ކެރިބިޔަންގެ އިރުދެކުނުގައި އޮންނަ ރަށްތަކަށް ކެޓެގަރީ 5ގެ ބާރުގަދަ ތޫފާނެއް ކަމުގައިވާ ބެރިލްގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. މި ތޫފާނާ ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ގްރެނާޑާގެ ރަށެއް ކަމުގައިވާ ކުރިކޫއަށެވެ. އެމެރިކާގެ ތޫފާންތަކާ ބެހޭ އިދާރާ (އެންއެޗްސީ)ން ބުނީ, ކެޓެގަރީ 4ގައި ކުރިން މިންކުރެވުނު ތޫފާން މިހާރު ކެޓެގަރީ 5އަށް ބާރުގަދަވެފައިވާ ކަމަށާއި, ތޫފާންގެ އަމާޒު ހުރީ ޖެމެއިކާގެ ރަށްތަކާ ދިމާލަށް ކަމުގައެވެ. މި ތޫފާނާ ގުޅިގެން އެކަކު މަރުވިއެވެ.
ތޫފާން ބެރިލް ކުރިކޫއަށް އަރާފައި ވަނީ ކެޓެގަރީ 4ގެ ތޫފާނެއްގެ ގޮތުގައެވެ. ތޫފާނާ ގުޅިގެން ގްރެނާޑާގައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅާފައި އޮތް ނަމަވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އޭގެ ތެރޭގައި ޢާންމުންގެ ގެދޮރު ހަލާކުވުމާއި, މަގުތަކުގައި ފެންބޮޑުވުމުގެ އިތުރުން ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާ ގިނަ ޢަދަދެއްގެ ހޮޅިދަނޑި ވެއްޓި, އެ ޚިދުމަތް މެދުކެނޑުނެވެ. އަދި އައްސޭރިފަށުގެ ސަރަޙައްދުތަކަށް އުދަ އަރާފައިވެއެވެ.
އެންއެޗްސީން ބުނީ, މި ތޫފާނާ ގުޅިގެން ކުރިކޫގެ ސަރަޙައްދުތަކަށް ގަޑިއަކު 240 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހިފައިވާ ކަމުގައެވެ. މި ތޫފާނުގެ ނުރައްކާ ގްރެނާޑާ އެންޑް ސެއިންޓް ވިންސެންޓްގެ އިތުރުން ގްރެނަޑީންސްގެ ސަރަޙައްދުތަކަށް ވެސް ފޯރިއެވެ.
ގްރެނާޑާގެ ބޮޑުވަޒީރު ޑިކޯން މިޗެލް ވިދާޅުވީ, ތޫފާނާ ގުޅިގެން ކުރިކޫގެ ބޮޑު ސަރަޙައްދަށް ބިމާ ހަމަވެފައިވާ ކަމުގައެވެ. ތޫފާނާ ގުޅިގެން ހިނގި ހާދިސާތަކުގައި އެކަކު މަރުވެފައި ވަނީ އެ ރަށުންނެވެ. އަދި, ކުރިކޫގެ އިތުރުން ޕެޓީޓް މާރްޓިނީކުން ވެސް މުވާސަލާތީ ޚިދުމަތްތައް ވަނީ މެދުކެނޑިފައެވެ. މިޗެލް ވިދާޅުވީ, ތޫފާނުގެ ސަބަބުން އެ ސަރަޙައްދުތަކަށް ލިބިފައިވާ ގެއްލުން އަންދާޒާ ކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ.
ޖެމެއިކާއަށް ދިމާލަށް ތޫފާން ބެރިލް މިސްރާބު ޖެހުމާ ގުޅިގެން އެ ޤައުމުން ވެސް ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ. ޖެމެއިކާގެ އިތުރުން ޑޮމިނިކަން ރިޕަބްލިކާއި ހެއިޓީގެ ސަރަޙައްދުތަކަށް ވެސް ތޫފާނުގެ ނުރައްކާ ފޯރާނެ ކަމުގައި މޫސުން ލަފާ ކުރާ ފަރާތްތަކުން އަންދާޒާ ކުރެއެވެ.
ތޫފާން ބެރިލްއަކީ އެޓްލާންޓިކް ކަނޑުގެ ތޫފާން މޫސުމުގައި މި އަހަރު އުފެދުނު ފުރަތަމަ ބާރުގަދަ ތޫފާނެވެ. މޫސުން ދިރާސާ ކުރާ މާހިރުން ބުނީ, މިއީ އެވުރެޖުކޮށް ތޫފާންތައް އުފެދެން ފަށާ ތާރީޚަށްވުރެ ކުރިން އުފެދިފައިވާ ތޫފާނެއް ކަމުގައެވެ. އަދި, ތޫފާނުގެ ނުރައްކާތެރިކަން ކެޓެގަރީ 4އަށް އުފުލިފައި ވަނީ ވެސް ކުއްލިއަކަށް ކަމުގައެވެ. އެޓްލާންޓިކް ކަނޑުގައި ތޫފާން އުފެދޭ މޫސުން އާންމު ގޮތެއްގައި ޖޫން މަހުގެ ކުރީކޮޅުން ފެށިގެން ނޮވެންބަރު މަހާ ހަމައަށް ދެމިގެން ދެއެވެ.
މޫސުމީ ބަދަލުތަކާ ގުޅިގެން, އެޓްލާންޓިކް ކަނޑުގެ އުތުރުގެ ސަރަޙައްދުތަކުގައި ފިނިހޫނުމިން ވަނީ އާދަޔާ ޚިލާފަށް އުފުލިފައެވެ. މި ކަމާ ގުޅިގެން, އެ ސަރަޙައްދުގައި އުފެދޭ ތޫފާންތަކުގެ ބާރާއި ނުރައްކާތެރިކަން އިތުރުވަމުންދާ ކަމުގައި މޫސުމީ މާހިރުން ބުންޏެވެ.
މޫސުން ދިރާސާ ކުރާ އެމެރިކާގެ ނޭޝަނަލް ސެންޓަރ ފޯ އެޓްމޮސްފެރިކް ރީސަރޗްގެ ސައިންސްވެރިއެއް ކަމުގައިވާ ކްރިސްޓޮފަރ ރޮޒޮފް ވިދާޅުވީ މޫސުމީ ބަދަލުތަކާ ގުޅިގެން އެޓްލާންޓިކް ކަނޑުގައި އުފެދޭ ތޫފާންތަކުގެ ބާރުގަދަވެ, ނުރައްކާތެރިކަން އިތުރުވެފައިވާ ކަމުގައެވެ. މޫސުމީ ދާއިރާގެ އެހެން މާހިރެއް ކަމުގައިވާ އެންޑްރާ ގާނަރ ވިދާޅުވީ, ތޫފާން ބެރިލް ކެޓެރެގަރީ 1ން ކެޓެގަރީ 4ގެ ބާރުގަދަ ތޫފާނަކަށް ބަދަލުވާން 10 ގަޑިއިރު ވެސް ހޭދަ ނުވާ ކަމުގައެވެ.
އެމެރިކާގެ ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަނުން ބުނީ, މި އަހަރުގެ ތޫފާން މޫސުމުގައި އުފެދޭ ތޫފާންތަކުގެ ޢަދަދު އިތުރުވާނެ ކަމުގައެވެ. މިއީ, ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން އުފުލުމާ ގުޅިގެން ކުރިމަތިވެފައިވާ ނުރައްކާތެރިކަމެއް ކަމުގައި އެ އިދާރާއިން ހާމަކުރިއެވެ.