ޚަބަރު

ހިތްވަރު ގަދަ ޖޯޖިޔާ ބަލިކޮށް، މޮޅަށް ކުޅެ ސްޕެއިން ކްއާޓާ ފައިނަލަށް


ހިތްވަރު ގަދަ ޖޯޖިޔާ ބަލިކޮށް، މޮޅަށް ކުޅެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކްއާޓާ ފައިނަލުން ސްޕެއިން ޖާގަ ހޯދައިފި އެވެ. ސްޕެއިން ކްއާޓާ ފައިނަލަށް ދަތުރުކުރީ 4-1 ން ޖޯޖިޔާ ބަލިކޮށްގެންނެވެ.

ނޮކްއައުޓް ބުރުގައި ޖޯޖިޔާގެ މައްޗަށް ސްޕެއިން ކުރި ހޯދީ، ޖޯޖިޔާއިން ފުރަތަމަ ލަނޑު ޖަހާ ކުރިހޯދާފައި ވަނިކޮށެވެ. މުބާރާތުގައި ސްޕެެއިން ކޮޅަށް ވަން ފުރަތަމަ ލަނޑަކީ މެޗުގައި ޖޯޖިޔާއިން ސްޕެއިން ހާފްތެރެއަށް ނަގައިދިން ފުރަތަމަ ބޯޅަ ސްޕެއިން ޑިފެންޑަރ ލެ ނޯމަންޑް ގައިގަ ޖެހިފަ ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ އަރިމަތިން ޑިފެންޑަރ ކަކަބަޒް ކުރިއަށް އަރާ އޭރިޔާ ތެރެއަށް ނަގައިދިން ބޯޅައެކެވެ. ސްޕެއިން ޑިފެންޑަރ ލެ ނޯމަންޑް ގައިގަ ޖެހި ބައިކޮޅަށް ގޯލް ވަނުމުގެ ސަބަބަކަށްވީ ޖޯޖިޔާ ފޯވާޑް ކްވިޗާ ކްވަރަސްކޭލިއާ އެވެ. އޭނާ ބޯޅައަށް ރަނގަޅަށް އަރާ މަސައްކަތް ކުރުމުން ޕްރެޝަރަށް ގޮސް ނޯމަންޑް އަތުން ބައިކޮޅަށް ވަނީއެވެ. މިއީ މިމުބާރާތުގައި ބައިކޮޅަށް ވަން 8 ވަނަ ގޯލެވެ.

ސްޕެއިން އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ 38 ވަނަ މިނިޓްގައި މިޑްފީލްޑަރ ރޮޑްރީ އެވެ. އޭރިޔާ ތެރެއިން ނިކޯ ވިލިއަމް ފޮނުވާލި ބޯޅަ ކީޕަރު އަތުން ޖައްސާ ކުޅުމުގެ ތެރެއަށް އައި ވަގުތު ސްޕެއިން އިން ތަނަވަސްކުރި ފުރުޞަތެއްގައި ރޮޑްރީ ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ ވެސް މެޗުގައި މޮޅަށް ކުޅުނު ނިކޯ ވިލިއަމް އެވެ. ރޮޑްރީ ނިކޯ އަށް ޖައްސާލި ބޯޅަ ދެވަނަ ފަހަރަށް ގޯލް އޭރިޔާ ރޮނގުމަތީގައި ހުރި ރޮޑްރީއަށް ޖައްސާލުމުން ވައަތު ފައިން އެއްފަހަރުން ފޮނުވާލުމުން ބޯޅަ އަމާޒުވީ ގޯލްގެ ތިރީ ކަނަށެވެ. ގޯލް ބަލައިގަތީ ވީއޭއާރުން ޗެކް ކުރުމަށްފަހު އެވެ. އެއީ މޮރާޓާ އޮފްސައިޑް ކަމަށް ބެލެވޭތީ އެވެ.

ސްޕެއިން އިން މެޗުގައި ލީޑް ނެގީ ފަބިއަން ރުއިޒް ޖެހި ލަނޑުންނެވެ. 50 ވަނަ މިނިޓްގައި ޑީއޭރިޔާ ތެރެއިން ލިބުނު ހިލޭޖުހުން ޔަމާލް ފޮނުވާލުމުން ކީޕަރު އަތުން ޖައްސާ ކުޅުމުގެ ތެރެއަށް ފޮނުވާލި ނަމަވެސް އެބޯޅައިން ތަނަވަސްކުރި ފުރުސަތެއްގައި ފަބިއަން ރުއިޒް ލަނޑު ޖެހީވެސް ޔަމާލް ގޯލް އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ.

ސްޕެއިންގެ ތިންވަނަ ލަނޑު ޖެހީ ލަނޑު ޖަހަން ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްދިން ނިކޯ ވިލިއަމްސް އެވެ. އޭނާ ލަނޑު ޖެހީ 75 ވަނަ މިނިޓްގައި އަމިއްލަ ހާފްގައި ހުރެ އަރިމަތިން ބޯޅައާއެކު ކުރިއަށް އަރާ އޭރިޔާ ތެރެއަށް ވަދެ, މަތިން ގޯލްގެ ދުރު ކަނަށް ފޮނުވާލައިގެން ނެވެ.

