގަން ފުރުސަތު ހޯދާނެ ކަމަށެވެ އެކަން ކުރެވޭނީ ޓީމެއްގެ ގޮތުގައި ކެތްތެރިކަމާއެކު ތިބެގެން ކަމަށާއި ބައިކޮޅަށް ގޯލެއް ނުވައްދައި ހޭދަކުރެވޭ ކޮންމެ މިނިޓަކީ އޭނާގެ ޓީމަށް އެޑްވާންޓޭޖެއް ކަމަށާއި މާޔޫސްވާނީ މުބާރާތުގެ ތަށީގެ ހުވަފެން ދެކެމުންދާ ޓީމު ކަމަށެވެ.

ނަމަވެސް މިއީ ސްޕޭން ޖެހިލުންވާނެ ވާހަކަތަކެއްނޫން. ބައިނަލް އަގްވާމީ ފުޓްބޯޅައިގައި މި ދެ ޓީމު މިހާތަނަށް ހަތް ފަހަރު ބައްދަލުކޮށްފައިވާއިރު ޖޯޖިއާ އަށް ކުރި ލިބުނީ 2016 ވަނަ އަހަރު އެކަންޏެވެ. އެއީ ވެސް ސްޕޭނުގެ ވިދިވިދިގެން ދެ ޔޫރޯ ކާމިޔާބުކޮށް ރަންޖީލެއްގެ ނިމުމާއި އަރަމުން އައި ޖީލެއްގެ މެދުތެރެއިން ވީ ކަމެކެވެ. މީގެ ހެއްކަކީ ސްޕޭނުގެ މިތިބި ޒުވާން ކުޅުންތެރިން މި ފަހަރުގެ ޔޫރޯ ކޮލިފައިންގައި ޖޯޖިއާ 7-1އިން ބަލިކުރުމެވެ. މިއީ ޖޯޖިއާގެ ފުޓްބޯޅައިގެ ހަޔާތުގައި ވެސް ބައިކޮޅަށް ހަތް ގޯލުވަން ފުރަތަމަ ފަހަރެވެ. ނަމަވެސް ސްޕޭނުގެ ކޯޗު ލުއިސް ޑެލަފުއެންޓޭ ބުނީ އޭނާގެ ޓީމު މެޗަށް ނުކުންނާނީ އިދިކޮޅު ޓީމަށް ވަރަށް ބޮޑަށް އިހްތިރާމްކޮށްގެން ކަމަށާއި ކޮންމެ މެޗަކީ ވެސް އާ ފެށުމެއް ކަމަށެވެ.