ޚަބަރު

އެއަރޕޯޓުގެ އާ ޓަރމިނަލް އެޅުމަށް ބޭނުންވާ ފަންޑު ހަމަޖެހިއްޖެ


އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓްގެ އާ ޓާމިނަލް އެޅުމަށް ބޭނުންވާ ފަންޑު ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން އިޢުލާންކޮށްދެއްވީ، އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓްގެ ރަންޔޫބިލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަޝްރޫއަށް ވީއިރު، އިއްޔެއާ ހަމައަށްވެސް އެންމެ ކަންބޮޑުވުން އޮތީ، ފަންޑު ދޭން ތިބި ފަރާތްތަކުގެ ޔަގީންކަން ނުލިބުމުން ކަމަށެވެ. ނަމަވެސް ސަރުކާރުން ކުރި ބުރަ މަސައްކަތުން، ފަންޑު ހަމަޖެހިފައިވާކަން މިއަދުގެ ވަގުތެއްގައި ކަށަވަރުވި ކަމަށް ރައީސް ވިދާޅުވިއެވެ.

އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއަށް މިހާރު ލިބިފައިވާހުރި ފަންޑުން އެކަން ނުކުރެވޭނަމަ، ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން، ދައުލަތުގެ ބަޖެޓުންވެސް އެ ފައިސާ ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.