ސްޕެއިންގެ ހަތަރު ވަނަ ލަނޑު ބަދަލަކަށް ނިކުއިން އޮލްމޯ ޖެހީ 80 ވަނަ މިނިޓްގައެވެ. ޑީއޭރިޔާ ތެރޭގައި ހުރެ ތިރިތިރިން ފޮނުވާލި ބޯޅަ ވަނީ ގޯލްގެ ކަނަށެވެ. މެޗުން ސްޕެއިން ބޮޑު މޮޅެއް ހޯދިޔަސް ޖޯޖިޔާއިން ވަނި ހިތްވަރުގަދަ ކުޅުމެއް ދައްކާފައެވެ. ޚާއްޞަކޮށް ކައުންޓަރ ތަކުގައި ސްޕެއިންގެ ފަހަތަށް ބާރު ބޮޑު ކުރިއެވެ.

މެޗުގައި ފުރަތަމަ ފުރުޞަތު ލިބުނީ ޕެޑްރީ އަށެވެ. އެކަމަކު 4 ވަނަ މިނިޓްގައި ޑެނީ ކަވާހަލް އަރިމަތިން ނަގައިދިން ހުރަސް އޭރިޔާތެރެއިން ޕެޑްރީ އަށް ފޮނުވާލެވުނީ ކީޕަރު އަތަށެވެ. 15 ވަނަ މިނިޓްގައި ނެގި ކޯނަރު އޭރިޔާ ތެރެއިން ލަޕޯޓް ބޮލުން ފޮނުވާލުމުން ވެސް ގޯލާ އަމާޒެއް ނުވި އެވެ. އެ ބޯޅައިގަ ބާރެއްވެސް ނެތެވެ. 26 ވަނަ މިނިޓްގައި ވެސް ޕެޑްރީ އަށް ރަނގަޅު ފުރުޞަތެއް ލިބުނެވެ. އެކަމަކު އޭރިޔާ ބޭރުން ޕެޑްރީ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. ފުރަތަމަ ހާފްގެ ފަހު ދިހަ މިނިތްގެ ތެރޭގައި އޭރިޔާ ބޭރުން ކުކުރޭލާ ތިރިތިރިން ފޮނުވާލި ބޯޅަ ދިފާއު ކުރީ ކީޕަރެވެ. އެބޯޅަ ކީޕަރު އަތުން ޖައްސާ ކުޅުމުގެ ތެރެއަށް ފޮނުވާލީ އެވެ.

ދެވަނަ ހާފް ފަށައިގެން ދެވަނަ މިނިޓްގައި ސްޕެއިން ކުޅުންތެރިން ހެދި ގޯހެއްގައި ޖޯޖިޔާއަށް ރަނުގެ ފުރުޞަތެއް ލިބުނެވެ. އަމިއްލަ ހާފްގެ މެދަކާ ހިސާބުން ބޯޅައާއެކު ކުރިއަށް ޖެހި މެދުރޮނގާ ހިސާބުން ކްވިޗާ ކްވަރަސްކޭލިއާ ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ. އޭނާ ބޯޅަ ކުރިއަށް ފޮނުވާލީ ސްޕެއިން ކީޕަރު ސިމޯން ކުރިއަށް ނިކުމެ ހުރުމުންނެވެ.

62 ވަނަ މިނިޓްގައި ޖޯޖިޔާ ކުޅުންތެރިންނަށް ވެސް ގޯހެއް ހެދުނެވެ. ބޯޅަ ޖައްސާލެވުނީ ޑީއޭރިޔާ ތެރޭގައި ހުރި ޔަމާލް އަށެވެ. އެކަމަކު ޔަމާލް ބޯޅައާއެކު ކުރިއަށް ޖެހިލުމަށްފަހު ފޮނުވާލި ނަމަވެސް ގޯލާ އަމާޒެއް ނުވިއެވެ. 73 ވަނަ މިނިޓްގައި ޔަމާލް ލަނޑެއް ޖެހިވެސް މެއެވެ. ގޯލްއޭރިޔާ ތެރެއަށް އޭނާ ޖައްސާލި ބޯޅަ ޖޯޖިޔާ ޑިފެންޑަރު ފައިގަ ޖެހިފަ ބައިކޮޅަށް ވަން ނަމަވެސް, ރެފްރީ ނިންމީ ޔަމާލް އޮފްސައިޑް ކަމަށެވެ. މެޗުގެ ފަހު ދިހަ މިނިޓްގެ ތެރޭގައިވެސް ލަނޑު ޖަހަން ޔަމާލް އަށް ފުރުޞަތު ލިބުނެވެ. އެކަމަކު ގޯލް އޭރިޔާ ކަނާ ދިމާލުން އެތެރެއަށް ވަދެ ފޮނުވާލެވުނީ ކީޕަރާ ދިމާލަށެވެ.

ކްއާޓާ ފައިނަލްގައި ސްޕެއިން ވާދަކުރަން ޖެހޭނީ ޖަރުމަނާ އެވެ. ޖޯޖިޔާ ސްޕެއިން އަތުން ބަލިވެ ކެޓިޔަސް، އެމީހުން އެނބުރި ގައުމަށް ދާނީ އިސް އުފުލައިގެންނެވެ.