ޚަބަރު

ޔަހޫދީންނާ ގުޅުން އޮތް ހަތަރު އުޅަނދަކަށް ޙޫޘީން ޙަމަލާ ދީފި


ޔަހޫދީންނާއި އެ މީހުންގެ މަދަދުގާރުންނާ ގުޅުން އޮތް ހަތަރު އުޅަނދަކަށް ޔަމަނުގައި ޙަރަކާތްތެރިވާ ޙޫޘީ ޖަމާޢަތުން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ރަތް ކަނޑާއި ޢަރަބި ކަނޑާއި މެޑިޓެރޭނިޔަން ކަނޑުގެ އިތުރުން އިންޑިޔާ ކަނޑުން ދަތުރު ކުރަމުން ދިޔަ އުޅަނދުފަހަރަށެވެ.

އެ ޙަމަލާތަކުގެ މަޢުލޫމާތު ހާމަކުރައްވާފައި ވަނީ ޙޫޘީންގެ ތަރުޖަމާނު ޔަޙްހާ ސަރީޢު ޤާސިމެވެ. އޭނާގެ ވިދާޅުވީ ޢަރަބި ކަނޑުން ދަތުރު ކުރަމުން ދިޔަ ޔަހޫދީންގެ އާގުބޯޓު އެމްއެސްސީ ޔުނިފިކްގެ އިތުރުން ރަތް ކަނޑުން ދަތުރު ކުރަމުން ދިޔަ އެމެރިކާގެ ތެޔޮ އުފުލާ ޓޭންކަރު ޑިލޯނިކްސަށް ޙަމަލާތައް އަމާޒު ކޮށްފައިވާނެ ކަމުގައެވެ.

ޙޫޘީންގެ އިތުރު ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އިންޑިޔާ ކަނޑުގައި ދަތުރު ކުރަމުން ދިޔަ އިނގިރޭސިވިލާތުގެ އުޅަނދެއް ކަމުގައިވާ އެންވިލް ޕޮއިންޓާއި މެޑިޓެރޭނިޔަން ކަނޑުގައި ދަތުރު ކުރަމުން ދިޔަ ލަކީ ސެއިލަރގެ ނަން ދީފައިވާ އުޅަނދަކަށް ކަމުގައި ޤާސިމް ވިދާޅުވިއެވެ. ނަމަވެސް, އެމެރިކާއާއި އިނގިރޭސިވިލާތުގެ އުޅަނދުތަކަށް ޙަމަލާ ދީފައިވާ ކަން އެ ދެ ޤައުމުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ރަތް ކަނޑާއި ޔަމަން ވަށައިގެންވާ ސަރަޙައްދުތަކުގައި ޙޫޘީން ހިންގަމުންދާ އަސްކަރީ ޙަރަކާތަކީ ޔަހޫދީންނާ ދެކޮޅަށް ހިންގަމުންދާ ޙަރަކާތެކެވެ. އެއީ, 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ބާރު އެޅުމުގެ ގޮތުން ހިންގަމުންދާ ހިތްވަރުގަދަ އޮޕަރޭޝަނެކެވެ.

ޙޫޘީންގެ އަސްކަރީ އޮޕަރޭޝަންގެ ދަށުން ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޔަހޫދީން އިސްތިޢުމާތުކޮށްފައިވާ ރަށްތަކަށް މުދާ ގެންދާ އުޅަނދުފަހަރާއި ޔަހޫދީންގެ ކުންފުނިތަކަށް ނިސްބަތްވާ އަދި ޔަހޫދީންނާ ގުޅުން އޮތް ކުންފުނިތަކުން ހިންގާ އުޅަނދުފަހަރަށެވެ. ޙޫޘީންގެ ޙަމަލާތައް ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ޔަމަނަށް ބޮން އަޅަން ފެށުމާ ގުޅިގެން ޙޫޘީން ވަނީ އެ ދެ ޤައުމުގެ މަނަވަރުތަކަށް ވެސް ޙަމަލާތައް އަމާޒު ކުރަން ފަށާފައެވެ.

އެ ޙަރަކާތާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް މުދާ އުފުލުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. އެ ކަމުގެ ނޭދެވޭ އަސަރުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އިޤުތިޞާދުތަކަށް ދަނީ ފޯރަމުންނެވެ. އެ ކަމުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ފޯރާފައިވާ ޤައުމުތަކުގެ ތެރޭގައި އޭޝިޔާގެ ޤައުމުތައް ހިމެނެއެވެ. އަދި, މުދާ އުފުލުމުގެ ވިޔަފާރިއަށް ހުރަސް އެޅުމާ ގުޅިގެން އޭޝިޔާގެ ޤައުމުތަކުގެ ވިޔަފާރި ބަނދަރުތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.

ކަނޑު ދަތުރުފަތުރުގެ ވިޔަފާރި މޮނީޓަރ ކުރާ ލައިނަރލިޓިކާނުން ދާދިފަހުން ބުނީ ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި ބަނދަރުތަކުގެ ތޮއްޖެހުން ގޯސްނުވާ މިންވަރަށް މިހާރު ޙާލަތު ގޯސްވެފައިވާ ކަމުގައެވެ. އެ ކުންފުނިން ބުނީ, ހުޅަނގާއި އިރުމަތީގައިވާ ޤައުމުތަކުގެ މެދުގައި މުދާ އުފުލާ އާގުބޯޓުފަހަރުގެ ތެރެއިން 60 އިންސައްތަ އުޅަނދު މި ވަގުތު އޮތީ އޭޝިޔާގެ ބަނދަރުތަކުގައި މަޑުޖެހިފައި ކަމުގައެވެ. އަދި, މުދާ އުފުލުމަށް ބޭނުން ކުރާ 20 ފޫޓުގެ ކޮންޓެއިނަރުތަކުގެ ތެރެއިން 2.4 މިލިޔަނަށްވުރެ ގިނަ ކޮންޓެއިނަރު ޖޫން މަހުގެ މެދާ ހިސާބުން ފެށިގެން ބަނދަރުތަކުގައި ތާށިވެފައިވާ ކަމުގައެވެ.

ހޫޘީންނާއި ޢިރާޤުގައި ހަރަކާތްތެރިވާ އިސްލާމިކް ރެސިސްޓެންސް އިން ޢިރާޤު ގުޅިގެން އިސްރާއީލުގެ ބަނދަރެއްގައި އޮތް ހަތަރު އާގުބޯޓަކަށް ވެސް ވަރުގަދަ ޙަމަލާތަކެއް ދީފައިވެއެވެ. އަސްކަރީ ޑްރޯން ބޭނުން ކޮށްގެން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޔަހޫދީންގެ ޚައިފާ ބަނދަރުގައި އޮތް އާގުބޯޓުތަކަށެވެ.

ޔަމަންގެ އައްސޭރިފަށުގައި ޙޫޘީން ހިންގަމުންދާ އަސްކަރީ ޙަރަކާތްތައް ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އެ ގޮތުން, ރަތް ކަނޑުގެ ސަރަޙައްދަށް އެ ދެ ޤައުމުން ވަނީ އަސްކަރީ މަނަވަރުތައް ފޮނުވާފައެވެ. އަދި, ޙޫޘީން ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ދަނީ ޔަމަންގެ ޢާންމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކަށް ބޮން އަޅަމުންނެވެ.