ސައިން ލެންގުއޭޖް ދަސްކޮށްދިނުމުގެ ކޯސްތަކެއް ހިލޭ ހިންގަން ވަރަށް އަވަހަށް ފައްޓަވާނެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
އިޖްތިމާޢީ ކޮމިޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވާ ވާހަކަދައްކަވަމުން ވަޒީރު ޢައިޝަތު ޝިހާމް ވިދާޅުވީ ސައިން ލެންގުއޭޖް ދަސްވެފައިވާ މީހުން ރާއްޖޭގައި މަދުކަމުން ސައިން ލެންގުއޭޖް ދަސްކޮށްދިނުމުގެ ކޯސްތަކެއް ވަރަށް އަވަހަށް ފައްޓަވާނެކަމަށް ކަމަށެވެ.
ޢައިޝަތު ޝިހާމް ވިދާޅުވީ ކޯސްތައް ކުރިއަށްގެންދާނީ އޮންލައިންކޮށް ކޮންމެ މީހަކަށްވެސް ކޯހަށް އެކްސެސްވެވޭ ގޮތަށް ކަމަށެވެ. އޭރުން މިކޯސް ކޮންމެ މީހަކަށްވެސް ފުރިހަމަކުރެވޭނެއެވެ. ވަޒީރު ވިދާޅުވީ މިފަދަ ކޯހެއްގެ ސަބަބުން އޮފީހާއި ގެއާއި ސްކޫލްތަކުގައި އުޅޭ ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ މުޢަމަލާތުކުރަން ދަސްކުރަން ފަސޭހަވާނެ ކަމަށެވެ.
"ގަވާއިދުގައި އެބަ ބުނޭ ސަރުކާރުގެ ކޮންމެ ވުޒާރާއަކާއި މުއައްސަސާއެއްގައިވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚިދުމަތްދެވޭ ފެންވަރުގެ މީހުން ތިބެން ވާނެ. އަދި އަޅުގަނޑުމެން އެބަޖެހޭ ޚިދުމަތް ދެވޭ ފެންވަރަށް މީހުން ތަމްރީންކުރަންވެސް. މި މަސައްކަތް މިހާރު މިދަނީ ކުރަމުން." ވަޒީރު ވިދާޅުވިއެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން ވަޒީރު ޢައިޝަތު ޝިހާމް ވިދާޅުވީ ރާއްޖޭގައި ސައިކޯ ސޯޝަލް ސަޕޯޓް ނުވަތަ ނަފްސާނީ އެހީތެރިކަންދެވޭ ފެންވަރުގެ މީހުންވެސް މަދުކަމަށެވެ. އެގޮތުން ކައުންސެލިންއާއި ސައިކޯ-ތެރަޕީ ދޭ މީހުން ތަމްރީންކުރުމުގެ މަސައްކަތްވެސް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ ކުރިންވެސް ރާއްޖޭގައި ސައިން ލެންގުއޭޖް ދަސްކޮށްދިނުމުގެ ކޯސްތަކެއް ހިންގާފައިވެއެވެ.