އެމެރިކާއިން އުފައްދާ އެފް-16 މަރުކާގެ އަސްކަރީ މަތިންދާބޯޓުތައް ޔޫކްރެއިންގެ ފައުޖުތަކުން ބޭނުން ކުރުން ހުއްޓުވަން ރަޝިޔާއިން މަސައްކަތް ފަށައިފިއެވެ. އެމެރިކާއިން އެފް-16 މަރުކާގެ މަތިންދާބޯޓުތައް ޔޫކްރެއިންގެ އަސްކަރިއްޔާއަށް ފޯރުކޮށްދެމުން ދަނީ ނޭޓޯގެ އެހެން މެންބަރު ޤައުމުތައް މެދުވެރިކޮށެވެ. އެފް-16އަކީ ރަޝިޔާގެ ވައިގެ ސިފައިންގެ ފައުޖާ ކުރިމަތިލުމުގެ ގާބިލުކަން ލިބިފައިވާ އަސްކަރީ މަތިންދާބޯޓެކެވެ.
ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނޭޓޯގެ މެންބަރު ޤައުމުތަކުން ޔޫކްރެއިނަށް އެ މަރުކާގެ އަސްކަރީ މަތިންދާބޯޓުތައް ފޮނުވަން ފަށާނެއެވެ. އެއާ އެކު, ޔޫކްރެއިންގެ ސިޔާދަތާއި މިިނިވަން ކަމުގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ ފައުޖުތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ޔޫކްރެއިނުން ގަބޫލު ކުރެއެވެ. އަދި, ރަޝިޔާގެ ޙަމަލާތަކުގައި ބޭނުން ކުރަމުންދާ ގްލައިޑެޑް ބޮން ފަދަ ބައެއް ހަތިޔާރު ދިފާޢު ކުރަން އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ޔޫކްރެއިންގެ ފައުޖުތަކުން އެފް-16 މަރުކާގެ އަސްކަރީ މަތިންދާބޯޓުތައް ބޭނުން ކުރުން ހުއްޓުވަކީ ރަޝިޔާގެ އަސްކަރިއްޔާގެ މައިގަނޑު އަމާޒަކަށް ވަނީ ވެފައެވެ. އެ ކަމަށް ހުރަސް އެޅުމުގެ ގޮތުން ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ރަށްތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް އިތުރުކޮށް, ވަރުގަދަ ކޮށްފައެވެ. ރަޝިޔާގެ އަމާޒަކީ ޔޫކްރެއިންގެ އަސްކަރީ ވައިގެ ބަނދަރުތަކަށް ގެއްލުންދީ ނައްތައިލުމެވެ.
އެ ގޮތުން އެންމެ ފަހުން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޔޫކްރެއިންގެ ހުޅަނގުގައި އޮންނަ ކުޑަ ރަށެއް ކަމުގައިވާ ސްޓަރޮކޮސްތިޔަންތީނިވުގައި އޮންނަ ޔޫކްރެއިންގެ ވައިގެ ސިފައިންގެ މަރުކަޒަކަށެވެ. އެއީ, ޚްމައިލްނިޓްސްކީގައި އޮންނަ ރަށެކެވެ. އެއީ, އެ ރަށަށް ރަޝިޔާގެ ޙަމަލާތައް އަމާޒު ކޮށްފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. ރަޝިޔާއިން އެ ރަށަށް އެންމެ ފަހުން ދީފައިވާ ޙަމަލާތައް އެތަކެއް ގަޑިއިރަކަށް ދެމިގެން ދިޔައެވެ.
ނޭޓޯއިން ފޮނުވާ އެފް-16 މަރުކާގެ އަސްކަރީ މަތިންދާބޯޓުތައް ބޭނުން ކުރާނީ ކޮން ވައިގެ ބަނދަރުތަކެއްގައި ކަން ޔޫކްރެއިނުން ހާމަކޮށްފައެއް ނުވެއެވެ. 2022 ފެބުރުވަރީ 24ގައި ފެށި ހަނގުރާމައިގެ ކުރީކޮޅު ވެސް ރަޝިޔާއިން ޑްރޯނާއި ހައިޕަރސޮނިކް މިސައިލް ބޭނުން ކޮށްގެން ސްޓަރޮކޮސްތިޔަންތީނިވަށް ވަރުގަދަ ޙަމަލާތަކެއް ދީފައިވެއެވެ.
ސްޓަރޮކޮސްތިޔަންތީނިވުގައި އޮންނަ އަސްކަރީ ވައިގެ ބަނދަރަށް ރަޝިޔާއިން އެންމެ ފަހުން ދިން ޙަމަލާތަކާ ގުޅިގެން ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމުގައި ޔޫކްރެއިންގެ ވައިގެ ސިފައިންގެ ތަރުޖަމާނު ބުންޏެވެ. ނަމަވެސް, ޙަމަލާތަކުގައި ވައިގެ ބަނދަރަށް ލިބިފައިވާ ގެއްލުންތަކުގެ މަޢުލޫމާތު ސާފު ކޮށްދީފައެއް ނުވެއެވެ.
