ޚަބަރު

ބިލިއަނެއްހާ ޑޮލަރުގެ ތަރައްޤީގެ މަޝްރުޢޫތައް ކުރިއަށް އެބަދޭ


ދިވެހިރާއްޖޭ ތަރައްޤީކުރުމަށްޓަކައި ސަރުކާރުން ހިންގަވަމުންގެންދަވާ މަޝްރުޢޫތަކުގެ އަގު ބިލިއަނެއްހާ ޑޮލަރަށް އަރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިބްރާހިމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުގައި ރާއްޖޭގައި ބިލިއަނެއްހާ ޑޮލަރުގެ މަޝްރުޢޫތައް ފަށްޓަވައިގެން ކުރިއަށްގެންދަވަނީ ޤައުމުގެ ހާލަތު ބަދަލުކޮށް، ޤައުމު ތަރައްޤީކުރައްވަންކަމަށް ވިދާޅުވިއެވެ. އަދި ތަރައްޤީގެ ބޮޑެތި މަޝްރުޢޫތަކެއް ސަރުކާރުން ހިންގަމުންދަނީ ހަމައެކަނި މާލެ ސަރަޙައްދު ތަރައްޤީކުރެއްވުމުގެ ބޭނުންފުޅުގައި ނޫންކަމަށާއި، މިއީ ދިވެހިރާއްޖެ ރީތި ޖާޒީރާ ރަށްތަކެއްގެ ގޮތުގައި ބޭއްވުމަށްވެސް މުހިއްމު މަސައްކަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/6223.jpg|މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވާލަދޭނެ ބްރިޖު / 2018 މޭމަހު މިބްރިޖުގެ މަސައްކަތް ނިމެނޭ

ރައީސްގެ ވާހަކަފުޅުގައި ތަރައްޤީގެ މަޝްރުޢޫތައް އިތުރުވަމުންދަނީ، މަޝްރުޢޫތަކަށް ލޯނު ލިބުމުގައި ފަސޭހަ އަދި ލުއި ގޮތްތަކެއް ހަމަޖެހެމުންދާތީކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ލުއި ގޮތްތަކެއް ހަމަޖެހިފައިވާ ދުވަސްވަރެއްގައި އޭގެ ފައިދާ ނަގާ، ޤައުމު ތަރައްޤީކުރައްވަން ބޭނުންފުޅުވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުޑަ ޤައުމެއްގެ ގޮތުގައި އޮތް ނަމަވެސް ތަރައްޤީގެ ރޭހުގައި އެހެން ޤައުމުތަކާއި ވާދަކުރަން ބޭނުންފުޅުވާކަމަށް ރައީސް ވިދާޅުވިއެވެ. 

އަދި އެމަސައްކަތްކުރުމަށް އެއަރޕޯޓުގެ ތަރައްޤީއަކީ އެންމެ މުހިއްމު ކަންތައްކަމަށް، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓަށް 50 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވިއެވެ.