ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މި ވަގުތު ހައްޔަރު ކޮށްފައި ހުރީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ކަމަށް އދގެ ވަރކިންގ ގުރޫޕަކުން ކަނޑައަޅައިފިއެވެ. ނުޤަވާޢިދުން ހައްޔަރު ކޮށްފައި ތިބޭ މީހުންގެ މައްސަލަ ބަލާ އދގެ ވަރކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން އެ ކަން ހާމަކޮށްފައި ވަނީ ޚާން ހައްޔަރު ކުރުމާއި, އޭނާއާއި އޭނާގެ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި) ޕާޓީއަށް ކުރިމަތި ކުރުވާފައިވާ ފިއްތުންތަކުގެ މައްސަލަ ދިރާސާ ކުރުމަށް ފަހު, އެ ކަމާ މެދު ދެކޭ ގޮތް ހާމަ ކުރުމަށް ޢާންމު ކުރި އެ އިދާރާގެ ފިކުރުގައެވެ.
އދގެ ވަރކިންގ ގްރޫޕުން ބުނީ އެ ކަމުގައި ޕާކިސްތާނުގެ ސަރުކާރަށް މި ވަގުތު އޮތް ހަމައެކަނި ހައްލަކީ ޚާން މިނިވަން ކުރުން ކަމުގައެވެ. އަދި, ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް އޭނާ ހައްޔަރުގައި ބަހައްޓާފައިވާ މައްސަލައިގައި ދަޢުވާކޮށް, ބަދަލު ހޯދުމުގެ ފުރުޞަތު ދިނުން ކަމުގައެވެ. ޚާން ވަގުތުން މިނިވަން ކުރުމަށް ވެސް އދގެ ވަރކިންގ ގްރޫޕުން ވަނީ ޕާކިސްތާނުުގެ ސަރުކާރަށް ގޮވައިލާފައެވެ.
ޚާން ހައްޔަރު ކޮށްފައިވާ މައްސަލަ ދިރާސާ ކުރުމަށް ފަހު އދގެ ވަރކިންގ ގްރޫޕުން ބުނީ, އޭނާ ހައްޔަރުކޮށް, ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމުން މަހުރޫމު ކުރުވާފައި ވަނީ ސިޔާސީ މަޤުޞަދެއް ހާސިލު ކުރަން ކަމަށް ގަބޫލު ކުރެވޭ ކަމުގައެވެ. އަދި, ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޕީޓީއައިއާ މެދު ވެސް ޕާކިސްތާނުގެ ސަރުކާރުން އަމަލު ކުރަމުންދާ ކަމަށް އދގެ ވަރކިންގ ގްރޫޕުން ކަނޑައަޅާފައިވެއެވެ.
އެ އިދާރާއިން ބުނީ, 2024ވަނަ އަހަރުގެ ޢާންމު އިންތިޚާބުގެ ކުރިން ޕީޓީއައިގެ ގިނަ ޢަދަދެއްގެ މެންބަރުންތަކެއް ހައްޔަރުކޮށް, އަނިޔާ ދީފައިވާ ކަން ތަޙުޤީޤަށް ހާމަވެފައިވާ ކަމުގައެވެ. އަދި, ސިޔާސީ ހަރަކާތްތައް ހިންގުމަށް އެ ޕާޓީއަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރުވާފައިވާ ކަމުގައެވެ. އޭގެ އިތުރުން, ޢާންމު އިންތިޚާބުގެ ނަތީޖާ އޮޅުވައިލައި, ޤާނޫނު ހަދާ މަޖިލީހުގެ ގިނަ ޢަދަދެއްގެ ގޮނޑި ވަގަށް ނަގާފައިވާ ކަމުގައި ވެސް އދގެ ވަރކިންގ ގްރޫޕުން ތުހުމަތު ކުރިއެވެ.
ވޮޝިންގޓަނުގައި ހުންނަ ޕާކިސްތާނުގެ އެމްބަސީން ވަނީ އެ ތުހުމަތުތަކާ ގުޅޭ ގޮތުން އެއްޗެއް ހާމަ ކުރަން ދެކޮޅު ހަދާފައެވެ. ނަމަވެސް, ޕާކިސްތާނުގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން ވަނީ އދގެ ވަރކިންގ ގުރޫޕުގެ ތުހުމަތުތައް ދޮގު ކޮށްފައެވެ. އަދި, އިންތިޚާބުގެ ނަތީޖާގެ ސައްޙަ ކަން ކަށަަވަރުކޮށް, އެއްވެސް އޮޅުވައިލުމެއް ނޯންނާނެ ކަމުގައި ވެސް އެ ކޮމިޝަނުން ބުންޏެވެ.
