ޚަބަރު

ޓެކްނޮލޮޖީ ބޭނުންކޮށްގެން ލާމަރުކަޒީ ނިޒާމު ކުރިއަރުވަން ވާވޭއާއެކު މަޝްވަރާކޮށްފި


  • ސައިބަރ ސެކިޔުރިޓީއަށް އޮތް ނުރައްކާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި

  • ޑިޖިޓަލް ސިޓީއެއް ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި

ފަންނިއްޔާތު ނުވަތަ ޓެކްނޮލޮޖީ ބޭނުންކޮށްގެން ލާމަރުކަޒީ ނިޒާމު ކުރިއަރުވަން ދުނިޔޭގެ މަޝްހޫރު އިލެކްޓްރޯނިކް އާލާތްތައް އުފައްދާ ޗައިނާގެ ވާވޭ ޓެކްނޮލޮޖީސް ކޮންޕެނީއާއެކު ރާއްޖެއިން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު، ގްލޯބަލް ސިސްޓަމް ފޯ މޮބައިލް ކޮމިޔުނިކޭޝަންސް، ޖީއެސްއެމްއޭގެ ދަޢުވަތަކަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ޖީއެސްއެމްއޭއަކީ މޮބައިލް ފޯނު އުފެއްދުމާއި ތަރައްޤީކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ކުންފުނިތައް ހިމެނޭ ޖަމުޢިއްޔާއެކެވެ. ވަޒީރުގެ މި ދަތުރުފުޅުގައި ޖީއެސްއެމްއޭގެ މެންބަރު ކުންފުނިތަކާއި މޮބައިލް ފޯނުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއެކު މަޝްވަރާކުރައްވާފައިވެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ޓެލެކޮމިޔުނިކޭޝަނާއި ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްޤީކުރުމާ ގުޅޭގޮތުން ޖީއެސްއެމްއޭއާއި ވާވެއިއާއެކު މަޝްވަރާކުރެއްވި ކަމަށެވެ. މިކަން ކުރުމުގައި ރާއްޖެއަށް އެހިތެރިވެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މޮބައިލް ވޯލްޑް ކޮންގްރެސް، އެމްޑަބްލިޔުސީގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެމްޑަބްލިޔުސީއަކީ މޮބައިލް ނެޓްވަރކިންގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކާއި ފަރާތްތައް އެއްތަނަކުން ބައްދަލުވުމަށް މަގުފަހިކޮށްދޭ ކޮންފަރެންސެކެވެ. މިއީ އޭޝިއާގައި މިގޮތަށް ބޭއްވޭ އެންމެ ބޮޑު ކޮންފަރެންސެވެ. މިއަހަރުގެ ކޮންފަރެންސް ބާއްވާފައިވަނީ ޗައިނާގެ ޝަންހާއީގައެވެ. މި ކޮންފަރެންސް އިންތިޒާމްކުރަނީ ޖީއެސްއެމްއޭއިންނެވެ.

ވަޒީރު ވަނީ އެމްޑަބްލިޔުސީ ކޮންފަރެންސްގެ ތެރެއިން ބާއްވާ ރައުންޑް ޓޭބަލް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައެވެ. އެމްޑަބްލިޔުސީ ރައުންޑް ޓޭބަލްގައި ކުރިއަށްދާ މަޝްވަރާތަކުގެ ރިޔާސަތުގައި އިންނަވާނީ ޖީއެސްއެމްއޭގެ ރީޖަނަލް ނުވަތަ ސަރަހައްދީގޮތުން ކައިރީގައި އޮންނަ ޤައުމުތަކަށް ކަނޑައަޅާފައި ހުންނަ ލީޑަރެވެ. މި ބައްދަލުވުންތަކުގައި ޤައުމުތަކުގެ އިސްވެރިންނާއި ކުންފުނިތަކާއި މޮބައިލް ނެޓްވަރކިން ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ބައިވެރިވިއެވެ.

އެ ބައްދަލުވުމާއި ގުޅޭގޮތުން ވަޒީރު ވިދާޅުވީ އާޓިފިޝަލް އިންޓަލެޖެންސް ކުރިއަރައިދިއުމާއެކު ސައިބަރ ސެކިޔުރިޓީއަށް އޮތް ނުރައްކާތަކާއި އެ ނުރައްކާތަކުން އަރައިގަތުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި ޑިޖިޓަލް ސިޓީއެއް ޤާއިމްކުރުމާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިކަމަށް ވަޒީރު ވިދާޅުވިއެވެ.

ގްލޯބަލް ސިސްޓަމް ފޯ މޮބައިލް ކޮމިޔުނިކޭޝަންސް، ޖީއެސްއެމްއޭގައި 750 އަށްވުރެ ގިނަ މޮބައިލްގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި، މޮބައިލް ފޯނު އުފެއްދުމާއި ތަރައްޤީކުރުމުގެ ދާއިރާގައި މަސައްކަތްކުރާ 400 އަށްވުރެ ގިނަ ކުންފުނި މެންބަރުންގެ ގޮތުގައި ހިމެނެއެވެ.