ޚަބަރު

ޔަހޫދީންގެ ޚައިފާ ބަނދަރަށް ޙޫޘީން އަނެއްކާވެސް ވަރުގަދަ ޙަމަލާތަކެއް ދީފި


ޔަމަންގައި ޙަރަކާތްތެރިވާ ޙޫޘީ ޖަމާޢަތުންނާއި ޢިރާޤުގައި ޙަރަކާތްތެރިވާ އިސްލާމިކް ރެސިސްޓެންސް އިން ޢިރާޤުން ޔަހޫދީންގެ ޚައިފާ ބަނދަރަށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.

ޚައިފާގެ ބަނދަރަށް ދިން ޙަމަލާއާ ގުޅޭގޮތުން ޙޫޘީންގެ ތަރުޖަމާނު ޔަޙްޔާ ސަރީޢު ޤާސިމް ވިދާޅުވީ އެ ޙަމަލާ ދިނުމަށް ޚާއްޞަ މަރުކާއެއްގެ މިސައިލްތަކެއް ބޭނުން ކޮށްފައިވާނެ ކަމުގައެވެ. ނަމަވެސް, ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޚައިފާ ބަނދަރުގެ ކޮން ތަނަކަށް ކަން އޭނާ ސާފުކޮށްދެއްވާފައެއް ނުވެެއެވެ. އަދި, ޚައިފާ ބަނދަރަށް ޙޫޘީން ޙަަމަލާ ދީފައިވާކަން ޔަހޫދީ ސަރުކާރުން ވެސް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ދާދި ފަހުން ވެސް ޙޫޘީންނާއި އިސްލާމިކް ރެސިސްޓެންސް އިން ޢިރާޤާ ގުޅިގެން ޚައިފާ ބަނދަރަށް ޙަމަލާ ދީފައިވެއެވެ. އަސްކަރީ ޑްރޯންތަކެއް ބޭނުން ކޮށްގެން ޙޫޘީން ޙަމަލާ ދީފައި ވަނީ އެ ބަނދަރުގައި އޮތް ހަތަރު އާގުބޯޓަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ މުދާ އުފުލާ ދެ އާގުބޯޓާއި ސިމެންތި އުފުލާ ދެ ބޯޓެވެ.

އެއީ, ރަތް ކަނޑާއި ޔަމަން ވަށައިގެންވާ ސަރަޙައްދުތަކުގައި ޙޫޘީން ހިންގަމުންދާ އަސްކަރީ ޙަރަކާތުގެ ދަށުން ދީފައިވާ ޙަމަލާތަކެކެވެ. އެއީ, 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ބާރު އެޅުމުގެ ގޮތުން ހިންގަމުންދާ ހިތްވަރުގަދަ އޮޕަރޭޝަނެކެވެ.

ޙޫޘީންގެ އަސްކަރީ ޙަރަކާތުގެ ދަށުން ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ރަށްތަކަށް މުދާ ގެންދާ އުޅަނދުފަހަރާއި ޔަހޫދީންގެ ކުންފުނިތަކަށް ނިސްބަތްވާ އަދި ޔަހޫދީންނާ ގުޅުން އޮތް ކުންފުނިތަކުން ހިންގާ އުޅަނދުފަހަރަށެވެ. ޙޫޘީންގެ ޙަމަލާތައް ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ޔަމަނަށް ބޮން އަޅަން ފެށުމާ ގުޅިގެން ޙޫޘީން ވަނީ އެ ދެ ޤައުމުގެ މަނަވަރުތަކަށް ވެސް ޙަމަލާތައް އަމާޒު ކުރަން ފަށާފައެވެ.

އެ އޮޕަރޭޝަންގެ ދަށުން މި ހަފުތާގެ ކުރީކޮޅު ޙޫޘީން ވަނީ ޔަހޫދީންނާއި އެ މީހުންގެ މަދަދުގާރުންނާ ގުޅުން އޮތް ހަތަރު އުޅަނދަކަށް ވެސް ޙަމަލާ ދީފައެވެ. އެ ޙަމަލާތަކުގެ މަޢުލޫމާތު ހާމަ ކުރައްވަމުން ޤާސިމް ވިދާޅުވީ ޢަރަބި ކަނޑުން ދަތުރު ކުރަމުން ދިޔަ ޔަހޫދީންގެ އާގުބޯޓު އެމްއެސްސީ ޔުނިފިކްގެ އިތުރުން ރަތް ކަނޑުން ދަތުރު ކުރަމުން ދިޔަ އެމެރިކާގެ ތެޔޮ އުފުލާ ޓޭންކަރު ޑިލޯނިކްސަށް ޙަމަލާތައް އަމާޒު ކޮށްފައިވާނެ ކަމުގައެވެ.

ޙޫޘީންގެ އިތުރު ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އިންޑިޔާ ކަނޑުގައި ދަތުރު ކުރަމުން ދިޔަ އިނގިރޭސިވިލާތުގެ އުޅަނދެއް ކަމުގައިވާ އެންވިލް ޕޮއިންޓާއި މެޑިޓެރޭނިޔަން ކަނޑުގައި ދަތުރު ކުރަމުން ދިޔަ ލަކީ ސެއިލަރގެ ނަން ދީފައިވާ އުޅަނދަކަށް ކަމުގައި ޤާސިމް ވިދާޅުވިއެވެ. ނަމަވެސް, އެމެރިކާއާއި އިނގިރޭސިވިލާތުގެ އުޅަނދުތަކަށް ޙަމަލާ ދީފައިވާ ކަން އެ ދެ ޤައުމުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ހުސްވި އަހަރުގެ ނޮވެންބަރު މަހު ޙޫޘީން ފެށި އަސްކަރީ ޙަރަކާތުގެ ދަށުން ދެ އާގުބޯޓު ފައްތާލައި ތިން ބޯޓެއް ހިސާރު ކޮށްފައިވެއެވެ. ޙޫޘީންގެ އަސްކަރީ ޙަރަކާތުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް މުދާ އުފުލުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. އެ ކަމުގެ ނޭދެވޭ އަސަރުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އިޤުތިޞާދުތަކަށް ދަނީ ފޯރަމުންނެވެ. އެ ކަމުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ފޯރާފައިވާ ޤައުމުތަކުގެ ތެރޭގައި އޭޝިޔާގެ ޤައުމުތައް ހިމެނެއެވެ. އަދި, މުދާ އުފުލުމުގެ ވިޔަފާރިއަށް ހުރަސް އެޅުމާ ގުޅިގެން އޭޝިޔާގެ ޤައުމުތަކުގެ ވިޔަފާރި ބަނދަރުތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.

ޔަމަންގެ އައްސޭރިފަށުގައި ޙޫޘީން ހިންގަމުންދާ އަސްކަރީ ޙަރަކާތްތައް ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އެ ގޮތުން, ރަތް ކަނޑުގެ ސަރަޙައްދަށް އެ ދެ ޤައުމުން ވަނީ އަސްކަރީ މަނަވަރުތައް ފޮނުވާފައެވެ. އަދި, ޙޫޘީން ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ދަނީ ޔަމަންގެ ޢާންމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކަށް ބޮން އަޅަމުންނެވެ.