ޚާން ޖަލަށް ލާފައި ވަނީ ހުސްވި އަހަރުގެ އޮގަސްޓު މަހުއެވެ. ޚާނާ ދެކޮޅަށް ދަޢުވާކޮށް, ޙުކުމް ކޮށްފައި ވަނީ, މި އަހަރުގެ ފެބުރުވަރީ މަހު އެ ޤައުމުގައި ބޭއްވި ޢާންމު އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުޞަތު އޭނާއަށް ގެއްލުވައިލުމުގެ ގޮތުން ކަމަށް އދގެ ވަރކިންގ ގުރޫޕުން ގަބޫލު ކުރެއެވެ. ޚާނާ ދެކޮޅަށް ހުށަހަޅާފައިވާ ގިނަ ޢަދަދެއްގެ މައްސަލަތަކެއްގެ ޝަރީޢަތް މިހާރު ވެސް ދަނީ ހިންގަމުންނެވެ. ޚާންގެ އިތުރުން ޕީޓީއައިން ވެސް ބުނަމުން ދަނީ އޭނާއާ ދެކޮޅަށް އުފުލާފައި ވަނީ ސިޔާސީ ދަޢުވާތަކެއް ކަމުގައެވެ.
ފާއިތުވި މަސްތަކުގެ ތެރޭގައި ޕާކިސްތާނުގެ މަތީ ކޯޓުތަކުން ވަނީ, ޚާނާ ދެކޮޅަށް އިއްވާފައިވާ ބައެއް ޙުކުމްތައް ބާޠިލު ކޮށްފައެވެ. އޭގެ ތެރޭގައި އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްތައް ވެސް ހިމެނެއެވެ. އެ ގޮތުން ބާޠިލު ކޮށްފައިވާ ދަޢުވާތަކުގެ ތެރޭގައި ބޮޑުވަޒީރު ކަމުގެ މަޤާމުގައި ހުންނެވި އިރު ނުޤަވާޢިދުން ހަދިޔާ ހޯއްދަވައި, އެ ތަކެތިން ވިޔަފާރިކޮށް, ވިޔަފާރީގެ ނަފާ ހޯއްދެވުމާއި, ދަޢުލަތުގެ ސިއްރުތަކެއް ހާމަ ކުރުމުގެ ދަޢުވާ ހިމެނެއެވެ.
އެ ދަޢުވާތައް ބާޠިލުކޮށްފައިވީ ނަމަވެސް, ޚާން މިނިވަން ކޮށްފައެއް ނުވެއެވެ. އޭނާ މިހާރު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ އޭނާގެ ކައިވެނީގެ ސައްޙަކަމާ މެދު ސުވާލު އުފައްދައި އުފުލާފައިވާ ދަޢުވާއެއް ސާބިތުވުމާ ގުޅިގެންނެވެ. މީގެ އިތުރުން, ޓެރެރިޒަމް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ޚާންގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކެއްގެ ޝަރިޢަތް ވެސް މިހާރު ދަނީ ހިނގަމުންނެވެ.
2018ވަނަ އަހަރު ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް އިންތިޚާބުވި ޚާންގެ ވެރިކަން ވެއްޓުނީ 2022ވަނަ އަހަރުއެވެ. އެ ކަމުގެ ފަހަތުގައި އޮތް މައިގަނޑު ސަބަބަކީ, ޕާކިސްތާނުގެ ބާރުގަދަ އަސްކަރިއްޔާއާއި ޚާންގެ ސަރުކާރާ ދެމެދު އޮތް ގުޅުން ހީނަރުވުމެވެ. ޚާން ތުހުމަތު ކުރައްވާ ގޮތުގައި, އޭނާއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ޤާނޫނު ހަދާ މަޖިލީހަށް ވައްދައި, ފާސްކޮށްފައި ވަނީ އަސްކަރިއްޔާގެ ބާރާއި ނުފޫޒުންނެވެ. އެ ކަމުގައި އެމެރިކާގެ ބައިވެރިވުން އޮތް ކަމަށް ވެސް ޚާން ތުހުމަތު ކުރައްވައެވެ.