އަސްކަރީ ދާއިރާގެ މާހިރުން ބުނީ, ރަޝިޔާގެ ޙަމަލާތަކުގެ މައިގަނޑު ބޭނުމަކީ ވައިގެ ބަނދަރުތަކުގެ ރަންވޭތަކާއި, ތެލާއި ހަތިޔާރު ރައްކާކުރާ ގުދަންތަކާއި އެހެން ވަސީލަތްތައް ހަލާކުކޮށް, ނައްތައިލުން ކަމުގައެވެ. އެ ފަދަ ޙަމަލާތަކާ ގުޅިގެން އެފް-16 މަރުކާގެ އަސްކަރީ މަތިންދާބޯޓުތައް ބޭނުން ކުރަން ޔޫކްރެއިންގެ ފައުޖުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމުގައި ވެސް މާހިރުން ގަބޫލު ކުރެއެވެ.
ސްޓަރޮކޮސްތިޔަންތީނިވަށް ދީފައިވާ ޙަމަލާތަކާ ގުޅިގެން ޚްމައިލްނިޓްސްކީގެ ސަރަޙައްދީ ގަވަރުނަރު ސަރްހީ ޓިޔުރިން ވިދާޅުވީ ރަޝިޔާއިން ބޭނުން ކޮށްފައިވާ ނުވަ ޑްރޯނެއް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ. ޙަމަލާތަކުގެ ކުރިން ޔޫކްރެއިންގެ އަސްކަރިއްޔާއިން ވަނީ އެ ރަށުގެ ރައްޔިތުންނަށް އިންޒާރުކޮށް, ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އިރުޝާދު ދީފައެވެ. ޔޫކްރެއިންގެ ވައިގެ ސިފައިން ދިފާޢު ކުރި ޑްރޯންތަކުގެ ބައިތައް ވެއްޓި އެ ރަށުގެ ބައެއް ޢިމާރާތްތަކަށް ގެއްލުންވިއެވެ.
ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ ސްޓަރޮކޮސްތިޔަންތީނިވުގައި އޮންނަ އަސްކަރީ ވައިގެ ބަނދަރަށް ދީފައިވާ ޙަމަލާތަކުގައި ޔޫކްރެއިންގެ އަސްކަރިއްޔާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ. އެ ގޮތުން, އިސްކަންދަރު-އެމް މަރުކާގެ މިސައިލް ބޭނުން ކޮށްގެން ދީފައިވާ ޙަމަލާތަކުގައި ޔޫކްރެއިންގެ އަސްކަރިއްޔާގެ އެސްޔޫ-27 މަރުކާގެ ފަސް މަތިންދާބޯޓު ހަލާކު ކޮށްލާފައިވާނެ ކަމުގައި ވެސް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުންޏެވެ.
އޭގެ އިތުރުން, ޔޫކްރެއިންގެ ޕޮލްތަވާ ސަރަޙައްދުގައި އޮންނަ މިރްހޮރޮދް އަސްކަރީ ވައިގެ ބަނދަރަށް ވެސް ޙަމަލާ ދީފައިވާނެ ކަމަށާއި, އެ ޙަމަލާތަކުގައި ވެސް ޔޫކްރެއިންގެ އަސްކަރީ ދެ މަތިންދާބޯޓު ހަލާކު ކޮށްލާފައިވާނެ ކަމުގައި ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުންޏެވެ. ނަމަވެސް, ޔޫކްރެއިނުން އެ ޢަދަދުތައް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
"މިރްހޮރޮދް ވައިގެ ބަނދަރަަށް ރަޝިޔާއިން ޙަމަލާތަކެއް ދީފައިވޭ. ނަމަވެސް, ދުޝްމަނުން [ރަޝިޔާއިން] ބުނާ ފަދަ ގެއްލުންތަކެއް ލިބިފައެއް ނެތް. ހަނގުރާމަ ފެށުނު ފަހުން ރަޝިޔާއިން ދޭތެރެދޭތެރެއިން ދަނީ އެ ތަނަށް ޙަމަލާތައް އަމާޒު ކުރަމުން،" ޔޫކްރެއިންގެ ވައިގެ ސިފައިންގެ އޮފިޝަލެއް ކަމުގައިވާ ޔޫރީ އިހްނާތް ވިދާޅުވިއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ތެރެއިން ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީ ދޮންބާސްގައި އޮންނަ ލުހާންސްކާއި ދޮންޏެސްކުގެ އިތުރުން ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ވެސް ހިމެނެއެވެ. ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް ޔޫކްރެއިނުން ރައްދު ޙަމަލާގެ ކެމްޕޭނެއް ފެށި ނަމަވެސް, އެ ކެމްޕޭނުގެ ދަށުން ބޮޑެތި ކުރިއެރުންތަކެއް ހޯދިފައި ނުވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.